ސަރުކާރުން އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި 59.7 ބިލިޔަން ރުފިޔާގެ ބަޖެޓަށް އެއްވެސް އުނިއިތުރެއް ނުގެނެސް، މަޖިލީހުގެ ބަޖެޓު ދިރާސާކުރާ ކޮމިޓީން މިއަދު ފާސްކޮށްފިއެވެ. މިއީ މިއަހަރަށް މަޖިލީހުން ފާސްކޮށްފައިވާ 64.2 ބިލިޔަން ރުފިޔާގެ ބަޖެޓާ އަޅާބަލާއިރު 4.5 ބިލިޔަން ރުފިޔާ ދަށް އަދަދެކެވެ.
މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވުޒާރާއިން ހުށަހެޅި ގޮތަށް، މުޅި ޖުމްލަ 59,704,440,795 ރުފިޔާގެ މި ބަޖެޓު ފާސްކުރުމަށް ކޮމިޓީއަށް ހުށަހެޅުއްވީ ކެލާ ދާއިރާގެ މެމްބަރު އަބްދުﷲ ޝަރީފެވެ. އެ ހުށަހެޅުމަށް މައްޗަންގޮޅި މެދު ދާއިރާގެ މެމްބަރު އަހްމަދު ޒަމީރު ތާއީދުކުރެއްވި އިރު، ބަޖެޓު ފާސްކުރީ ކޮމިޓީގެ 10 މެމްބަރުންގެ ވޯޓުންނެވެ.
ބަޖެޓު ދިރާސާކުރުމުގެ މަރުހަލާގައި ކުރިއަށްދިޔަ މަޝްވަރާތަކުގައި މައިގަނޑު ގޮތެއްގައި ފާހަގަވެގެން ދިޔައީ، އެދުނު މިންވަރަށްވުރެ ކުޑަ ބަޖެޓެއް ކަނޑައަޅާފައިވާ ކަމަށް ބުނެ މިނިވަން މުއައްސަސާތަކުން ހުށަހެޅި ޝަކުވާތަކެވެ.
ނަމަވެސް އެ ޝަކުވާތަކާ ގުޅިގެން މާލީ ވަޒީރު ހަސަން ޒަރީރު ވިދާޅުވީ، މާލީ ވުޒާރާއިން މަޖިލީހަށް ފޮނުވި ބަޖެޓުގައި މިނިވަން މުއައްސަސާތަކަށް ކަނޑައަޅާފައިވާ މިންވަރުން އެ ތަންތަނުގެ ޚަރަދުތައް ފުދޭނެ ކަމަށެވެ. އަދި އިތުރު ޚަރަދެއް ކުރަން ޖެހިއްޖެ ހާލަތެއް މެދުވެރިވި ނަމަވެސް، ކޮންޓިންޖެންސީ ބަޖެޓުގެ ތެރެއިން އެކަންކަން ހަމަޖެއްސޭނެ އިންތިޒާމު އޮންނާނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.