ރާއްޖޭގެ ކުޅިވަރުގެ މައިދާނަށް ބޭނުންވާ ފަންނީ އެކި ދާއިރާތަކުން މީހުން ބިނާކުރުމަށް މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް (އެމްއެންއައިއެސް) އިން ހިންގި ޕްރޮގްރާމްތަކުގެ ދަށުން، ވޭތުވެދިޔަ ތިން އަހަރު ތެރޭ ޖުމްލަ 1,476 ފަރާތެއް ތަމްރީނުކޮށްފިއެވެ.
ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ދަށުން ހިންގާ އެމްއެންއައިއެސް އިން މި މުއްދަތުގައި ރާއްޖޭގެ އެކި ސަރަހައްދުތަކަށް އަމާޒުކޮށްގެން ޖުމްލަ 79 ޕްރޮގްރާމެއް ވަނީ ހިންގާފައެވެ. މި ޕްރޮގްރާމްތަކުގެ ދަށުން ރެފްރީންނާއި ކޯޗުންގެ އިތުރުން ފަސްޓް އެއިޑް އޮފިޝަލުންނާއި، ސްޕޯޓްސް އެޑްމިނިސްޓްރޭޓަރުން، ޓީމު މެނޭޖަރުން އަދި ކުޅިވަރު މީޑިއާ އާއި މާކެޓިންގ ދާއިރާގެ އޮފިޝަލުން ވަނީ ތަމްރީނުކޮށްފައެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު، 2024 ވަނަ އަހަރާ އަޅާބަލާއިރު 2025 ވަނަ އަހަރު ތަމްރީނު ޕްރޮގްރާމްތައް ހިންގި މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެގޮތުން 2024 ވަނަ އަހަރު 19 ޕްރޮގްރާމެއް ހިންގައި ޖުމްލަ 471 މީހުން ތަމްރީނުކުރިއެވެ. އޭގެ ތެރޭގައި 99 ރެފްރީންނާއި، 69 ކޯޗުން އަދި އެހެނިހެން ދާއިރާތަކުން 71 މީހުންގެ އިތުރުން "ހަށިހެޔޮރާއްޖެ" ޕްރޮގްރާމުގެ ދަށުން ތަމްރީނުވި 230 ފަރާތް ހިމެނެއެވެ. 2025 ވަނަ އަހަރު 40 ޕްރޮގްރާމެއް ހިންގައި 659 މީހުން ތަމްރީނުކުރިއިރު، އޭގެ ތެރޭގައި 324 ރެފްރީންނާއި، 191 ކޯޗުން އަދި އެހެނިހެން ދާއިރާތަކުން 123 މީހުން ހިމެނެއެވެ. އަދި 2026 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ހިންގި 20 ޕްރޮގްރާމަކުން 346 މީހުން ވަނީ ތަމްރީނުކޮށްފައެވެ. އޭގެ ތެރޭގައި 148 ރެފްރީންނާއި، 77 ކޯޗުން އަދި އެހެނިހެން ދާއިރާތަކުން 100 މީހުން ހިމެނެއެވެ.
މި ޕްރޮގްރާމްތައް މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައިވަނީ އަތޮޅުތަކާއި އެކި ސަރަހައްދުތަކަށް ބަހާލައިގެން، ވީހާވެސް ފުޅާ ދާއިރާއެއްގައި ފުރުސަތުތައް ފަހިކޮށްދިނުމަށެވެ. އެގޮތުން 2024 ވަނަ އަހަރު ހިންގި "ހަށިހެޔޮރާއްޖެ" ޕްރޮގްރާމުގެ ދަށުން އެކަނި ވެސް ރާއްޖޭގެ އެކި ޒޯންތަކުން 230 ފަރާތެއް ވަނީ ތަމްރީނުކޮށްފައެވެ.
ހަމައެކަނި މެޗު ކުޅުމާއި މެޗުތައް އޮފިޝިއޭޓް ކުރުމުގެ ބަދަލުގައި، ކުޅިވަރުގެ އިދާރީ ހިންގުމާއި، ޓީމު މެނޭޖްމަންޓް، މީޑިއާ އެންޑް މާކެޓިންގ އަދި މެޑިކަލް ފަސްޓް އެއިޑް ފަދަ މުހިންމު ދާއިރާތަކުން މީހުން ބިނާކުރުމަށް މި ޕްރޮގްރާމްތަކުގައި ވަނީ ޚާއްޞަ އިސްކަމެއް ދީފައެވެ. މީގެ އިތުރުން، އެމްއެންއައިއެސް އިން ހިންގާ ބައެއް ކޯސްތަކަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އިން އެކްރެޑިޓްކޮށްފައިވާ ކޯސްތަކެއް ކަމަށްވާތީ، މި ތަމްރީނުތައް ފުރިހަމަކުރާ ފަރާތްތަކަށް ޤައުމީ ފެންވަރުގެ ސަނަދާއި ޤަބޫލުކުރުން ލިބިގެންދެއެވެ.