ވަޒީފާއާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުތައް އަލުން މުރާޖައާ ކުރަނީ!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 7ސ
ވަޒީފާއާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުތައް އަލުން މުރާޖައާ ކުރަނީ!

ވަޒީފާއާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުތައް އަލުން މުރާޖައާ ކުރައްވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ފަރާތުން ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހްމަދު އީސާ އެވެ.

ވަޒީފާއާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ މުހިންމު އިސްލާހުތަކުގެތެރޭގައި ހިމެނެނީ ޕްރޮބޭޝަނަށް ގިނަވެގެން ހިމެނޭނެ މުއްދަތު ހަ މަހަށް އިތުރު ކުރުމާއި އަދި މިހާރު ވެސް ގާނޫނުގައި އޮންނަ ގޮތަށް ޕްރޮބޭޝަންގެ މުއްދަތުގައި އެއްވެސް ނޯޓިހެއް ދިނުމެއް ނެތި އެއްބަސްވުން ބާތިލް ކުރުމުގެ ބާރު އޮންނަގޮތަށެވެ. އަދި ސާވިސް ޗާޖް ބެހުމުގައި މުވައްޒަފުން މަސައްކަތްކުރި ގަޑިއިރަށް ބެލުމުގެ އިހްތިޔާރު ވަޒީފާ ދޭ ފަރާތްތަކަށް ލިބުމާއި ގަޑިޖެހޭ މުވައްޒަފުންނާއި ހާޒިރުނުވާ މުވައްޒަފުންނަށް ހާޒިރުނުވާ ނިސްބަތުން ސާވިސް ޗާޖުން އުނި ކުރެވޭގޮތަށެވެ. މީގެއިތުރުން ވެސް އިސްލާހުތަކެއްވެއެވެ.

މިއިސްލާހާމެދު އާންމުންގެ ފާޑުކިޔުން އަމާޒުވުމުން މިނިސްޓަރ ފައްޔާޒު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މި އިސްލާހުތަކަކީ މިހާރު އަމަލުކުރަމުންދާ ގާނޫނުގައި ހުރި މައްސަލަތަކަށް ހައްލެއް ގެނައުމުގެ ގޮތުން ސަރުކާރުން ހުށަހެޅި އިސްލާހުތަކެއް ކަމަށާއި މިހާރު ހުށާހަޅާފައިހުރި އިސްލާހުތަކަށްވުރެ ރަނގަޅު އިސްލާހުތަކެއް އެކަންކަމަށް ހޯއްދަވަން މަސައްކަތް ކުރައްވާނެ ކަމަށެވެ.

 

މިއަދު އޮންލައިން