ޤާނޫނުއަސާސީން ކަށަވަރުކޮށްދޭ އަސާސީ ހައްގުތައް މިނިވަންކަމާއެކު ލިބިގަތުމުގައި، އެހެން މީހުންގެ ހައްގުތަކަށް އިހުތިރާމްކޮށް ސަމާލުވާންޖެހޭނެ ކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
ބަންޑާރަނައިބުގެ އޮފީހާއި ޔޫއެންޑީޕީ މޯލްޑިވްސް ގުޅިގެން ކުރިއަށްގެންދާ "އެނގުމަކީ ބާރެއް" މަޝްރޫޢުގެ ދަށުން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައި ބަންޑާރަނައިބު ވިދާޅުވީ، ވަރުގަދަ ޑިމޮކްރެޓިކް ނިޒާމެއް ބިނާވެގެންދަނީ ހަމައެކަނި ލިބޭ ހައްގުތަކެއްގެ މައްޗަށް ނޫން ކަމަށެވެ. އަދި ކޮންމެ މީހަކުވެސް ޒިންމާދާރުކަމާއެކު ހައްގުތައް ބޭނުންކޮށް، އެކަކު އަނެކެއްގެ ވާޖިބުތައް ފުރިހަމަކުރުމަކީ އެފަދަ ނިޒާމެއްގެ އެންމެ މުހިންމު ބިންގާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެއިތުރުން، މިނިވަންކަމުގެ ނަމުގައި އެހެން ފަރާތްތަކުގެ އަބުރު ނަގައިލުމަކީ ޤާނޫނުއަސާސީ ޖާގަދޭ ކަމެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ.
ޤާނޫނުއަސާސީގެ 67 ވަނަ މާއްދާއަށް އަލިއަޅުއްވާލައްވަމުން ބަންޑާރަނައިބު ވިދާޅުވީ، ކޮންމެ ރައްޔިތަކަށް ލިބިދޭ ހައްގުތަކާ ވަކިނުކުރެވޭނެ ގޮތެއްގައި އަދާކުރަންޖެހޭ ވާޖިބުތަކެއްވެސް ލާޒިމުވާ ކަމަށެވެ. އެގޮތުން:
- ޤާނޫނުއަސާސީއަށް ޙުރުމަތްތެރިކޮށް ހިތުން
- ދައުލަތުގެ މުދަލާއި ތިމާވެށި ޙިމާޔަތްކުރުން
- އެހެން މީހުންގެ ޙައްޤުތަކަށް ރައްކާތެރިވެ ބެލުން
މިކަމުގެ މިސާލެއްގެ ގޮތުން ދަތުރުފަތުރުކުރުމުގެ ހައްގަށް އިޝާރާތްކުރައްވަމުން އުޝާމް ފާހަގަކުރެއްވީ، އެ މިނިވަންކަން ލިބިގަތުމުގައި އާންމު ތަންތަން ބޭނުންކުރުމުގައި ޒިންމާދާރުވާންޖެހޭނެ ކަމަށެވެ. އަދި ދަތުރުފަތުރުކުރުމުގައި އެހެން މީހުންގެ ފުރާނައަށް ނުވަތަ މުދަލަށް ނުރައްކަލެއް ނުވާނެކަން ކަށަވަރުކުރުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމަށް ވިދާޅުވިއެވެ.
ހަމައެއާއެކު، މުޒާހަރާކުރުމަކީ ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގަކަށްވީ ނަމަވެސް، އެ ހައްގު ބޭނުންކުރަންވާނީ ސުލްހަވެރިކަމާއެކު ޤާނޫނުތަކަށް ފުރިހަމައަށް އިހްތިރާމްކޮށްގެން ކަމަށްވެސް ބަންޑާރަނައިބު ވިދާޅުވިއެވެ.