ޖުމްހޫރީ ދުވަހުގެ މުނާސަބަތާ ގުޅިގެން ލިބޭ ބަންދު ދުވަސްތަކުގައިވެސް ރައްޔިތުންނަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން، މިއަދާއި މާދަމާ މާލެ ސަރަހައްދާއި އައްޑޫ ސިޓީގައި ހުންނަ އިމިގްރޭޝަން އޮފީސްތަކުން ޕާސްޕޯޓުގެ ޚިދުމަތް ދިނުމަށް ހަމަޖެހިފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވެއްޖެއެވެ.
މި ބަންދު ދުވަސްތަކުގައި ޚިދުމަތް ހޯދަން ބޭނުންވާ ފަރާތްތަކަށް ފަސޭހައިން އިންތިޒާމުތައް ހަމަޖެއްސުމުގެ ގޮތުން، އިމިގްރޭޝަނުން މިހާރު ވަނީ އެކި އޮފީސްތަކުން ޚިދުމަތް ދޭނެ ގަޑިތައް އާންމުކޮށްފައެވެ. އެގޮތުން މާލޭ އޮފީހުން ޕާސްޕޯޓާ ހަވާލުވުމަށް ނަންބަރު ދޫކުރާނީ ހެނދުނު 09:00 އިން ހަވީރު 16:00 އަށެވެ. އަދި ހުޅުމާލެ ފޭސް 1 އަދި ފޭސް 2 ގެ އޮފީސްތަކުން ނަންބަރު ދޫކުރުމަށް ހަމަޖެހިފައިވަނީ ހެނދުނު 08:30 އިން ހަވީރު 16:00 އަށެވެ.
އަތޮޅުތެރެއިން މި ޚިދުމަތް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ އައްޑޫ ސިޓީގައެވެ. އައްޑޫ އިމިގްރޭޝަން އޮފީހުން ޕާސްޕޯޓުގެ ޚިދުމަތް ދިނުމަށް ނިންމާފައިވަނީ ހެނދުނު 08:30 އިން ހަވީރު 17:00 އަށެވެ.
މީގެ އިތުރުން، ޖިސްމާނީކޮށް އޮފީހަށް ނުގޮސް ގޭގައި ތިބެގެން ޕާސްޕޯޓަށް އެދި ހުށަހެޅޭނެ އިންތިޒާމު ހަމަޖެހިފައިވާކަން ފާހަގަކުރައްވައި އިމިގްރޭޝަނުން ވިދާޅުވީ، 'އިމުގާ' (Imuga) ޕޯޓަލް މެދުވެރިކޮށް 24 ގަޑިއިރު ޕާސްޕޯޓަށް އެދި ފޯމު ހުށަހެޅޭނެ ކަމަށެވެ.