ޢުމްރާގެ އަޅުކަމާއި އިސްލާމީ ތަޢުލީމީ ތަޖުރިބާ ދަތުރެއްގައި 19 ބައިވެރިން ސަޢޫދީ ޢަރަބިއްޔާއަށް ފުރައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 24ސ
ޢުމްރާގެ އަޅުކަމާއި އިސްލާމީ ތަޢުލީމީ ތަޖުރިބާ ދަތުރެއްގައި 19 ބައިވެރިން ސަޢޫދީ ޢަރަބިއްޔާއަށް ފުރައިފި

އިސްލާމީ ކަންތައްތަކާ އައުޤާފާ ބެހޭ ވުޒާރާއިން އިންތިޒާމުކޮށްގެން، ސަޢޫދީ ޢަރަބިއްޔާގެ ހެޔޮ އެދޭ މުއައްސަސާއެއްގެ އެހީތެރިކަމާއެކު ކުރިއަށްގެންދާ ޢުމްރާ ދަތުރާއި އިސްލާމީ ތަޢުލީމީ ތަޖުރިބާ ދަތުރުގައި ބައިވެރިވާ 19 ބައިވެރިންގެ ވަފުދު ސަޢޫދީ ޢަރަބިއްޔާއަށް ފުރައިފިއެވެ. މި ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ އިސްލާމީ ތާރީޚާއި، ދީނީ ތަޢުލީމާއި، އިސްލާމީ މުއައްސަސާތައް ހިންގުމާ ގުޅޭގޮތުން ބައިވެރިންގެ ޢިލްމީ މަޢުލޫމާތު އިތުރުކުރުމާއެކު، ސަޢޫދީ ޢަރަބިއްޔާގެ ފާހަގަކޮށްލެވޭ ދީނީ، ތަޢުލީމީ އަދި ތާރީޚީ މުއައްސަސާތަކުން ޢިލްމީ އަދި ޢަމަލީ ތަޖުރިބާ ހޯދުމުގެ ފުރުޞަތު ފަހިކޮށްދިނުމެވެ. މި ދަތުރުގެ ބައިވެރިންގެ ތެރޭގައި ތަފާތު އެކި މުއައްސަސާތައް ހިމެނެއެވެ. އޭގެ ތެރޭގައި އިސްލާމީ ކަންތައްތަކާ އައުޤާފާ ބެހޭ ވުޒާރާ، މޯލްޑިވްސް ޒަކާތު ހައުސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ، ޒުވާން ޚަޠީބުން، މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ، ޛިކްރާ ކޮލެޖް، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސް، ސިވިލް ސަރވިސް ކޮމިޝަން އަދި އެވިޑް ކޮލެޖް ހިމެނެއެވެ. މި ތަޢުލީމީ ޕްރޮގްރާމްގެ ދަށުން، ބައިވެރިން ސަޢޫދީ ޢަރަބިއްޔާގެ ފާހަގަކޮށްލެވޭ އިސްލާމީ މުއައްސަސާތަކަށާއި ތާރީޚީ ބިނާތަކަށް ޒިޔާރަތްކުރާނެއެވެ. މިގޮތުން، އުއްމުލް ޤުރާ ޔުނިވަރސިޓީއާއި، ކުއްލިއްޔަތުލް ޙަރަމިލް މައްކިއްޔިއްޝަރީފާއި، މަސްޖިދުލް ޙަރާމްގެ ކުތުބުޚާނާގެ އިތުރުން ޙައްޖުގެ މުހިންމު މާތް ބިންތަކަށް ޒިޔާރަތްކުރުމަށް ވަނީ ހަމަޖެހިފައެވެ. ހަމައެއާއެކު، ކީރިތި ރަސޫލާ ﷺ ގެ ސިޔަރަތާ ބެހޭ ބައިނަލްއަޤްވާމީ ދާރުލްއާޘާރަށާއި، ކީރިތި ޤުރްއާނާ ބެހޭ ދާރުލްއާޘާރަށާއި، މަދީނާގެ ދާރުލްއާޘާރުތަކަށާއި، މަސްޖިދުއްނަބަވީއަށާއި، އިސްލާމީ ތާރީޚުގައި ފާހަގަކޮށްލެވޭ ބަދުރާއި އުޙުދުގެ މައިދާނަށްވެސް ބައިވެރިން ޒިޔާރަތްކުރާނެއެވެ. މި ޒިޔާރަތްތަކުގެ މަޤްޞަދަކީ އިސްލާމީ ޙަޟާރަތާއި، އިސްލާމްދީނުގެ ތާރީޚާއި އުޞޫލުތަކުގެ އިތުރުން، ސަޢޫދީ ޢަރަބިއްޔާއިން ތަޢުލީމީ އަދި މުއައްސަސާވީ ގޮތުން ކޮށްދެއްވަމުން ގެންދަވާ ޚިދުމަތްތަކާ ގުޅޭގޮތުން ބައިވެރިންނަށް މަޢުލޫމާތު ފޯރުކޮށްދިނުމެވެ. އަދި މި ޕްރޮގްރާމްގެ ސަބަބުން ބައިވެރިންގެ ދީނީ ޢިލްމު އިތުރަށް މުއްސަނދިވެ، އެބޭފުޅުންގެ ވަޒީފާގެ މަސްއޫލިއްޔަތުތަކާއި އިޖުތިމާޢީ ޒިންމާތައް އަދާކުރުމުގައި ބޭނުންހިފޭނެ އަގުހުރި ތަޖުރިބާތަކެއް ލިބިގެންދާނެއެވެ. މި ޕްރޮގްރާމް ފަހިކޮށްދިނުމުގައި ސަޢޫދީ ޢަރަބިއްޔާގެ އެހީތެރިވި ޖަމުޢިއްޔާއިން ދެއްވި އަގުހުރި އެއްބާރުލުމާއި އެހީތެރިކަމަށްޓަކައި އިސްލާމީ ކަންތައްތަކާ އައުޤާފާ ބެހޭ ވުޒާރާއިން އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރެއެވެ. އަދި މި ފަދަ ޕްރޮގްރާމްތަކުގެ ސަބަބުން ދިވެހިރާއްޖެއާއި ސަޢޫދީ ޢަރަބިއްޔާއާ ދެމެދު އޮންނަ ތަޢުލީމީ އަދި ދީނީ ގުޅުން އިތުރަށް ބަދަހިވެގެންދާނެއެވެ.

މިއަދު އޮންލައިން