ލ. ހިތަދޫގައި އަލަށް އިމާރާތްކުރި ޕޮލިސް ސްޓޭޝަން ރަސްމީކޮށް ހުޅުވައި ޚިދުމަތް ދޭން ފަށައިފިއެވެ.
2025 އޮކްޓޫބަރު 20 ވަނަ ދުވަހު ބިންގާ އަޅައި، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ޙަވާލުކޮށްގެން ކުރިއަށްގެންދިޔަ މަޝްރޫޢެކެވެ.
ޕޮލިސް ސްޓޭޝަން ރަސްމީކޮށް ހުޅުއްވައިދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދާއި ލ. ހިތަދޫ ކައުންސިލްގެ ރައީސް އިބްރާހީމް ޝަމްޢޫނެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ވިދާޅުވީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުލުހުންގެ އަމިއްލަ މަރުކަޒުތައް ގާއިމުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފައްޓަވާފައިވާ ބޮޑު މަޝްރޫއަކީ ގައުމުގެ އަމަންއަމާންކަމާއި ސުލްހަމަސްލަހަތު ދެމެހެއްޓުމަށް ސަރުކާރުން ދެއްވާ ހާއްސަ އަހައްމިއްޔަތުކަން ހާމަކޮށްދޭ ކަމެއް ކަމަށެވެ.
އަދި ކިތަންމެ ކުޑަ މުޖުތަމައެއް ނަމަވެސް، އަމަންއަމާންކަން ބެލެހެއްޓޭނެ ހަރުދަނާ އިންތިޒާމެއް ހަމަޖެހިފައި ނެތް ނަމަ އެ ތަނެއްގެ ކުރިއެރުމަށް ގިނަ ދޮރުތަކެއް ބަންދުވެގެންދާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އެއް އަހަރު ދުވަހުގެ ތެރޭގައި ހިތަދޫ ޕޮލިސް ސްޓޭޝަންގެ އިމާރާތް ނިންމައި ހުޅުވުމަކީ ފާހަގަކޮށްލެވޭ ބޮޑު ކާމިޔާބީއެއްކަން ފާހަގަކުރައްވަމުން، މި މަޝްރޫއު ކާމިޔާބުކަމާއެކު ނިންމުމުގައި ހިތަދޫގެ ރައްޔިތުންނާއި، ކައުންސިލްގެ ރައީސް އިބްރާހީމް ޝަމްޢޫނާއި، ދާއިރާގެ މަޖިލިސް މެންބަރާއި، ފުލުހުންގެ މުއައްސަސާގެ ޓެކްނިކަލް ބޭފުޅުން އަދި ކަމާގުޅުންހުރި އެންމެހައި ފަރާތްތަކުން ދެއްވި އެއްބާރުލުމަށް ކޮމިޝަނަރ ޝުކުރު އަދާކުރެއްވިއެވެ.
މި މަރުކަޒުގައި ޚިދުމަތް ފެށިއިރު މުވައްޒަފުންގެ އަދަދު މަދުވި ނަމަވެސް، އަތޮޅުތެރޭގެ ސްޓޭޝަންތަކަށް ބޭނުންވާ ފުލުހުން ހަމަކުރުމަށް މިހާރު އިއުލާނުކޮށްފައިވާ ރެކްރޫޓްމަންޓް މަރުހަލާތަކާއެކު، ކުރިއަށް އޮތް ތަނުގައި ހިތަދޫ ޕޮލިސް ސްޓޭޝަނަށް އިތުރު ފުލުހުން ހަމަޖެހިގެންދާނެކަމުގެ ޔަގީންކަން ކޮމިޝަނަރ ރައްޔިތުންނަށް ދެއްވިއެވެ.
އަދި ކުދި މުޖުތަމައުތަކުގައި ފުލުހުންގެ މަސައްކަތް ކާމިޔާބުކުރެވޭނީ ރައްޔިތުންނާ ގާތުން ގުޅިގެން މަސައްކަތްކޮށް، ދެފަރާތުގެ ދެމެދުގައި އޮންނަ އިތުބާރު ބަދަހިކޮށްގެން ކަމަށް ވިދާޅުވެ، ކޮމިއުނިޓީ ޕޮލިސިންގ ފަލްސަފާއާ އެއްގޮތަށް ޚިދުމަތް ދިނުމަށް ހިތަދޫގައި މަސައްކަތްކުރާ ފުލުހުންނަށް އެމަނިކުފާނު އިރުޝާދު ދެއްވިއެވެ.
މީގެ އިތުރުން، ސަރުކާރުން އިފްތިތާހުކުރި އިހުތިރާމު އަދާކުރުމުގެ ގައުމީ މަޝްރޫއަށް ދިވެހި ފުލުހުންގެ ޚިދުމަތުގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަން ހާމަކުރައްވަމުން، ޕޮލިސް ކޮލެޖުން ހިންގާ އަސާސީ ތަމްރީނު ކޯހާއި ކުރިއަށް ހުރި ހުރިހާ ތަމްރީނު ޕްރޮގްރާމުތަކެއްގައި "އިހުތިރާމު އަދާކުރުން" ހާއްސަ މޮޑިއުލެއްގެ ގޮތުގައި ހިމެނުމަށް ނިންމަވާފައިވާކަން ކޮމިޝަނަރ ވަނީ ރަސްމީކޮށް އިއުލާނުކުރައްވާފައެވެ.
"އިހުތިރާމަކީ ރައްޔިތުންނަށް ހިދުމަތް ކުރުމުގައާއި، އެހެން ފަރާތްތަކާ އެކު ކުރެވޭ މުއާމަލާތްތަކުގައި ވެސް ކޮންމެ ފުލުހަކު ހިފަހައްޓަންޖެހޭ އަސާސީ ސިފައެއް.މި އަސާސް ހަރުދަނާކުރުމުގެ ގޮތުން، ދިވެހި ފުލުހުންގެ ޚިދުމަތުގެ އަސާސީ ތަމްރީނު ކޯހުން ފެށިގެން، އޮޕަރޭޝަނަލް އަދި ފަންނީ ހާއްސަ ތަމްރީނުތައް ހިމެނޭހެން، ފުލުހުންގެ ހުރިހާ ތަމްރީނު ޕްރޮގްރާމެއްގައި ހާއްސަ މޮޑިއުލެއްގެ ގޮތުގައި އިހުތިރާމް ހިމެނުމަށް އަޅުގަނޑުމެން ވަނީ ނިންމާފަ،" ކޮމިޝަނަރ ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުޙާދު ފިކުރީއާއި، ފުލުހުންގެ އިސް އެގްޒެކެޓިވް އޮފިސަރުންނާއި، ރީޖަން ކޮމާންޑަރުންގެ އިތުރުން ހިތަދޫ ކައުންސިލްގެ މެންބަރުންނާއި، އެމް.އެން.ޑީ.އެފްގެ ބޭފުޅުންނާއި، ރަށުގެ އެކި މުއައްސަސާތަކުގެ ވެރިންނާއި ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވިއެވެ.
ހަބަރު: ސަރުކާރު