މަފުށީ ޖަލުގައި ހިނގި ހަމަނުޖެހުންތައް ފުލުހުން ތަހުގީގު ކުރަނީ

ކިޔުމަށް ހޭދަވާނީ 1މ 19ސ
މަފުށީ ޖަލުގައި ހިނގި ހަމަނުޖެހުންތައް ފުލުހުން ތަހުގީގު ކުރަނީ

މިމަހުގެ 20 ވީ ބުރާސްފަތިދުވަހު މާފުށީ ޖަލުގައި ހިނގި ހަމަނުޖެހުންތައް ތަހުޤީޤުކުރަމުންދާކަމަށް ފުލުހުން ބުނެފިއެވެ.

 

ފުލުހުން ބުނީ ޖަލުގައި ހިނގި ހަމަނުޖެހުންތަކާއި ގުޅިގެން ތިން މައްސަލައެއް އެ އިދާރާއިން ބަލަމުންދާކަމަށެވެ. މި ގޮތުން ބަލަމުންދާ އެއް މައްސަލައަކީ ޤައިދީއަކު ޖަލު ބަލަހައްޓާ އޮފިސަރަކަށް ހަމަލާދީ މާރާމާރީ ހިނގި މައްސަލައެއްކަމަށެވެ.

 

މީގެ އިތުރުން މިދިޔަ އާދީއްތަ ދުވަހުގެ ހަވީރު 04:45 ހާއިރު މާފުށީ ޖަލުގެ މައި ދޮރާށި ކުރިމަތީގައި ބަޔަކު ހަޅޭލަވާ ހަޅުތާޅު ކުރިކަމުގެ މައްސަލައެއްވެސް ހުށައެޅިފައިވާކަމަށާއި، އެ މައްސަލަވެސް ތަޙުޤީޤުކުރަމުންދާކަމަށް ފުލުހުން ބުނެއެވެ.

 

މާފުށީ ޖަލުގައި 6 ޤައިދީއަކަށް ޖަލު ބަލަހައްޓާ އޮފިސަރުން ހަމަލާދީ ޤާނޫނާ ޚިލާފު ބާރުގެ ބޭނުންކުރި މައްސަލާގައި ޖަލު ބަލަހައްޓާ އޮފިސަރުންނަށް ޖަލުގެ ހަތަރު ނަންބަރު ޔުނިޓާއި ކައިރި ނުވެވޭގޮތަށް ހަމަނުޖެހުން ހިންގާ ޖަލުގެ ސީސީޓީވީ ކެމެރާތަކަށް ގެއްލުންދީފައިވާ މައްސަލައެއްވެސް ބަލަމުން އަންނަކަމަށް ފުލުހުން ބުނެއެވެ

 

މީގެ އިތުރުން މާފުށީ މަގުމަތިން ދިޔަ ޖަލު އޮފިސަރަކަށް ހަމަލާދިން މައްސަލައެއްވެސް ތަޙުޤީޤުކުރަމުން އަންނަކަމަށްވެސް ފުލުހުން ބުނެއެވެ. މި މާރާމާރީގައި މަގުމަތިން ހިނގާފައި ދިޔަ ޖަލު އޮފިސަރަށް ހަމާލާދީ އޭނާގެ މޫނު ޒަޚަމްކޮށްލާފައިވާކަމަށްވެސް ފުލުހުން ބުނެއެވެ.

 

ފުލުހުން ބުނީ މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްގެ އެދުމުގެ މަތިން މާފުށީ ޖަލުގައި ފުލުހުންގެ "ބެކަޕް" ޓީމެއް ތައްޔާރީ ހާލަތުގައި ތިބިކަމަށާއި، ނަމަވެސް ޖަލުގައި ކުރިއަށް ގެންދާ އޮޕަރޭޝަން ކުރިއަށްގެންދަނީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިންކަމަށެވެ. އަދި މާފުށީގެ ރަށުތެރެ ބެލެހެއްޓުން ވަރުގަދަކޮށްފައިވާކަމަށްވެސް ފުލުހުން ބުނެއެވެ.

މިއަދު އޮންލައިން