މިއަހަރުގެ މިހާތަނަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީސް (ޕީޖީ އޮފީސް) އިން 2،231 މައްސަލައެއް ދަޢުވާ އުފުލުމަށްޓަކައި ކޯޓަށް ހުށަހަޅާފައިވާ ކަމަށް އެ އޮފީހުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. ޕީޖީ އޮފީހުން ޢާންމުކޮށްފައިވާ މަޢުލޫމާތުތަކަށް ބަލާއިރު، ވޭތުވެދިޔަ 8 މަސްދުވަހުގެ ތެރޭގައި ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަދު ވަނީ މަހުން މަހަށް އިތުރުވެފައެވެ.
ކޯޓުތަކަށް ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން އެންމެ ގިނައީ މަސްތުވާތަކެއްޗާ ގުޅުންހުރި މައްސަލަތަކެވެ. އެގޮތުން، މަސްތުވާތަކެތީގެ 451 މައްސަލައެއް ދަޢުވާ ކުރުމަށް މި މުއްދަތުގެ ތެރޭގައި ކޯޓަށް ވަނީ ފޮނުވާފައެވެ. މީގެއިތުރުން، ކޯޓުތަކަށް ހުށަހެޅިފައިވާ މައްސަލަތަކުގެ ތެރެއިން 2،372 މައްސަލައެއްގައި މިހާތަނަށް ކޯޓުން ވަނީ ޙުކުމް އިއްވާފައެވެ.
ޕީޖީ އޮފީހުގެ ތަފާސްހިސާބުތައް ދައްކާގޮތުން، މިއަހަރުގެ މިހާތަނަށް އެ އޮފީހުން ވަނީ 1،653 މައްސަލައެއް ބަލައިގަނެފައެވެ. އަދި ތަޙުޤީޤީ އެކި އިދާރާތަކުން ޤާނޫނީ ލަފައަށް އެދި ހުށަހެޅި 4،970 މައްސަލައަކަށް ޕީޖީ އޮފީހުން ވަނީ ލަފާ ފޯރުކޮށްދީފައެވެ.
ޕީޖީ އޮފީހުން ހާމަކުރި ގޮތުގައި، މުޖުތަމަޢުގެ ހަމަޖެހުމާ ސީދާ ގުޅުންހުރި މައްސަލަތައް ވީއެންމެ އަވަހަކަށް ކޯޓަށް ހުށަހެޅުމަށާއި، ޝަރީޢަތުގެ މަރުޙަލާތައް އަވަސްކުރުމަށްޓަކައި ކޯޓުތަކަށް ދޭންޖެހޭ ފުރިހަމަ އެއްބާރުލުން އެ އޮފީހުން އަބަދުވެސް ފޯރުކޮށްދޭނެއެވެ.