ބައެއް މީހުން، އެމީހުންނާއިމެދު ވާހަކައެއް ފަތުރާއިރަށް ކަންބޮޑުވެ ތެޅިފޮޅިގަނެއެވެ. އެވާހަކައަށް ރައްދުދޭން އަވަސްވެގަނެއެވެ. އެވާހަކަ ފެތުރި މީހާ ހޯދައި މަޝްވަރާކުރަން އަވަސްވެގަނެއެވެ. އަދި އެމީހަކާއިއެކު ޑީލްތައްވެސް ހަދައެވެ.
ޞަހާބީންގެ ޒަމާނުގައި އެބޭކަލުން ޢަމަލުފުޅު ކުރެއްވެވީ އެގޮތަކަށް ނޫނެވެ. ފަތުރާ ގިނަ ވާހަކަތަކާއި އަޅުއްވަވައިވެސް ނުލައްވަވައެވެ. އެންމެ ބޮޑުވަރަކަށްވެސް ކުރައްވަވާ ކަމަކީ ރަސޫލް (ޞޢވ) އަށް އެކަމެއް ހުށަހެޅުއްވެވުމެވެ.
މިތަފާތު ފެނިގެން މިދަނީ އިންސާނުންގެ ކިބައިގައި ހުންނަން ޖެހޭ ތެދުވެރިކަމާއި ސާބިތުކަން ނެތުމުންނެވެ. އެމީހާ ހުރީ ޙައްޤު ގޮތުގައިކަން ޔަޤީންކުރެވޭ މީހާ. އެހެން މީހުން ދައްކާ ވާހަކައަކަށް ކަންބޮޑެއް ނުވާނެއެވެ.
ދޮގު އިލްޒާމެއް އަޅުވައިފިނަމަ ޙަޤީޤަތް ހާމަކުރުމަކީ ތަފާތު ކަމެކެވެ. ނަމަވެސް އެ އިލްޒާމް އެޅުވި މީހާ ހޯދައި ޑީލް ހަދާނަމަ އެކަމުން އެނގެނީ އެމީހާގެ ކިބައިގައި ސާބިތުކަމެއް ނެތްކަމެވެ.
ކޮންމެ މީހަކީވެސް ތެދުވެރިއަކު ކަމުގައިވާނަމަ އެމީހާގެ ތެދުވެރިކަން މާކެޓް ކުރާކަށް ނުޖެހޭނެއެވެ. މީސްތަކުންނަށް އެނގޭނެއެވެ. ޔަޤީންވެސް ކުރެވޭނެއެވެ. އެފަދަ މީހުންނާއިމެދު މީހުން ފަތުރާ ދޮގު ވާހަކަ ޤަބޫލެއްވެސް ނުކުރާނެއެވެ! ފޭލިވާނީ ފެތުރި މީހެކެވެ.
ޙައްލަކީ ކުރާ ކޮންމެ ކަމެއްގައިވެސް ﷲ ތަޢާލާއަށް ތެދުވެރިވުމެވެ. ﷲ ތަޢާލާއަށް ތެދުވެރި މީހަކު ނިކަމެތި ކުރެވޭނެ ބައަކު ނުތިބޭނެއެވެ. ﷲ ތަޢާލާއަށް ތެދުވެރި މީހަކު ބަދުނާމެއްވެސް ނުކުރެވޭނެއެވެ. ﷲ ތަޢާލާއަށް ތެދުވެރި މީހާ، އޭނާ ކުރާ ކޮންމެ ޢަމަލެއްގައިވެސް ތެދުވެރިވާނެއެވެ! ކޮންމެ މީހަކާއިމެދު ކުރާ ޢަމަލުވެސް ﷲ ތަޢާލާ ބައްލަވައިވޮޑިގެންވާކަން ޤަބޫލުކޮށް ބިރުވެތިވާނެއެވެ!
--އިސްލާމީ ތިލަފަތުގެ ދަރުސަކުން
ރާއްޖޭގެ ފަހުގެ ތާރީޚަށް ބަލައިފިނަމަ ރައީސް އިބްރާހީމް ނާޞިރުގެ ވެރިކަމުގައި ސުމުއްވުލްއަމީރު ޢަބްދުއްސައްތާރު ފާމުލަދޭރިކިލެގެފާނުގެ ލަޤަބް އެރުވި ޢަބްދުއްސައްތާރު މޫސާ ދީދީ އަކީ ތެދުވެރިކަމުގައި ލާމަސީލު ބޭފުޅެއްކަން އެންމެންވެސް ޤަބޫލުކުރެއެވެ. އެމަނިކުފާނުގެ އަމިއްލަފުޅު ދިރިއުޅުއްވުމުން އެކަމުގެ ހެކިތައް ފެންނަން އެބަހުއްޓެވެ.