ފުރަތަމަ ފަހަރަށް ރާއްޖޭގައި ކުރި ކޮވިޑް19 ގެ ޓެސްޓް ގެ ނަތީޖާ ނެގަޓިވް ވެފައިވާކަމަށް ހެލްތް މިނިސްޓްރީން ބުނެފިއެވެ.
މިކަމާގުޅިގެން ހެލްތް މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އައިޖީއެމްއެޗްގައި ނިއުމޯނިއާ އަށް ފަރުވާ ދެމުންދާ މީހަކު ކޮވިޑް-19 އަށް މިއަދު ޓެސްޓް ކުރި ކަމަށާއި އޭނާ އެ ވައިރަހަށް ނެގެޓިވް ވެފައިވާ ކަމަށެވެ. އަދި މިއީ ރާއްޖޭގައި އެފަދަ ޓެސްޓެއް ކުރި ފުރަތަމަ ފަހަރު ކަމަށާއި އަދިި އެ ވައިރަސް ފެތުރޭ ގައުމަކަށް ދަތުރު ނުކުރިޔަސް، ނިއުމޯނިއާ ނުވަތަ އަރިދަފުސް ރޯގާ ޖެހިިގެން ސީރިއަސް ހާލަތަކަށް ދާ މީހުން ޓެސްޓް ކުރަން ފަށާފައިވާ ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.
ހެލްތް މިނިސްޓްރީން ބުނެފައިވަނީ ކޮވިޑް19ގެ ހާލަތު ދަނީ ވަރަށް ރަނގަޅަށް މޮނީޓާ ކުރަމުން ކަމަށާއި ރާއްޖެއަށް ބަލި އަތުވެދާނެތީ އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުންދާ ކަމަށެވެ.
އަދި މި ބަލި ރާއްޖެ އިން ފެނިއްޖެ ނަމަ، އެކަމުގެ މައުލޫމާތު ހާމަކުރާނެ ކަމަށް ވެސް ހެލްތް މިނިސްޓްރީގެ ބަޔާނުގައިވެއެވެ.