ވޭތުވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން 93 މަޝްރޫޢެއްގެ މަސައްކަތް އެއްކޮށް ނިންމާލައިފިއެވެ. އަދި މިހާރުވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 356 މަޝްރޫޢެއްގެ ޢަމަލީ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށް އެ ކުންފުނިން މަޢުލޫމާތު ދެއެވެ.
އެމްޓީސީސީން ހާމަކުރި ގޮތުގައި، ރާއްޖޭގެ ހުރިހާ އަތޮޅެއް ހިމެނޭހެން 149 ރަށެއްގައި މިހާރުވެސް އެކި މަރުޙަލާތަކުގައި މަޝްރޫޢުތައް ދަނީ ހިންގަމުންނެވެ. މި މަޝްރޫޢުތަކުގެ ސަބަބުން ޤައުމީ ތަރައްޤީއަށާއި ރަށްރަށުގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ދުޅަހެޔޮކަމަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ.
ފާއިތުވި ތިން އަހަރުގެ ތެރޭގައި އެ ކުންފުނިން ނިންމި ބޮޑެތި މަޝްރޫޢުތަކުގެ ތެރޭގައި އެއާޕޯޓްތައް ތަރައްޤީކުރުމާއި، މަގުހެދުމާއި، ބިން ހިއްކުމުގެ އިތުރުން ގޮނޑުދޮށް ހިމާޔަތް ކުރުމުގެ ގިނަ މަސައްކަތްތަކެއް ހިމެނެއެވެ. އެގޮތުން ށ. ފުނަދޫ އެއާޕޯޓުގެ ރަންވޭ އާއި ޓެކްސީވޭ އަދި އޭޕްރަން ހެދުމުގެ މަސައްކަތާއި، ގދ. މާވަރުލު އެއާޕޯޓުގެ ރަންވޭ، ޓެކްސީވޭ، އޭޕްރަން، ފޭސް ދޭއްގެ އިމާރާތް، ޕެސެންޖަރ ޓާމިނަލް އަދި ފަޔަރ ބިލްޑިންގގެ މަސައްކަތް ވަނީ އެއްކޮށް ނިންމާލާފައެވެ. މީގެ އިތުރުން، ގދ. ފަރެސްމާތޮޑާ އެއާޕޯޓުގެ 1,200 މީޓަރުގެ ރަންވޭ އާއި ޓެކްސީވޭ، އޭޕްރަން އަދި މަގުތައް ހެދުމުގެ މަސައްކަތާއި، މާލޭގެ ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުވެސް ކުރު މުއްދަތެއްގެ ތެރޭގައި ވަނީ ކާމިޔާބުކަމާއެކު ނިންމާފައެވެ.
އިޖުތިމާޢީ ދުޅަހެޔޮކަމާއި ކުޅިވަރުގެ ދާއިރާއިންވެސް މުހިންމު މަސައްކަތްތަކެއް ވަނީ ކުރެވިފައެވެ. އެގޮތުން ފުޓްސަލް އަދި ފުޓުބޯޅަ ދަނޑު ތަރައްޤީކުރުމުގެ 7 މަޝްރޫޢެއް ވަނީ ނިންމާލާފައެވެ. ހަމައެއާއެކު، އަމަންއަމާންކަން ޤާއިމުކުރުމަށް ބޭނުންވާ 6 ޕޮލިސް ޕޯސްޓެއްގެ މަސައްކަތާއި، ރައްޔިތުންގެ ދުޅަހެޔޮކަން އިތުރުކުރުމަށްޓަކައި ޤާއިމުކުރި 16 އައުޓްޑޯ ޖިމްގެ މަސައްކަތްވެސް ވަނީ އެއްކޮށް ފުރިހަމަކޮށްފައެވެ.
މި މަޝްރޫޢުތަކުގެ އިތުރުން، ކުރީ ސަރުކާރުން ފަށާފައި އެކި މަރުޙަލާތަކުގައި ހުއްޓިފައި ހުރި ގިނަ މަޝްރޫޢުތަކެއްގެ މަސައްކަތް އަލުން ފަށައި، އެމްޓީސީސީން ވަނީ ކާމިޔާބުކަމާއެކު އެ މަސައްކަތްތައް ނިންމާލާފައެވެ.