އޯޓީޕީ ހޯދައިގެން އީ-ސިމް ބަދަލުކޮށް ހިންގާ ސްކޭމްތަކަށް ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 38ސ
އޯޓީޕީ ހޯދައިގެން އީ-ސިމް ބަދަލުކޮށް ހިންގާ ސްކޭމްތަކަށް ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފި

ވަން-ޓައިމް ޕާސްވޯޑް (އޯޓީޕީ) ހޯދައިގެން އީ-ސިމް (eSIM) އަށް ބަދަލުކޮށް، ބޭންކް އެކައުންޓްތަކާއި ސޯޝަލް މީޑިއާ އެކައުންޓްތައް ކޮމްޕްރޮމައިޒްކޮށްގެން ހިންގާ ސްކޭމްތަކާއި ހުއްދަނެތި ޑިޖިޓަލް ވޮލެޓް ހަދައިގެން މަކަރާއި ހީލަތް ހަދާ މައްސަލަތައް އިތުރުވަމުންދާތީ، އެކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު އިލްތިމާސްކޮށްފިއެވެ.

ފުލުހުން އާންމުކޮށްފައިވާ މައުލޫމާތުގައިވާ ގޮތުން، ފާއިތުވި މަސްދުވަހުގެ ތަހުގީގުތަކުން ފާހަގަކުރެވިފައިވަނީ އޮޅުވާލައިގެން ކުރާ ފޯނު ކޯލްތަކާއި ޓެކްސްޓް މެސެޖުތަކުގެ ޒަރީއާއިން އޯޓީޕީ އަދި ވެރިފިކޭޝަން ލިންކުތައް ހޯދުމަށް ކުށްކުރާ ފަރާތްތަކުން މަސައްކަތްކުރަމުންދާ ކަމެވެ. މިގޮތުން އެންމެ އާންމުކޮށް ބޭނުންކުރާ އެއް އުކުޅަކީ، މިހާރު ބޭނުންކުރާ މޮބައިލް ނަންބަރަކީ މީގެ ކުރިން އެ މީހަކު ބޭނުންކުރި ނަންބަރެއް ކަމަށް ބުނެ ނުވަތަ ރާއްޖެއިން ބޭރުން އައިސް ކުރީގެ އީމެއިލާއި ސޯޝަލް މީޑިއާ އެކައުންޓްތައް ރިކަވަރ ކުރަން ބޭނުންވާ ކަމަށް ބުނެ އޮޅުވާލައިގެން ކޯޑު ހޯދުމެވެ.

މިފަދަ ކޯޑުތަކާއި ލިންކުތައް ބޭނުންކޮށްގެން، ޝިކާރައަކަށްވާ މީހާގެ މޮބައިލް ނަންބަރު އެހެން ފޯނަކަށް އީ-ސިމް މެދުވެރިކޮށް ބަދަލުކުރާ ކަމަށް ފުލުހުން ބުންޏެވެ. އޭގެ ސަބަބުން ފޯނު ލައިން އެ މީހުންގެ ކޮންޓްރޯލްގެ ދަށަށް ގޮސް، ކުރިއަށް އަންނަ ހުރިހާ ފޯނު ކޯލްތަކާއި ބޭންކިންގ އެސްއެމްއެސް އެލާޓްތައް ކުށްކުރާ ފަރާތްތަކަށް ލިބެއެވެ. އަދި އެ މައުލޫމާތު ބޭނުންކޮށްގެން ހުއްދަނެތި ޑިޖިޓަލް ވޮލެޓްތައް ހަދައި، ބޭންކް އެކައުންޓްތަކަށް ވަދެ ފައިސާ ޓްރާންސްފަރކޮށް ބޮޑެތި މާލީ ގެއްލުންތައް ދަނީ ދެމުންނެވެ.

މިފަދަ ކަންކަމުން ރައްކާތެރިވުމަށްޓަކައި އެއްވެސް ހާލެއްގައި އެއްވެސް ފަރާތަކާ އޯޓީޕީ، ޕިން ނުވަތަ ވެރިފިކޭޝަން ލިންކު ހިއްސާނުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި އެކައުންޓް ރިކަވަރ ކުރަން ކަމަށް ބުނެ ނޭނގޭ ނަންބަރުތަކުން ކުއްލި ކަމެއްގެ ގޮތުގައި ދައްކައިގެން ކުރާ އާދޭސްތަކަށް ސަމާލުކަން ނުދިނުމަށާއި، ރަސްމީ އެއްވެސް މަރުހަލާއެއްގައި ކުރީގެ ނަންބަރު ގެންގުޅޭ ފަރާތަކަށް ގުޅަން ނުޖެހޭނެކަން ފުލުހުން ފާހަގަކުރެއެވެ.

މީގެ އިތުރުން، އެއްވެސް ސަބަބަކާ ނުލައި ކުއްލިއަކަށް ފިޒިކަލް ސިމް ކާޑުން ނެޓްވޯކް ސިގްނަލް ގެއްލިއްޖެނަމަ، ހުއްދައަކާ ނުލައި އީ-ސިމަށް ބަދަލުކޮށްފައިވުން އެކަށީގެންވާތީ، ލަސްނުކޮށް ވަގުތުން ޓެލެކޮމިއުނިކޭޝަން ޕްރޮވައިޑަރަށް ގުޅުމަށް ވެސް ވަނީ އެދިފައެވެ.

ޝައްކުކުރެވޭ ފަދަ ކޯލެއް ނުވަތަ މެސެޖެއް ލިބިއްޖެނަމަ، ނުވަތަ އެކައުންޓަށް އެހެން ފަރާތަކުން ވަދެފައިވާކަމަށް ޝައްކުކުރެވޭނަމަ ލަސްނުކޮށް ނޭޝަނަލް އިމަޖެންސީ ސެންޓަރުގެ ނަންބަރު 911 އަށް ރިޕޯޓުކުރުމަށާއި، ބޭންކާ ގުޅައިގެން އެކައުންޓްތައް ވަގުތުން ފްރީޒްކުރުމަށް ފުލުހުން އެދެއެވެ. އަދި ސޯޝަލް މީޑިއާ އެކައުންޓްތައް ރިކަވަރ ކުރުމަށް ސައިބަރ ކްރައިމް ސެންޓަރުގެ އެހީ ހޯދުމަށާއި، މިފަދަ މަކަރާއި ހީލަތްތަކުން މުޖުތަމައު ރައްކާތެރިކުރުމަށް މައުލޫމާތު އިތުރަށް ހިއްސާކުރުމަށް ފުލުހުން އިލްތިމާސްކުރެއެވެ.

މިއަދު އޮންލައިން