މިދިޔަ ފެބްރުއަރީ މަސް ނިމުމުގެ ކުރިން ރާއްޖޭގައި އެންމެ ކުޑަމިނުން ދެވޭ އުޖޫރަ ނުވަތަ މިނިމަމް ވޭޖް ކަނޑައަޅައި، އިއުލާނު ކުރައްވާނެކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ކުރިން ވިދާޅުވެފައިވީނަމަވެސް ފެބްރުއަރީ މަސް ނިމުނުއިރުވެސް މިނިމަމް ވޭޖު ކަނޑައެޅިފައި ނުވާތީ މިނިސްޓަރު މައާފަށް އެދިވަޑައިގެންފިއެވެ.
މިކަމާގުޅިގެން އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް ކުރެއްވި މިއަދު ޓްވީޓެއްގައި ވިދާޅުވީ މިނިމަމް ވޭޖު ކަނޑައެޅުމަށް އެމަނިކުފާނު ވިދާޅުވި މުއްދަތު ފަހަނަ އަޅައި ހިނގައްޖެ ކަމަށާއި އެކަމަށް މައާފަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި އުއްމީދު ކުރެވުނީ ފެބްރުއަރީ މަސް ނިމުމުގެ ކުރިން މިނިމަމް ވޭޖު ކަނޑައެޅޭނެ ކަމަށެވެ.
މިނިސްޓަރ ފައްޔާޒު ވިދާޅުވީ މި މައްސަލަ ވަނީ މަޖިލީހަށް ފޮނުވިފައިކަމަށާއި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މަޖިލީހުގެ ލަފަޔެއް މިކަމިގައި ލިބޭނެ ކަމަށް އުއްމީދު ކުރެވޭކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެއް ކަމަށްވާ އެންމެ ކުޑަމިނުން ދެވޭނެ އުޖޫރަ ނުވަތަ މިނިމަމް ވޭޖެއް ކަނޑައެޅުމަށް މިނިމަމް ވޭޖު އެޑްވައިޒަރީ ބޯޑުން ލަފާއރުވާފައިވަނީ ރާއްޖޭގައި ދެވޭ އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި 6،400 ރުފިޔާ ކަނޑައެޅުމަށާއި، ޓޫރިޒަމް ދާއިރާއާއި ސިވިލް ސާވިސްގައި މަސައްކަތްކުރާ މީހުންނަށް މިނިމަމް ވޭޖުގެ ގޮތުގައި 6،400 އާ 8،600 ރުފިޔާއާ ދެމެދުގެ އަދަދެއް ކަނޑައެޅުމަށެވެ.