ހަކުރުބަލި ކޮންޓްރޯލްކުރުމުގައި ފަރުވާއާއެކު ރައްކާތެރިވުމަށް އިސްކަންދޭންޖެހޭ: ވަޒީރު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 50ސ
ހަކުރުބަލި ކޮންޓްރޯލްކުރުމުގައި ފަރުވާއާއެކު ރައްކާތެރިވުމަށް އިސްކަންދޭންޖެހޭ: ވަޒީރު

ހަކުރުބަލި ކޮންޓްރޯލްކޮށް، އޭގެ ނުރައްކަލުން މުޖުތަމައު ސަލާމަތް ކުރުމުގައި ބަލިޖެހުމުގެ ކުރިން ރައްކާތެރިވުމަށާއި، ފަރުވާއާ އެކު ދުޅަހެޔޮ ދިރިއުޅުމެއް ކަށަވަރު ކުރުމަށް އިސްކަންދޭންޖެހޭ ކަމަށް ސިއްހަތާއި އާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު ޑރ. އަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

ހުޅުލޭ އައިލެންޑް ހޮޓެލް (އެޗް.އައި.އެޗް) ގައި ބޭއްވި 'ފޯރަމް އޮން އާލީ އެކްޝަން އޮން ޑައިބިޓީސް' ކޮންފަރެންސް ފައްޓަވައިދެއްވައި ވާހަކަފުޅުދައްކަވަމުން ވަޒީރު ވިދާޅުވީ، ހަކުރުބަލީގެ ފަރުވާގެ ކާމިޔާބީ މިންކުރެވެން އަންނަނީ ހަމައެކަނި ފަރުވާ ހޯދަމުންދާ މީހުންގެ އަދަދުން އެކަނި ނޫން ކަމަށެވެ. އެއާ ޚިލާފަށް، ބަލިން ރައްކާތެރިވެ ތިބޭ މީހުންނާއި، ދުޅަހެޔޮ އަދި އުފެއްދުންތެރި ހަޔާތެއް ލިބޭ މީހުންގެ އަދަދު އިތުރުކުރުމަކީ މުހިންމު ކަމެއް ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

މި ފޯރަމްގެ ތެރެއިން ވަޒީރު ވަނީ 'ޓައިޕް 2 ޑައިބީޓީސް މެނޭޖުމެންޓް ޕްރޮޓޮކޯލް' ރަސްމީކޮށް އިފުތިތާހު ކޮށްދެއްވާފައެވެ. ދުނިޔޭގެ ހަކުރުބަލީގެ ދުވަހާ ގުޅުވައިގެން ހާސިލުވި މި މުހިންމު ކާމިޔާބީއާ ގުޅޭގޮތުން ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، މި އައު ޕްރޮޓޮކޯލާއެކު ރާއްޖޭގެ ސިއްހީ ނިޒާމުގެ ހުރިހާ އިދާރާތަކަކުން ދޭ ފަރުވާއާއި، ކައުންސެލިންގެ އިތުރުން ފޮލޯއަޕްގެ މިންގަނޑުތައް އެއް ހަމައަކަށް ގެނެވިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

ބަލިން ރައްކާތެރިވުމާއި ކޮންޓްރޯލް ކުރުމުގެ ދާއިރާއިން ޤައުމީ ފެންވަރުގައި ލަނޑުދަނޑިތައް ހާސިލުކުރުމަށް ހަމައެކަނި ސިއްހީ ދާއިރާގެ މަސައްކަތްތަކުން ނުފުދޭނެކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެގޮތުން ސްކޫލުތަކާއި މުޖުތަމައުގެ އެކި ފަރާތްތަކުން ވެސް މިކަމުގައި މުހިންމު ޒިންމާތަކެއް އަދާކުރަންޖެހޭ ކަމަށް ވިދާޅުވިއެވެ.

ހަކުރުބައްޔަށް ކިތަންމެ ޒަމާނީ އީޖާދުތަކެއް ހޯދުނު ނަމަވެސް، އެންމެ ބޮޑު ކާމިޔާބީއަކަށް ވާންވާނީ ބަލިން ދުރުހެލިވުމާއި، ބަލި ޖެހުނު ނަމަވެސް އެކަން އެންމެ ފުރިހަމައަށް މެނޭޖުކޮށް ހަރުދަނާ އުސޫލެއްގެ ތެރޭގައި ބެލެހެއްޓުން ކަމަށް ވަޒީރު ވިދާޅުވިއެވެ. މީގެއިތުރުން، ސަރުކާރުން ދުންފަތް ކޮންޓްރޯލްކުރުން ހަރުދަނާކޮށް، ދުޅަހެޔޮ ދިރިއުޅުމެއްގެ ވައްޓަފާޅި ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ވެސް ވަޒީރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މިއަދު އޮންލައިން