ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚާރިޖީ ސިޔާސަތުގެ ނަތީޖާ ރަނގަޅުވެ، ބައިނަލްއަޤުވާމީ މައިދާނުގައި ދިވެހިރާއްޖޭގެ މަޤުބޫލުކަން ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ވިދާޅުވެއްޖެއެވެ.
މި ސަރުކާރަށް 3 އަހަރު ފުރުމާ ގުޅިގެން ދައުލަތުގެމީޑިއާއަށް ދެއްވި ޚާއްޞަ އިންޓަވިއުއެއްގައި ވާހަކަފުޅު ދައްކަވަމުން ޚާރިޖީ ވަޒީރު ވިދާޅުވީ، ވޭތުވެދިޔަ މުއްދަތުގައި ރައީސް ޑރ. މުޢިއްޒު ތަންފީޒު ކުރައްވަމުން ގެންދަވާ "ދިވެހިންގެ ރާއްޖެ" ނުވަތަ "ފުރަތަމަ ރާއްޖެ" ސިޔާސަތަކީ ބައިނަލްއަޤުވާމީ ދުނިޔެއިން ބަލައިގަންނަ ސިޔާސަތެއް ކަމަށެވެ. އަދި އެއްވެސް ޤައުމެއް ތަފާތު ނުކުރައްވައި ގުޅުން ބަދަހިކުރެއްވުމުގެ ސަބަބުން، ގިނަ ޤައުމުތަކާއެކު އޮތް ގުޅުން ކުރިއަށްވުރެ ހަރުދަނާވެގެން ގޮސްފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ރާއްޖޭގެ ޚާރިޖީ ގުޅުންތަކުގެ ކާމިޔާބީ ފާހަގަކުރައްވަމުން ވަޒީރު އިރުތިޝާމް އާދަމް ވިދާޅުވީ:
"ރާއްޖޭގެ މިނިވަންކަމާއި އިސްތިޤުލާލު ހިމާޔަތްކޮށްގެން އެހެން ޤައުމުތަކާ ގުޅުން ބަދަހިކުރަމުން ދަނީ. އިސްރާއީލު ނޫން ހުރިހާ ޤައުމަކާ ރާއްޖެއިން ގުޅުން ބަދަހިކުރޭ އެބަ. ޚާރިޖީ ސިޔާސަތުގެ ދާއިރާއިން ރާއްޖެއަށް ލިބުނީ ކާމިޔާބު. ކުރިއަށްވުރެ ބޮޑަށް ރާއްޖެ ބަލައިގަނޭ މިހާރު. ރާއްޖޭގެ ބައިވެރިވުން އިތުރު ކުރެވިއްޖެ އިތުރު ދާއިރާތަކުން."
ވަޒީރު އިތުރަށް ވިދާޅުވީ، ރާއްޖެއިން އަބަދުވެސް އިސްކުރަނީ ދިވެހިންގެ މަސްލަހަތު ކަމަށާއި، ޚާރިޖީ ސިޔާސަތަކީ ޤައުމެއްގެ ސިޔާދަތާ ގުޅިފައިވާ މުހިންމު ކަމަކަށްވާތީ، ހަރުދަނާ ޚާރިޖިއްޔާއެއް އޮތުމަކީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށެވެ. އަދި ބައިނަލްއަޤުވާމީ ބޮޑެތި މައްސަލަތަކުގައި ރާއްޖެއިން ފަސްޖެހުމެއް ނެތި ބަސްބުނަން ފެށުމުން، ބައިނަލްއަޤުވާމީ މަސްރަޙުގައި ރާއްޖޭގެ ބަސް ވިކޭ މިންވަރު އިތުރުވެފައިވާ ކަމަށްވެސް ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، އިޤްތިޞާދީ ގޮތުންނާއި ޓެކްނޮލޮޖީގެ ރޮނގުން ކުރިއަރާފައިވާ ޤައުމުތަކަށް ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ދަތުރުފުޅުތަކުގެ ނަތީޖާ ވަރަށް ރަނގަޅު ކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން ތުރުކީ، އެކުވެރި ޢަރަބި އިމާރާތް، ޞައޫދީ ޢަރަބިއްޔާ، އިންޑިއާ، އެމެރިކާ، އިނގިރޭސިވިލާތް، އެސްޓޯނިޔާ، މެލޭޝިޔާ، ސިންގަޕޫރު، ޖަރުމަނުވިލާތް، ސްރީލަންކާ އަދި ޕާކިސްތާނު ފަދަ ޤައުމުތަކަށް އެމަނިކުފާނު ކުރެއްވި ރަސްމީ ދަތުރުފުޅުތަކުގެ ސަބަބުން، ރާއްޖޭގެ އިޤްތިޞާދާއި ވަސީލަތްތައް ކުރިއެރުވުމަށާއި، މީހުން ބިނާކުރުމަށް ގިނަގުނަ ފުރުޞަތުތަކެއް ފަހިވެފައިވާ ކަމަށްވެސް ޚާރިޖީ ވަޒީރު ވިދާޅުވިއެވެ.