ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް، ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) މެދުވެރިކޮށް މިދިޔަ މަހު 58.8 މިލިޔަން ރުފިޔާގެ މާލީ އެހީތެރިކަން ފޯރުކޮށްދީފިއެވެ. މި އެހީ ދީފައިވަނީ އެ އެޖެންސީގެ ދަފްތަރުގައި ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުގެ ތެރެއިން 15،862 މީހަކަށެވެ.
އެންސްޕާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިދިޔަ މަހު އެކަނިވެސް ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރަށް 199 މީހުން އަލަށް އިތުރުވެފައިވެއެވެ. މިއާއެކު އެ ދަފްތަރުގައި ރަޖިސްޓަރީވެފައިވާ މީހުންގެ ޖުމުލަ އަދަދު މިހާރު ވަނީ 16،049 އަށް އަރާފައެވެ.
ދަފްތަރުގައި ހިމެނޭ ފަރާތްތަކުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ރަޖިސްޓަރީވެފައިވާ މީހުންގެ ތެރޭގައި ގިނައީ ފިރިހެނުންނެވެ. އެއީ 9،272 ފިރިހެނުންނާއި 6،777 އަންހެނުންނެވެ. އުމުރުފުރައަށް ބަލާއިރު އެންމެ ގިނައީ އުމުރުން 18 އަހަރާއި 64 އަހަރާ ދެމެދުގެ މީހުންނެވެ. އެއީ 4،143 ފިރިހެނުންނާއި 3،988 އަންހެނުން ހިމެނޭހެން ޖުމުލަ 8،131 މީހުންނެވެ. މީގެއިތުރުން ދަފްތަރުގައިވާ ފަރާތްތަކުގެ ތެރެއިން އެންމެ ގިނަ މީހުން ރަޖިސްޓަރީކޮށްފައިވަނީ ޖިސްމާނީ ނުކުޅެދުންތެރިކަން ހުރެގެންނެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދިން އެހީގެ އިތުރުން، ފަޤީރު ހާލަތުގައި ދިރިއުޅޭ ފަރާތްތަކަށްވެސް އެންސްޕާއިން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. އެގޮތުން، އެކަނި ދަރިން ބަލަހައްޓާ 3،310 މައިންނާއި ބަފައިންގެ ދަށުގައިވާ 5،666 ކުޑަކުދިންނަށް 17 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ވަނީ ދޫކޮށްފައެވެ.
ހަމައެއާއެކު، މައިންބަފައިންގެ އެހީތެރިކަމެއް ނެތި އެހެން މީހުން ބަލަހައްޓާ ކުދިންނަށް އެހީވާ 100 ފަރާތަކަށް 181،000 ރުފިޔާ އަދި ކާބޯތަކެތި ގަތުމަށް ދަތިވެފައިވާ 652 މީހަކަށް ޖުމުލަ 26،080 ރުފިޔާގެ އެހީތެރިކަން މިދިޔަ މަހު ވަނީ ފޯރުކޮށްދީފައެވެ.