46 ވަނަ މަސްވެރިންގެ ދުވަހާ ގުޅިގެން ކުރެހުމާއި، ޕެއިންޓިން އަދި ޑިޖިޓަލް އާޓް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 34ސ
46 ވަނަ މަސްވެރިންގެ ދުވަހާ ގުޅިގެން ކުރެހުމާއި، ޕެއިންޓިން އަދި ޑިޖިޓަލް އާޓް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

ޤައުމީ ފެންވަރުގައި ފާހަގަކުރާ 46 ވަނަ މަސްވެރިންގެ ދުވަހުގެ މުނާޞަބަތާ ގުޅިގެން ބާއްވާ ޚާއްޞަ ކުރެހުމުގެ މުބާރާތަށް އާޓްވޯކް ހުށަހެޅުމުގެ ފުރުޞަތު މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ. މި މުބާރާތުގެ މައިގަނޑު ޝިއާރަކަށް ކަނޑައަޅާފައިވަނީ "މަސްވެރިކަމުގެ ސިނާއަތް ސިންދާފަތު ކުރުމަށް ޒުވާނުންގެ ބައިވެރިވުން" އެވެ. މި ޝިއާރުގެ މައިގަނޑު މަޤްޞަދަކީ މަސްވެރިކަމުގެ ސިނާއަތުގެ މުސްތަޤުބަލަށް ޒުވާނުންގެ ދައުރު މުހިންމު މިންވަރު ފާހަގަކޮށް، އެ ދާއިރާއަށް ޒުވާނުންގެ ޝައުޤުވެރިކަން އިތުރުކުރުމެވެ.

މި އެގްޒިބިޝަނަށް ހުށަހަޅާ އާޓްވޯކްތައް މައިގަނޑު 3 އުމުރުފުރާއަކަށް ވަނީ ބަހާލައިފައެވެ. އެއީ 12 އަހަރުން ދަށުގެ އުމުރުފުރާއާއި، 12 އަހަރުން މަތީގެ އުމުރުފުރާގެ އިތުރުން ބައިނަލްއަޤުވާމީ ބައިވެރިންގެ ދާއިރާއެވެ. ބައިނަލްއަޤުވާމީ ދާއިރާގައި ހިމެނޭ ފަރާތްތަކުން ހުށަހަޅާ މަސައްކަތްތަކުގައި، ރާއްޖޭގެ މަސްވެރިކަމުގެ ސަޤާފަތާއި، މުޖުތަމަޢުތަކާއި، ދިރިއުޅުމުގެ ވައްޓަފާޅިއަށް ބޭރުގެ ނަޒަރަކުން އަލިއަޅުވާލައި، މަސްވެރިކަން ކުރިއެރުވުމަށް އެދެވޭ ހުށަހެޅުންތައް ހިމަނަން ޖެހޭނެ ކަމަށް އެ ވުޒާރާއިން މަޢުލޫމާތު ދެއްވައެވެ.

މުބާރާތަށް ތަފާތު ފަންނުވެރިކަން ދައްކުވައިދޭ އެކި ބާވަތްތަކުގެ މަސައްކަތްތައް ހުށަހެޅުމުގެ ފުރުޞަތު ވަނީ ފަހިކޮށްދީފައެވެ. އޭގެ ތެރޭގައި ކުރެހުމާއި، ޕެއިންޓިން، ޑިޖިޓަލް އާޓް، ސްކަލްޕްޗާ އަދި އެއްގޮތަށްވުރެ ގިނަ މީޑިއާ ބޭނުންކޮށްގެން ތައްޔާރުކުރާ މިކްސްޑް މީޑިއާގެ މަސައްކަތްތައް ހިމެނެއެވެ.

މި މުބާރާތުން ވަނަ ހޮވުމަށް ހަމަޖެހިފައިވަނީ ކޮންމެ ދާއިރާއަކުންނާއި، އާޓްވޯކްތަކުގެ ކޮންމެ ވައްތަރަކުން ވަކިންނެވެ. އަދި ވަނަ ހޯދާ ކޮންމެ ފަރާތަކަށް 5،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ކަނޑައަޅައިފައެވެ.

މި މުބާރާތުގައި ބައިވެރިވާން އެދޭ ފަރާތްތަކުން ނޮވެމްބަރު 25 ވަނަ ދުވަހުގެ 14:00 ގެ ކުރިން، އެކަމަށް ޚާއްޞަކޮށްފައިވާ ފޯމު މެދުވެރިކޮށް ހުށަހެޅުމަށް މަސްވެރިކަމާ ބެހޭ ވުޒާރާއިން އެދިވަޑައިގަންނަވައެވެ.

މިއަދު އޮންލައިން