2027 ގައި ޚިދުމަތް ފަށާ ގޮތަށް އައްޑޫގައި އެމްބިއުލާސް ސަރވިސް ކޮމްޕްލެކްސްއެއް ޤާއިމުކުރަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 47ސ
2027 ގައި ޚިދުމަތް ފަށާ ގޮތަށް އައްޑޫގައި އެމްބިއުލާސް ސަރވިސް ކޮމްޕްލެކްސްއެއް ޤާއިމުކުރަނީ

އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ދެމުންދާ ޞިއްޙީ އިމަޖެންސީ ޚިދުމަތްތައް ހަރުދަނާކޮށް، ޒަމާނީ ފެންވަރަކަށް ތަރައްޤީ ކުރުމުގެ މަޤުޞަދުގައި ޚާއްޞަ އެމްބިއުލާންސް އެންޑް ޓްރާންސްޕޯޓް ސަރވިސް ކޮމްޕްލެކްސްއެއް ޤާއިމުކުރުމަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިން ނޫރައްދީން އިންވެސްޓްމެންޓާ ހަވާލުކޮށް، އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މި މަޝްރޫޢާ ގުޅޭގޮތުން އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން މަޢުލޫމާތު ދެއްވި ގޮތުގައި، މި ކޮމްޕްލެކްސްގެ ޢަމަލީ މަސައްކަތް އެއްބަސްވުމުގައި ސޮއިކުރި ތާރީޚުން ފެށިގެން 7 މަސް ދުވަހުގެ ތެރޭގައި އެއްކޮށް ނިންމާލެވޭނެއެވެ. އަދި ހުރިހާ މަސައްކަތެއް ނިމި، އަންނަ 2027 ވަނަ އަހަރުގެ ތެރޭގައި ރަސްމީކޮށް ޚިދުމަތް ދޭން ފެށޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

ހިތަދޫގައި ޤާއިމުކުރާ މި މަރުކަޒަކީ އެމްބިއުލާންސް އަދި ޓްރާންސްޕޯޓް ޚިދުމަތްތަކަށް ޚާއްޞަކޮށްގެން އެޅޭ ތިން ބުރީގެ ޒަމާނީ އިމާރާތެކެވެ. މި އިމާރާތުގައި އެމްބިއުލާންސްތައް ޕާކުކުރުމަށާއި ކުދި މަރާމާތުތައް ކުރުމަށް ޚާއްޞަ ޖާގައެއްގެ އިތުރުން ސާމާނު ރައްކާކުރާނެ ގުދަނެއް ހިމެނޭނެއެވެ. މީގެ އިތުރުން އިމަޖެންސީ ކޯލްތައް ކޯޑިނޭޓްކުރުމަށާއި އެމްބިއުލާންސް ޑިސްޕެޗް ކުރުމަށް ޚާއްޞަ ކޮންޓްރޯލް މަރުކަޒަކާއި، ޑްރައިވަރުންނާއި މެޑިކަލް ޓެކްނީޝަނުން އަދި އެހެނިހެން މުވައްޒަފުންނަށް ބޭނުންވާ އެންމެހައި ވަސީލަތްތައް މި އިމާރާތުގައި ހަމަޖެހިގެންދާނެއެވެ.

މި މަޝްރޫޢު ނިމުމުން އައްޑޫގެ އިމަޖެންސީ ރެސްޕޯންސް ނިޒާމު އިތުރަށް ހަރުދަނާވެ، ކަނޑައެޅިފައިވާ އުޞޫލުތަކުގެ ތެރެއިން އިމަޖެންސީ މެޑިކަލް ޓެކްނީޝަނުން (އީއެމްޓީ) އަދި ޕެރެމެޑިކްސްގެ ޚިދުމަތް ފުޅާ ދާއިރާއެއްގައި ލިބިގެންދާނެއެވެ. އަދި ބަލިމީހުން ހޮސްޕިޓަލަށް ގެންދިއުމުގެ ކުރިން ދޭންޖެހޭ އަވަސް ފަރުވާ ފޯރުކޮށްދިނުމާއި، އެއްތަނުން އަނެއް ތަނަށް ބަލިމީހުން އުފުލުމުގެ ތެރޭގައި ދެވޭ ފަރުވާގެ ފެންވަރު މަތިވެ، މެދުކެނޑުމެއްނެތި ފަރުވާ ދިނުމުގެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށް ހޮސްޕިޓަލުން ފާހަގަކުރެއެވެ.

މިއަދު އޮންލައިން