2029 އާ ހަމައަށް ޑެބް ޓު ޖީޑީޕީ 112.9 އިންސައްތައަށް ދަށްކުރާނެ ކަމަށް ރައީސް ވިދާޅުވެއްޖެ

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 3ސ
2029 އާ ހަމައަށް ޑެބް ޓު ޖީޑީޕީ 112.9 އިންސައްތައަށް ދަށްކުރާނެ ކަމަށް ރައީސް ވިދާޅުވެއްޖެ

މި ސަރުކާރުން އަޅަމުންދާ ހަރުދަނާ މާލީ ފިޔަވަޅުތަކާއެކު، 2029 ވަނަ އަހަރު ނިމެންވާއިރަށް ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތުން ދަރަނި ނުވަތަ ޑެބް ޓު ޖީޑީޕީ 112.9 އިންސައްތައަށް ދަށްކުރެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެ.

މި ސަރުކާރަށް 3 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ސަރުކާރު ވެރިކަމާ ހަވާލުވީއިރު ޑެބް ޓު ޖީޑީޕީ ހުރީ 123.7 އިންސައްތައިގައި ކަމަށެވެ. އެ ނިސްބަތް ދަށްކުރުމަށްޓަކައި ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި އެކަނިވެސް ސަރުކާރުން ވަނީ 1.55 ބިލިޔަން ރުފިޔާގެ ބިލުތައް ދައްކާ ޚަލާޞްކޮށްފައެވެ.

މީގެ އިތުރުން ދަޢުލަތުގެ ބަޖެޓު ޑެފިސިޓަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، 2023 ވަނަ އަހަރު ސަރުކާރުން ވެރިކަމާ ހަވާލުވިއިރު ބަޖެޓު ޑެފިސިޓް ހުރީ ޖީޑީޕީގެ ނިސްބަތުން 10.5 އިންސައްތައިގައި ކަމަށެވެ. ނަމަވެސް ސަރުކާރުން އެޅި ފިޔަވަޅުތަކާއެކު މިހާރު އެ އަދަދު ވަނީ އެއް އަދަދަކަށް (ސިންގަލް ޑިޖިޓަކަށް) ދަށްކުރެވިފައެވެ. 2024 ވަނަ އަހަރުގެ ބަޖެޓަކީ ނިމިދިޔަ ސަރުކާރުން މި ސަރުކާރަށް ދަތިވާނެ ގޮތަށް ފާސްކޮށްފައިވާ ބަޖެޓެއް ނަމަވެސް، މި ސަރުކާރަށް ފުރަތަމަ އެކުލަވާލަން ލިބުނު 2025 ވަނަ އަހަރުގެ ބަޖެޓު ފާސްކުރިއިރު ރާއްޖޭގެ ފިސްކަލް ދާއިރާ ތަރައްޤީ ކުރުމަށް އިސްކަންދީގެން ޑެފިސިޓް 3.6 އިންސައްތައަށް ކުޑަކުރެވުނުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެން 2025ވަނަ އަހަރަށް ބަޖެޓު ފާސްކުރިއިރު ރާއްޖޭގެ ފިސްކަލް ދާއިރާ ވަރަށް ބޮޑަށް ތަރައްޤީ ކުރުމަށް އިސްކަންދީގެން ކުރި މަސައްކަތުން ޑެފިސިޓް 3.6 އިންސައްތައަށް މިވަނީ ކުޑަކުރެވިފައި. އެހެންނަމަވެސް 2026 ފެށިގެން މެދުއިރުމަތީގައި ފެށުނު ހަނގުރާމައާ ގުޅިގެން ބަޖެޓު ޑެފިސިޓް ހިފެހެއްޓުމަށް ދަތި އުނދަގޫތަކާއި ކުރިމަތިވި،" ރައީސް ވިދާޅުވިއެވެ.

މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ކުރިމަތިވި ގޮންޖެހުންތަކާއެކުވެސް، މި ހިނގާ 2026 ވަނަ އަހަރު ނިމޭއިރު ބަޖެޓު ޑެފިސިޓް ހުންނާނީ 6.2 އިންސައްތައިގައި ކަމަށާއި، މިއީ ކުރީ ސަރުކާރާ އަޅާބަލާއިރު ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ރައީސް ވިދާޅުވިއެވެ.

ސަރުކާރުގެ ކުރިއަށް އޮތް މާލީ އަމާޒުތަކަށް ބައްލަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ސަރުކާރުގެ މާލީ ސިޔާސަތުތަކާއެކު ކުރިއަށް ގޮސް 2028 ވަނަ އަހަރުގެ ބަޖެޓު ތަންފީޒުކޮށް ނިމޭއިރު ޑެފިސިޓް 5 އިންސައްތައަށްވުރެ ކުޑަކުރުމަކީ މުހިންމު އަމާޒެއް ކަމަށެވެ. އަދި 2029 ވަނަ އަހަރު އަންނައިރު ބަޖެޓުގެ ޕްރައިމަރީ ބެލެންސް، ޖީޑީޕީގެ ނިސްބަތުން 1 އިންސައްތައިގެ ސާޕްލަސްއަކަށް ބަދަލު ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މިއަދު އޮންލައިން