މަސްވެރިންގެ ތަކުލީފަށް ދާއިމީ ހައްލެއް: އައިސް ޕްލާންޓުތަކުގެ ކެޕޭސިޓީ 1,400 ޓަނަށް

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 57ސ
މަސްވެރިންގެ ތަކުލީފަށް ދާއިމީ ހައްލެއް: އައިސް ޕްލާންޓުތަކުގެ ކެޕޭސިޓީ 1,400 ޓަނަށް

ދިވެހިރާއްޖޭގެ އިގްތިސާދުގެ މައި އެއް ތަނބު ކަމުގައިވާ މަސްވެރިކަމުގެ ސިނާއަތަށް މިހާތަނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ތަކުލީފަކީ ބާނާ މަހުގެ ތާޒާކަން ދެމެހެއްޓުމަށް ބޭނުންވާ އައިސް ފަސޭހައިން ލިބެން ނެތުމެވެ. އެކަށީގެންވާ އަގުގައި ތާޒާ އައިސް ހޯދުމަށްޓަކައި އެތައް މޭލެއްގެ ދުރު ރާސްތާތަކަށް ދަތުރުކުރަން ޖެހުމަކީ މަސްވެރިންގެ ވަގުތާއި އަތުން އެތައް ޚަރަދެއް ބޭކާރުވެގެންދާ ކަމެކެވެ. ނަމަވެސް، މި ހައްސާސް މައްސަލައަށް ހަގީގީ އަދި ދާއިމީ ހައްލެއް ހޯދައިދިނުމުގެ ގޮތުން ސަރުކާރުން މިހާރު ވަނީ ވަރުގަދަ ބަދަލުތަކެއް ގެންނަން ފަށާފައެވެ.

މަސްވެރިންގެ މި ތަކުލީފުތަކަށް ލުޔެއް ހޯދައިދިނުމަށް ސަރުކާރުން ފަށާފައިވާ ފުޅާ މަޝްރޫއުގެ ދަށުން، މިހާތަނަށް 6 ރަށެއްގައި ވަނީ އައިސްޕްލާންޓްތަކުގެ އަމަލީ މަސައްކަތް އެއްކޮށް ނިންމައި ޚިދުމަތް ދޭން ފަށާފައެވެ. އޭގެ ތެރޭގައި ހިމެނެނީ ށ. ފުނަދޫ، ދ. މީދޫ އަދި ދ. ބަނޑިދޫގައި ގާއިމުކުރި 30 ޓަނުގެ ޕްލާންޓްތަކާއި، ގއ. ދެއްވަދޫ އަދި ލ. މާބައިދޫގެ 25 ޓަނުގެ ޕްލާންޓްތަކުގެ އިތުރުން ގއ. ގެމަނަފުށީގައި ގާއިމުކުރެވުނު 50 ޓަނުގެ އައިސްޕްލާންޓެވެ. މި ފެސިލިޓީތަކާއެކު އެ ސަރަހައްދުތަކުގެ މަސްވެރިންނަށް މިހާރު ވަނީ ބޮޑު ތަނަވަސްކަމެއް ލިބިފައެވެ.

ހަމައެއާއެކު، އިތުރު 21 ރަށެއްގައި ޖުމްލަ 525 ޓަނުގެ އައިސް އުފެއްދުމުގެ ގާބިލުކަން އިތުރުކުރުމުގެ ބޮޑު މަޝްރޫއެއްގެ މަސައްކަތް މިހާރުވެސް ހަލުވި ދުވެލީގައި ދަނީ ހިނގަމުންނެވެ. މި މަސައްކަތްތައް ނިމުމަކަށް އައުމުން، މިފްކޯގެ އައިސް އުފެއްދުމުގެ ކެޕޭސިޓީ މިހާރު ހުރި 875 ޓަނުން، 1،400 ޓަނަށް އުފުލިގެންދާނެއެވެ. މިގޮތުން މިހާރުވެސް އެކި މަރުހަލާތަކުގައި ކުރިއަށްދާ ޕްލާންޓްތަކުގެ ތެރޭގައި މ. ވޭވަށުގައި އަޅާ 60 ޓަނުގެ ޕްލާންޓާއި، ޅ. ނައިފަރުގެ 40 ޓަނު، ލ. މާވަށާއި ލ. ހިތަދޫގެ 10 ޓަނުގެ ޕްލާންޓްތަކުގެ އިތުރުން ހއ. ކެލާ، އއ. އުކުޅަސް، ގދ. މަޑަވެލި، ލ. ފޮނަދޫ، ބ. ކަމަދޫ، ބ. ކުޑަރިކިލު އަދި ނ. ކުޑަފަރީގައި ގާއިމުކުރާ 5 ޓަނުގެ އައިސްޕްލާންޓްތައް ހިމެނެއެވެ.

މީގެއިތުރުން، 50 ޓަނުގެ ސްޓޯރޭޖާއެކު 30 ޓަނުގެ އައިސް އުފައްދާ އިތުރު 11 ޕްލާންޓެއް ގާއިމުކުރުމުގެ ކަންކަންވެސް މަސްވެރިކަމާ ބެހޭ ވުޒާރާއިން އަންނަނީ ރާވަމުންނެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން، ފަރުމަސްވެރިކަމަށް ޚާއްސަކޮށްގެން ރ. ކަނދޮޅުދޫގައި ކޯލްޑް ސްޓޯރޭޖަކާއެކު މަސް ކިރޭނެ އިންތިޒާމު ހަމަޖެއްސުމުގެ އަމަލީ މަސައްކަތްވެސް ނިމުމަކާ ގާތަށް ވަނީ ގޮސްފައެވެ.

މި މަޝްރޫއުތަކުގެ ތެރެއިން ގާއިމުކުރެވޭ ވަސީލަތްތަކަކީ ރާއްޖޭގެ ލޮނު މާހައުލާ އެންމެ އެކަށޭނަ، ލޮނުފެނުން ފިނިކުރާ ނިޒާމު އެކުލެވޭ ޒަމާނީ 'ޓިއުބް އައިސް' ޕްލާންޓްތަކެކެވެ. މެޝިނަރީޒް ހަރުކޮށް، ޓެސްޓުކުރުމާއި، މެނޭޖްމަންޓް އުސޫލުތައް އެކަށައެޅުމުގެ އިތުރުން، ދިގު މުއްދަތަކަށް ދެމިގެންދާނެ ވޮރަންޓީއާއި އާފްޓަރ-ސޭލްސްގެ ޚިދުމަތްތައް ލިބޭނެހެން އިންތިޒާމުތައް ވަނީ ހަމަޖައްސާފައެވެ.

ޖުމްލަގޮތެއްގައި ދަންނަވާނަމަ، މި މަޝްރޫއުތަކަކީ މަސްވެރިންގެ އުފެއްދުންތެރިކަން އިތުރުކޮށް، މަސްވެރިކަމުގެ އިންފްރާސްޓްރަކްޗާ ޒަމާނީ ފެންވަރަކަށް ތަރައްގީކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެކެވެ. މި މަސައްކަތްތައް ފުރިހަމަވުމުން، މަސްވެރިން އައިސް ހޯދުމަށް ކުރަންޖެހޭ ދިގު ދަތުރުތައް ނިމުމަކަށް އައިސް، އިގްތިސާދީ ގޮތުންނާއި ވަގުތުގެ ގޮތުން މަސްވެރިންނަށް ބޮޑެތި ފައިދާތަކެއް ހާސިލުވެގެންދާނެއެވެ.

މިއަދު އޮންލައިން