ރިއަލް އެސްޓޭޓް ދާއިރާގެ ގޮންޖެހުންތަކަށް ހައްލެއް: އާ ބިލަކާއެކު "ޕްރޮޕަޓީ ރެގިއުލޭޓަރީ އޮތޯރިޓީއެއް" އުފެދެނީ

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 18ސ
ރިއަލް އެސްޓޭޓް ދާއިރާގެ ގޮންޖެހުންތަކަށް ހައްލެއް: އާ ބިލަކާއެކު "ޕްރޮޕަޓީ ރެގިއުލޭޓަރީ އޮތޯރިޓީއެއް" އުފެދެނީ

ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލުގެ މައިގަނޑު ބޭނުމަކީ މި ދާއިރާގައި އަމިއްލަ ވިޔަފާރިތައް ބާރުވެރިކޮށް، ސަރުކާރާއި ރައްޔިތުންނަށްވެސް މި ސިނާޢަތުން ފައިދާ ހޯދައިދިނުން ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މި ބިލާ ގުޅޭގޮތުން ބޭއްވި ޚާއްޞަ ފޯރަމެއްގައި ބައިވެރިން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.

މި ބިލަކީ ރިއަލް އެސްޓޭޓް ދާއިރާއަށް މިހާރު ދިމާވެފައިވާ ބޮޑެތި ގޮންޖެހުންތަކަށް ޤާނޫނީ ހައްލުތަކެއް ހޯދައިދިނުމަށް އެކުލަވާލާފައިވާ ބިލެކެވެ. މި ބިލު ޤާނޫނަކަށް ވުމާއެކު، ގެދޮރުވެރިކަމާ ބެހޭ ވުޒާރާގެ ދަށުން "ޕްރޮޕަޓީ ރެގިއުލޭޓަރީ އޮތޯރިޓީ" ގެ ނަމުގައި އައު އިދާރާއެއް އުފެދިގެންދާނެއެވެ.

ދޮޅު އަހަރެއްހާ ދުވަހުގެ މަސައްކަތުން ތައްޔާރުކުރި މި ފަންނީ އަދި ތަފްސީލީ ބިލާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ވަޒީރު މުއްޠަލިބު ވަނީ މީގެ ކުރިން މި ދާއިރާގައި ހިންގާފައިވާ ބައެއް މަޝްރޫޢުތަކުގެ ސަބަބުން ރައްޔިތުންނަށް ލިބުނު ބޮޑެތި ގެއްލުންތައް ފާހަގަކުރައްވާފައެވެ. އެގޮތުން ސީލައިފް އަދި ކޭޕާކް ފަދަ މަޝްރޫޢުތަކުގެ މިސާލު ދައްކަވަމުން، ދައުލަތުން އަދިވެސް ބަދަލުގެ ގޮތުގައި އެތައް މިލިޔަން ރުފިޔާއެއް ދޭންޖެހިފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. ނަމަވެސް، މި އާ ޤާނޫނު ފާސްވުމާއެކު މިފަދަ މައްސަލަތަކަށް ދާއިމީ ހައްލެއް ލިބި، ކޮންމެ މަޝްރޫޢެއްވެސް ކުރިއަށް ގެންދެވޭނީ ރަޖިސްޓްރީކޮށްގެން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި ބިލުގައި ޑިވެލޮޕަރުން ރަޖިސްޓްރީވުމާއި، އޮފް-ޕްލޭންކޮށް ވިއްކާނެ ހަރުދަނާ އުސޫލުތައް ތަފްސީލުކޮށް ބަޔާންކޮށްފައިވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން ފާހަގަކޮށްލެވޭ މުހިންމު ކަންކަމުގެ ތެރޭގައި:

- އެސްކްރޯ އެކައުންޓް: ގަންނަ ފަރާތްތަކުގެ އަތުން ނަގާ ފައިސާ ބަހައްޓަންޖެހޭނީ އެސްކްރޯ އެކައުންޓެއްގައެވެ. އަދި އިމާރާތް ކުރަމުންދާ މިންވަރަކަށް، އޮތޯރިޓީން ބެލުމަށްފަހު ނޫނީ ޑިވެލޮޕަރުންނަށް ފައިސާ ދޫނުކުރެވޭނެއެވެ.

- ޤާނޫނީ ހައްޤުތައް: ބިމުގެ ވެރިފަރާތާއި، އެ ބިމެއް ތަރައްޤީކުރަން ހަވާލުވާ ފަރާތަށްވެސް ޤާނޫނީ ފުރިހަމަ ރައްކާތެރިކަން މި ބިލުން ކަށަވަރުކޮށްދޭނެއެވެ.

ލީސް ހޯލްޑަރ ރެޖިސްޓްރޭޝަން: ޕްރޮޕަޓީ އޮތޯރިޓީން އެއްބަސްވުމާ އެއްގޮތަށް ޓައިޓަލް ދޫކުރުމުގެ ސަބަބުން، ގެވެރިފަރާތުގެ ވަކި ހުއްދައަކާ ނުލައިވެސް އެ ތަނަކަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ގުޅުމުގެ ފުރުސަތު ތަރައްޤީކުރާ ފަރާތަށް ލިބިގެންދާނެއެވެ.

މީގެ އިތުރުން، ބިންވެރިޔާ ސްކީމުގެ ދަށުން ލިބިފައިވާ ގޯތިތައް އެއްކޮށްލައިގެން ރިއަލް އެސްޓޭޓް މަޝްރޫޢުތައް ހިންގުމަށްވެސް މި ބިލުގެ ތެރެއިން ފަހި މަގުތަކެއް ތަނަވަސްވެގެންދާނެ ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.

މިއަދު އޮންލައިން