ލޯކަލް ގަވަރުމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ވަރަށް ބޮޑަށް ކައުންސިލްތަކަށް އިހުމާލުވެފައިވާ ކަމަށް ހދ.ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބުދުލްލަތީފް ހަސަން ވިދާޅުވެއްޖެ އެވެ.
ކުޅުދުއްފުށީ ކައުންސިލުގެ ރައީސް އެހެން ވިދާޅުވީ ކުޅުދުއްފުށީ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރޭ އެއަތޮޅު ތައުލީމީ މަރުކަޒުގައި ބޭއްވި ޚާއްސަ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ދާދި ފަހުން މާލޭގައި ބޭއްވި ކައުންސިލްތަކުގެ މަހާސިންތާގައި ވެސް، ވަރަށް ގިނަ ކައުންސިލުތަކަކުން އެލްޖީއޭ އަށް ފާޑުކިޔުން އަމާޒިވިކަމަށް ވެސް އަބްދުއްލަތީފް ވިދާޅުވިއެވެ.
މީގެއިތުރުން ލަތީފު ވިދާޅުވީ ކައުންސިލްތައް ރޭންކް ކުރަން އެލްޖީއޭއިން ގެންގުޅޭ މިންގަނޑު ވެސް ބަލައިގަނެވެން ނެތް ކަމަށާއި ކައުންސިލްތަކަށް އިންސާފުވެރިކަމާއެކު ފޯރުކޮށްދޭން ޖެހޭ ވަސީލަތްތައް ފޯރުކޮށްނުދީ ރޭންކް ކުރެވޭނެ ގޮތެއް ވެސް ނެތް ކަމަށެވެ.
ރޭގެ އެބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ލަތީފު ވަނީ އެލްޖީއޭއިން ކުޅުދުއްފުށީ ކައުންސިލަށް ފޯރުކޮށްދޭން ޖެހޭ ގިނަ ކަންކަން ކޮށްދީފައި ނުވާ ކަމަށް ވެސް ވިދާޅުވެ، އެކަމުގެ ކަންބޮޑުވުންތައް ފާޅު ކުރައްވައިފަ އެވެ. އެ ގޮތުން ކައުންސިލުން އެތައް މަގާމެއް ހުސްވެފައިވާއިރު އެ މަގާމުތަކަށް މުވައްޒަފުން ނެގުމަށް ވެސް ހުއްދަ ލިބިފައި ނުވާ ކަމަށް ވިދާޅުވި އޭނާ އެވެ.