އިހަވަންދިއްޕޮޅު މަޝްރޫޢުން އުތުރުގެ އިޤުތިޞާދަށް ބޮޑު ކުރިއެރުމެއް ލިބޭނެ: ސަޢީދު

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 21ސ
އިހަވަންދިއްޕޮޅު މަޝްރޫޢުން އުތުރުގެ އިޤުތިޞާދަށް ބޮޑު ކުރިއެރުމެއް ލިބޭނެ: ސަޢީދު

އިހަވަންދިއްޕޮޅުގައި ކުރިއަށްގެންދާ މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ އަދި އިންޓަގްރޭޓެޑް ޑިވެލޮޕްމެންޓް މަޝްރޫޢުގެ ސަބަބުން ރާއްޖޭގެ އުތުރުގެ އިޤުތިޞާދަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ އިހަވަންދިއްޕޮޅުގައި މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އަދި ސާޙު ގްރޫޕާއެކު ވެވުނު އެއްބަސްވުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ.

ވަޒީރު ފާހަގަކުރެއްވި ގޮތުގައި، ދުނިޔޭގެ ކަނޑުގެ ވިޔަފާރީގެ މުހިންމު މަގުތަކުގެ ކައިރީގައި ރާއްޖެ އޮތް އޮތުމަކީ ޖިއޮގްރަފީ ގޮތުން ލިބިފައިވާ ބޮޑު ފައިދާއެކެވެ. އަދި އެ ފައިދާ ޙަޤީޤީ އިޤުތިޞާދީ ފުރުޞަތުތަކަކަށް ބަދަލުކުރަންޖެހޭ ކަމަށާއި، މި އެއްބަސްވުމަކީ ރާއްޖޭގެ އުތުރުގެ ސަރަޙައްދު އިޤުތިޞާދީ މައި މަރުކަޒަކަށް ހެއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންނެވި ވަޢުދުފުޅު ފުއްދެވުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން ރާއްޖޭގެ އިޤުތިޞާދު ސިންދަފާތުކޮށް، ޞިނާޢަތްތައް ތަރައްޤީ ކުރުމަށް ރައީސް ގެންގުޅުއްވާ "ވިޜަން 2040" ޙާޞިލު ކުރުމަށްވެސް މި އެއްބަސްވުމުގެ ސަބަބުން ބާރު ލިބޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މި މަޝްރޫޢުގެ ސަބަބުން މުޅި ރާއްޖެއަށާއި އުތުރުގެ ރައްޔިތުންނަށް ގިނަގުނަ މަންފާތަކެއް ކުރާނެކަން ފާހަގަކުރައްވައި ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ، "މީގެން އިޤުތިޞާދު ސިންދަފާތުކޮށް، އައު ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދީ، އަދި އައު އިޤުތިޞާދީ ހަރަކާތްތައްވެސް ކުރިއަށް ގެންދެވޭނެ. ޖޮއިންޓް ޕްރޮޖެކްޓް ޑިވެލޮޕްމެންޓް އެގްރިމެންޓާއެކު އަޅުގަނޑުމެން މި ނެގީ ކުރިއަށް މުހިންމު ފިޔަވަޅެއް. ދެން މީގެ ތަފްސީލީ މަޝްވަރާތަކަށް އަޅުގަނޑުމެންނަށް ދެވޭނެ. އޭގެފަހުން އެންމެފަހުގެ އެއްބަސްވުންތައް ނިންމާ ދާދި އަވަހަށް ޢަމަލީ މަސައްކަތް ފެށިގެންދާނެ،" ކަމަށެވެ.

ވަޒީރު އިތުރަށް ވިދާޅުވީ މިހާރު އޮތް އެންމެ ބޮޑު އިސްކަމަކީ ޢަމަލީ މަސައްކަތްތައް ތަންފީޛު ކުރުމަށް ވާންޖެހޭ އެންމެހައި ތައްޔާރީތައް ފުރިހަމަކުރުން ކަމަށެވެ. އަދި މި މަޝްރޫޢުގެ ސަބަބުން ސަރަޙައްދީ އަދި ބައިނަލްއަޤުވާމީ ކަނޑުގެ ވިޔަފާރީގައި ރާއްޖޭގެ ދައުރު ކުރިއަށްވުރެ ބޮޑަށް ފުޅާވެގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.

މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ މަޝްރޫޢުގެ ދަށުން އިހަވަންދިއްޕޮޅުގައި ބައިނަލްއަޤުވާމީ ފެންވަރުގެ ޓްރާންސްޝިޕްމެންޓް ބަނދަރެއް ތަރައްޤީ ކުރުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ އިތުރުން ވެއަރހައުސިންގ ޚިދުމަތްތަކާއި، މެރިޓައިމް ސަޕޯޓް އަދި ލޮޖިސްޓިކްސްގެ އެކި ޚިދުމަތްތަކާއެކު، އެ ސަރަޙައްދުގައި ޕޯޓު ޒޯނަކާއި އިޤުތިޞާދީ މައި މަރުކަޒެއް ޤާއިމުކުރުމަށް ވަނީ ރޭވިފައެވެ.

މިއަދު އޮންލައިން