ދައުލަތުގެ ޕޭ ފްރޭމްވޯކް އެކުލަވާލާފައިވަނީ އެއްވެސް މުވައްޒަފެއްގެ މުސާރަ ދަށްވާ ގޮތަށް ނޫން ކަމަށާއި، މުސާރަ ބޮޑުކުރުން ވާންޖެހޭނީ އިގްތިސާދީ ގޮތުން ދެކޮޅު ޖެހޭ އަދި ދެމެހެއްޓެނިވި ނިޒާމަކަށް ކަމަށް މާލީ ކަންކަމާއި ސަރުކާރުގެ ކުންފުނިތަކާ ބެހޭ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރު އަޙްމަދު ސާއިދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީގައި ވާހަކަ ދައްކަވަމުން ޑެޕިއުޓީ މިނިސްޓަރު ސާއިދު ވިދާޅުވީ، އެންމެންވެސް މުސާރަ ބޮޑުވާން އެދުނު ނަމަވެސް، އެ ބަދަލު ގެންނަންވާނީ ދެމެހެއްޓެނިވި އުސޫލަކުން ކަމަށެވެ. އެފަދަ ހަމައެއް ނެތި މުސާރަ ބޮޑުކޮށްފިނަމަ، މުސާރަ އިތުރުވާ މިންވަރަށްވުރެ ބާރަށް ތަކެތީގެ އަގު އުފުލި، އާންމު ރައްޔިތުންގެ ދިރިއުޅުމަށް އޭގެ ނޭދެވޭ އަސަރު ފޯރާނެކަން އޭނާ ފާހަގަކުރެއްވިއެވެ.
އަދާކުރާ ވަޒީފާއަށާއި މަސްއޫލިއްޔަތަށް ރިއާޔަތްކޮށް މުސާރައާއި އިނާޔަތްތައް ކަނޑައެޅުމުގައި ހަރުދަނާ މިންގަނޑުތަކެއް ގެންގުޅެންޖެހޭކަން ފާހަގަކުރައްވަމުން ސާއިދު ވިދާޅުވީ، މާލީ ވުޒާރާގެ ބަޖެޓު ކޮމެޓީން ދައުލަތަށް ލިބޭ އާމްދަނީ ވަރަށް ގާތުން ބަލަމުން އަންނަ ކަމަށެވެ. އަދި އަންދާޒާކުރާ މިންވަރާ ގާތަށް އާމްދަނީ ލިބުނު ނަމަވެސް، ލިބޭ އާމްދަނީއަށްވުރެ ހަރަދު ބޮޑުވެއްޖެނަމަ މުސާރަ ދިނުމާއި އެހެނިހެން ހިންގުމުގެ ކަންކަމަށް ފައިސާ ހޯދުމުގައި ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހޭނެ ކަމަށް ވިދާޅުވިއެވެ.
އާމްދަނީއަށްވުރެ ހަރަދު އިތުރުވުމަކީ ދަރަނި ނަގަން މަޖުބޫރުވާ ކަމެއްކަން ފާހަގަކުރައްވައި، އޭގެ ސަބަބުން ދައުލަތުގެ މާލީ ދެމެހެއްޓެނިވި ކަމަށް ނޭދެވޭ އަސަރުކުރާކަން ސާއިދު ފާހަގަކުރެއްވިއެވެ. މިސާލެއްގެ ގޮތުން 2017 ވަނަ އަހަރު ނެގި ދަރަންޏެއް އެއްފަހަރު ރީފައިނޭންސް ކުރުމަށްފަހު މިއަހަރު ދައްކައި ނިމުނުއިރު، ވޭތުވެދިޔަ 10 އަހަރު ދުވަހު ސަރުކާރުން އެ ދަރަނީގެ އިންޓްރެސްޓް ދައްކަން ޖެހުނުކަން އޭނާ ހަނދާންކޮށްދެއްވިއެވެ.
މީގެއިތުރުން، ސަރުކާރުގެ ކުންފުނިތަކުގެ ޕޭ ފްރޭމްވޯކާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ، ޕޭ ކޮމިޝަނުން އެ ފްރޭމްވޯކް އެކުލަވާލާފައިވަނީ ވަރަށް ފުޅާ ދާއިރާއެއްގައި ދިރާސާކުރުމަށްފަހު ކަމަށެވެ. އަދި ކުންފުނިތަކުން އިތުރަށް މުވައްޒަފުން ނުނަގައި، މަސައްކަތްތައް ހަރުދަނާކޮށް އެތެރޭގެ ހިންގުން ރަނގަޅުކުރެވޭނެ އިންތިޒާމުތައް ހަމަޖައްސަންޖެހޭ ކަމަށްވެސް ޑެޕިއުޓީ މިނިސްޓަރު ވިދާޅުވިއެވެ.