އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޒާތުގެ ޕްލާސްޓިކް ނުވަތަ ސިންގަލް-ޔޫސް ޕްލާސްޓިކް މަނާކުރާ ލިސްޓަށް ބަދަލު ގެނެސްފައިވަނީ އާންމު ރައްޔިތުންނާއި ވިޔަފާރިތަކަށް ކުރިމަތިވާ ދަތިތަކަށް ލުއި ހައްލެއް ހޯދައިދިނުމުގެ މަގުސަދުގައި ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
މި ބަދަލުތަކުގެ ތެރޭގައި އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ހޮޅި ރާއްޖެއަށް އެތެރެކުރުން މަނާވާ ތާރީޚު 1 ޖޫން 2031 އަށް އަދި ބާޒާރަށް ނެރުން މަނާވާ ތާރީޚު 19 ޑިސެމްބަރު 2031 އަށް ވަނީ ފަސްކުރެވިފައެވެ. މިނިސްޓްރީން ފާހަގަކުރެއްވި ގޮތުގައި ހޮޅި މަނާކުރުން ފަސްކުރަން ޖެހުނީ ބަދަލުގައި ބޭނުންކުރާ ކަރުދާސް ހޮޅީގެ ފެންވަރު ދަށްވުމާއި، އޭގައި ހިމެނޭ ޕްލާސްޓިކް ފަށަލައިގެ ސަބަބުން މައިކްރޯ ޕްލާސްޓިކް އުފެދުމުގެ ފުރުސަތު ބޮޑުވާތީއެވެ.
މީގެއިތުރުން، އެއް ލީޓަރާއި އެއަށްވުރެ ކުދި ފެންފުޅި އެތެރެކުރުމާއި އުފެއްދުން މަނާކުރާ ތާރީޚު 1 ޑިސެމްބަރު 2029 އަށް ވަނީ ފަސްކޮށްފައެވެ. އަދި މިފަދަ ފުޅި ބާޒާރަށް ނެރުން މަނާވާ ތާރީޚު 1 ޖޫން 2030 އަށް ވަނީ ބަދަލުކޮށްފައެވެ.
ކުދި ފެންފުޅި މަނާކުރުން ފަސްކުރަން ޖެހުނު މައިގަނޑު ސަބަބަކީ ބައެއް ރަށްރަށުގައި ފެނުގެ ނިޒާމު ފުރިހަމަނުވެ ހުރުމުގެ ސަބަބުން، ރައްޔިތުން އަދިވެސް ބޯފެނަށް ފުޅިފެނަށް ބަރޯސާވާން ޖެހިފައިވާތީ ކަމަށް އެ ވުޒާރާއިން ވަނީ ހާމަކުރައްވާފައެވެ.