ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން (ވީއައިއޭ) 3.86 މިލިޔަން ރުފިޔާގެ ބޭރު ފައިސާއާއެކު އަތުލައިގަތް ބަންގްލަދޭޝްގެ ހަ މީހެއްގެ ބަންދަށް 10 ދުވަސް ކޯޓުން ޖަހައިދީފިއެވެ.
މި މީހުން އަތުލައިގެންފައިވަނީ ގަވާއިދާ ޚިލާފަށް ބޭރު ފައިސާ ގަނެވިއްކާ ފަރާތްތައް ހޯދުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ހިންގި ހާއްސަ އޮޕަރޭޝަނެއްގެ ތެރެއިންނެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މި ފައިސާތައް ރާއްޖޭން ބޭރުކުރަން މަސައްކަތްކޮށްފައިވަނީ ސީރިއަލް ޕެކެޓެއްގެ ތެރޭގައި ބަންދުކޮށް ފޮރުވައިގެންނެވެ.
ހިފެހެއްޓި ފައިސާގެ ތެރޭގައި އެމެރިކާ ޑޮލަރާއި ޔޫރޯ އަދި ޕައުންޑް ހިމެނޭހެން ޖުމްލަ 18 ޤައުމެއްގެ ފައިސާ ހިމެނޭ ކަމަށް ވަނީ އެނގިފައެވެ.
މި މައްސަލައިގައި ހައްޔަރުކުރި ބަންގްލަދޭޝްގެ ހަ މީހުންގެ މައްޗަށްވެސް ކުރަނީ މަނީ ލޯންޑަރިންގގެ ތުހުމަތެވެ. މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް މައުލޫމާތު ލިބެއެވެ.