ހުޅުމާލޭގެ މަގުތަކުގެ ރައްކާތެރިކަން އިތުރުކޮށް، ޓްރެފިކް މައްސަލަތަކަށް ހައްލެއް ހޯދުމުގެ ގޮތުން ހުޅުމާލެ ފޭސް 2 ގައި ސްޕީޑް ބްރޭކަރު ހެދުމުގެ މަސައްކަތް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ފަށައިފިއެވެ.
މި މަޝްރޫޢުގެ ފުރަތަމަ މަރުޙަލާގެ މަސައްކަތްތައް ކުރިއަށްދަނީ ފޭސް 2 ގެ ބަސް ދަތުރުކުރާ ލޭންތަކުގައެވެ. އެގޮތުން ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭ ސަރަޙައްދެއްގެ ގޮތުގައި ފާހަގަކުރެވިފައިވާ ކްރިކެޓް ސްޓޭޑިއަމް ކައިރީގައި ސްޕީޑް ބްރޭކަރު ހަރުކުރުމުގެ ޢަމަލީ މަސައްކަތް މިއަދު ހެނދުނު ވަނީ ފަށާފައެވެ. އެޗްޑީސީން މަޢުލޫމާތު ދެއްވި ގޮތުގައި އެ ސަރަޙައްދުގެ މަސައްކަތް މިމަހުގެ 14 ވަނަ ދުވަހާ ހަމައަށް ކުރިއަށްދާނެއެވެ.
މަސައްކަތް ކުރިއަށްދާ ވަގުތުތަކުގައި ޢާންމު ދަތުރުފަތުރަށާއި، ޚާއްޞަކޮށް ބަހުގެ ޚިދުމަތަށް އެއްވެސް ބުރޫއެއް ނާރާނެހެން އިންތިޒާމުތައް ވަނީ ހަމަޖައްސާފައެވެ. އެގޮތުން ފުލުހުންގެ ޓްރެފިކް ޑިޕާޓްމަންޓުގެ އެހީތެރިކަމާއެކު އެ ސަރަޙައްދުގެ ޓްރެފިކް ފްލޯއަށް ވަގުތީ ބަދަލުތަކެއް ގެނެސްގެން ދަތުރުފަތުރުގެ ކަންކަން ބެލެހެއްޓުމަށް ވަނީ ރާވާފައެވެ.
ބަސް ލޭންތަކުގައި ސްޕީޑް ބްރޭކަރު އެޅުމުގެ މަސައްކަތް ނިމުމުން، ހުޅުމާލެ ފޭސް 2 ގެ އެހެނިހެން މުހިންމު ސަރަޙައްދުތަކުގައިވެސް މި މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް އެޗްޑީސީން ބުނެއެވެ. މި ބަދަލުތަކާއެކު، ހުޅުމާލޭގެ މަގުތައް ބޭނުންކުރާ ފަރާތްތަކަށާއި ދުއްވާ އެއްޗެއްސަށް ބޮޑު ރައްކާތެރިކަމެއް ލިބިގެންދާނެ ކަމަށް އެ ކޯޕަރޭޝަނުން ދެކެއެވެ.