ރާއްޖޭގެ ހަ އަތޮޅެއްގެ އިމާމުންނަށް ބޭއްވި ތާޒާކުރުމުގެ ޕްރޮގުރާމް ނިންމައިލައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 19ސ
ރާއްޖޭގެ ހަ އަތޮޅެއްގެ އިމާމުންނަށް ބޭއްވި ތާޒާކުރުމުގެ ޕްރޮގުރާމް ނިންމައިލައިފި

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އިމާމުން ތާޒާކުރުމަށް ފަށާފައިވާ ޤައުމީ މަޝްރޫޢުގެ ދަށުން، ރާއްޖާއްޖޭގެ ހަ އަތޮޅެއްގެ އިމާމުންނަށް ބޭއްވި ތާޒާކުރުމުގެ ޕްރޮގުރާމް ނިންމައިލައިފިއެވެ. މި ޕްރޮގުރާމް ނިމުމާ ގުޅިގެން މިއަދު އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގައި ޚާއްޞަ ރަސްމިއްޔާތެއް ބޭއްވުނެވެ.

މި ފަހަރުގެ ޕްރޮގުރާމް އަމާޒުކުރެވިފައިވަނީ މިލަދުންމަޑުލު ދެކުނުބުރި، މާޅޮސްމަޑުލު އުތުރުބުރި، ނިލަންދެއަތޮޅު އުތުރުބުރި އަދި ދެކުނުބުރި، ކޮޅުމަޑުލު އަދި ހައްދުންމަތީގެ އިމާމުންނަށެވެ. މި ހަ އަތޮޅުން ޖުމްލަ 272 އިމާމުން މި ޕްރޮގުރާމުގައި ބައިވެރިވެފައިވާކަން ފާހަގަކޮށްލެވެއެވެ.

އިމާމުން ތާޒާކުރުމުގެ ޤައުމީ މަޝްރޫޢުގެ ދަށުން މީގެ ކުރިން ހުވަދުއަތޮޅު އުތުރުބުރި، ހުވަދުއަތޮޅު ދެކުނުބުރި އަދި ފުވައްމުލައް ސިޓީގައި ވެސް ދަންފަޅިތައް ބޭއްވިފައިވެއެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ އިމާމުން ތާޒާކޮށް ނިންމުމެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އިމާމުންގެ ތަޢުލީމާއި ތަމްރީނަށް ޚާއްޞަ އަހައްމިއްޔަތުކަމެއް ދެއްވައެވެ. މީގެ ތެރޭގައި އިމާމުން ތާޒާކުރުމާއި، އިތުރު ތަމްރީނު ދިނުމާއި، މަތީ ތަޢުލީމަށް ކިޔެވުމުގެ ފުރުސަތު ފަހިކޮށްދިނުން ހިމެނެއެވެ. މިކަމަށް ރައީސުލްޖުމްހޫރިއްޔިއްޔާ އަމިއްލަފުޅަށް ވަރަށް ބޮޑަށް ބާރުއަޅުއްވައެވެ.

މި ޕްރޮގުރާމްތަކުގެ ސަބަބުން އިމާމުންގެ ޢިލްމީ ފެންވަރު މަތިވެ، މިސްކިތްތަކުގައި ދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅުވެގެންދާނެ ކަމަށް އުއްމީދު ކުރެވެއެވެ.

މިއަދު އޮންލައިން