ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުގެ ގޮފިތައް ޤާއިމްކުރުމަށް ސަރުކާރުން ކުރިއަށް ގެންދާ ޚާއްސަ މަޝްރޫޢުގެ ދަށުން، ރ. ރަސްމާދޫގައި ޤައުމީ މަރުކަޒުގެ ގޮތްޕެއް ރަސްމީކޮށް ހުޅުވައިފިއެވެ.
މި ގޮފި ހުޅުވުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި، މަރުކަޒުގެ ގޮފި ހުޅުއްވައިދެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރުގެ ނައިބު އަލްއުސްތާޛު ޢަބްދުލްޣަފޫރު އަޙުމަދެވެ.
ރަށްރަށުގައި ޤުރްއާން ކިޔެވުމުގެ ފުރުޞަތުތައް ފުޅާކޮށް، ޤުރްއާނުގެ ޢިލްމު އުނގެނުމަށް މަގުފަހިކޮށްދިނުމަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދީގެން ހިންގާ މަޝްރޫޢެކެވެ. އެގޮތުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުގެ ގޮފިތައް ޤާއިމްކުރުމުގެ ޢަމަލީ މަސައްކަތްތައް މިހާރުވެސް ދަނީ ހަލުވިކަމާއެކު ކުރިއަށެވެ.