މި ސަރުކާރުން ވެރިކަމާ ޙަވާލުވިއިރު ވަރަށް ބޮޑަށް ހީނަރުވެފައި އޮތް މަސްވެރިކަމުގެ ސިނާއަތް އިޔާދަކޮށް، ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި މަސްވެރިންނަށް ޖުމްލަ 2.3 ބިލިޔަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ސަރުކާރަށް 3 އަހަރު ފުރުމާ ގުޅިގެން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރާއްޖޭގެ ދެވަނައަށް އެންމެ ބޮޑު ސިނާއަތް ކަމުގައިވާ މަސްވެރިކަމުގެ ދާއިރާއަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދީގެން ބަލަހައްޓަމުން އަންނަ ދާއިރާއެއް ކަމަށެވެ. އެގޮތުން، ވެރިކަމާ ޙަވާލުވިއިރު ހީނަރުވެފައި އޮތް މި ދާއިރާ އަލުން ކޮޅަށް ޖެހުމަށްޓަކައި ވޭތުވެދިޔަ މުއްދަތުގައި ގިނަގުނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް ހާމަކުރެއްވި ގޮތުގައި، ސަރުކާރުން ވެރިކަމާ ޙަވާލުވިއިރު މަސްވެރިންނަށް ނުދައްކާ ހުރި 250 މިލިޔަން ރުފިޔާ އެއްކޮށް ދައްކާ ޚަލާސްކޮށްފައިވެއެވެ. އަދި އޭގެ ފަހުން މިހާތަނަށް ދޫކުރި ފައިސާއާއެކު ޖުމްލަ 2.3 ބިލިޔަން ރުފިޔާ މަސްވެރިންނަށް ދޫކޮށްފައިވާއިރު، މީގެ ތެރެއިން 1.3 ބިލިޔަން ރުފިޔާ އަކީ ރިޔާސީ ވަޢުދާ އެއްގޮތަށް މަސް ކިރުވާތާ 48 ގަޑިއިރުގެ ތެރޭގައި ދޫކުރެވުނު ފައިސާއެވެ.
މަސްވެރިކަމުގެ އުމްރާނީ ތަރައްޤީއަށް ކުރެވެމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކޯލްޑް ސްޓޯރޭޖުތަކާއި، އައިސްޕްލާންޓުތައް އަދި މަސް ބަންދުކުރާ ފެކްޓްރީތައް ޤާއިމުކުރުމުގެ މަސައްކަތް މިހާރުވެސް އެކި މަރުޙަލާތަކުގައި ކުރިއަށްދާ ކަމަށެވެ. މި މަޝްރޫޢުތައް މި ދައުރުގެ ތެރޭގައި އެއްކޮށް ނިމި ޚިދުމަތް ދޭން ފެށުމުން، މަސްވެރިކަމުގެ ސިނާއަތަށް އިންޤިލާބީ ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ދޯނިފަހަރުގެ ފެންވަރު ރަނގަޅުކުރުމަށް ސަރުކާރުން އެޅި ފިޔަވަޅުތަކާ ގުޅޭގޮތުން ރައީސް ވިދާޅުވީ، މަސްވެރި އުޅަނދުފަހަރުގައި ފިނިކުރާ ނިޒާމު (އާރު.އެސް.ޑަބްލިޔު ސިސްޓަމް) ހަރުކުރުމަށްޓަކައި ސަރުކާރުން މިހާތަނަށް 37 މިލިޔަން ރުފިޔާ ފަހިކޮށްދީފައިވާ ކަމަށެވެ. އަދި މިހާރުވެސް 40 ދޯންޏެއްގައި އެ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށާއި، މި ކަންކަމުގެ ސީދާ ފައިދާ މަސްވެރިންނަށް މިހާރުވެސް ލިބެމުންދާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.