އައި.ޖީ.ސީ.އެސް.އީ އަދި އެސް.އެސް.ސީ އިމްތިހާނުގައި ބައިވެރިވާ ހުރިހާ ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ހިތްވަރު ދެއްވައިފިއެވެ.
މިކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އައި.ޖީ.ސީ.އެސް.އީ އަދި އެސް.އެސް.ސީ އިމްތިހާނުގައި ބައިވެރިވާ ހުރިހާ ދަރިވަރުންނަށް ހިތްވަރުދީ، ފުރިހަމަ ކާމިޔާބީއަށް އެދިވަޑައިގަންނަވާ ކަމަށެވެ.
ނައިބުރައީސްގެ މެސެޖުގައި ވިދާޅުވީ، "މިއީ ލޮބުވެތި ބެލެނިވެރިންނާއި މުދައްރިސުންގެ އެހީތެރިކަމާއެކު ތިޔަ ދަރިވަރުން މި ވޭތުވެދިޔަ ދުވަސްތަކުގައި ކުރި ބުރަ މަސައްކަތުގެ ނަތީޖާއާ ކުރިމަތިލާ އިމްތިހާން" ކަމަށެވެ. އެހެންކަމުން ކޮންމެ ދަރިވަރަކުވެސް އަމިއްލަ ނަފްސަށް އިތުބާރު ކުރުމާއެކު، އެންމެ ރަނގަޅު ނަތީޖާ ހޯދުމަށް ގަދައަޅައި މަސައްކަތް ކުރުމަށް އެމަނިކުފާނު ވަނީ ހިތްވަރު ދެއްވާފައެވެ.
މީގެއިތުރުން، ކާމިޔާބީއަށް އެދި އުންމީދާއެކު މާތް ﷲ ގެ ހަޟްރަތުގައި ދުޢާ ދެންނެވުން ގިނަ ކުރުމަށް ނަސޭހަތްތެރިވެވަޑައިގަންނަވަމުން، އެމަނިކުފާނު ވަނީ މާތް ﷲ އެންމެހާ ދަރިވަރުންނަށް ސާބިތުކަން ދެއްވައި ފުރިހަމަ ކާމިޔާބީއާއި ފާގަތި މުސްތަޤްބަލެއް މިންވަރު ކުރެއްވުން އެދި ދުޢާ ދަންނަވާފައެވެ.