ފިރިހެންދަރިން ނެތް މީހެއްގެ އަންހެން ދަރިންނާ ކައިވެނިކުރަންވާނީ އޭނާގެ މައިންބަފައިންގެ ޒިންމާ އުފުލަން ތައްޔާރަށްހުރެ!

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 42ސ
ފިރިހެންދަރިން ނެތް މީހެއްގެ އަންހެން ދަރިންނާ ކައިވެނިކުރަންވާނީ އޭނާގެ މައިންބަފައިންގެ ޒިންމާ އުފުލަން ތައްޔާރަށްހުރެ!

ދަރިންނަކީވެސް ﷲ ތަޢާލާ ދެއްވަވާ ނިޢުމަތެކެވެ. އަދި ދަރިން ދެއްވަވާނެ ޢަދަދާއި ދަރިން ދެއްވަވާނެ ޖިންސް ކަނޑައަޅުއްވަވަނީވެސް ﷲ ތަޢާލާއެވެ. އެކަންކަމަށް އެއްވެސް މީހަކަށް އެއްވެސް ބާރެއް ނުހިންގޭނެއެވެ. 

ބައެއް ދެމަފިރިންނަށް ދެއްވަވަނީ އަންހެންދަރިންނާއި ފިރިހެންދަރިންނެވެ. ބައެއް ދެމަފިރިންނަށް ހަމައެކަނި އަންހެންދަރިންނެވެ. އަނެއްބައި ދެމަފިރިންނަށް ހަމައެކަނި ފިރިހެންދަރިންނެވެ. 

ހަމައެކަނި އަންހެން ދަރިން ތިއްބައި އެތަނުން ކުއްޖަކާއި ކައިވެނިކުރާ ފިރިހެނުންގެ ބޮލުގައި އިތުރު ޒިންމާއެއް އެޅެއެވެ. އެއީ އަނބިމީހާގެ މައިންބަފައިން ބެލެހެއްޓުމުގެ ޒިންމާއެވެ. ވީމާ އެފަދަ އަންހެނަކާއި ކައިވެނިކުރާނަމަ ހުންނަންވާނީ އެކަމަށް ތައްޔާރުވެގެންނެވެ. 

ކައިވެނިކުރާއިރު ދެމީހުންވެސް ރުހި އެއްބަސްވާންޖެހޭނެ އެންމެ މުހިންމު އެއްކަމަކީ އަނެކާއަށް އުފުލަންޖެހޭ އޭނާގެ ޢާއިލީ ޒިންމާތައް އުފުލުމުގައި ބައިވެރިވުމެވެ. ފަހަރެއްގައި އެމީހުން ތިމާއަށް ކަންކަން ކުރަނީ ރަނގަޅަށް ނޫންކަމަށްވެސް ވެދާނެއެވެ. އެޙާލަތުގައިވެސް މިބަޔާންކުރި ޒިންމާ އަދާކުރަންވާނެއެވެ. ކުނި މޫނުދައްކައި ފުރަގަސްދީގެން ނުވާނެއެވެ. 

ވިސްނާށެވެ! ތިބާ ކައިވެނިކުރީ މައިންބަފައިންގެ ކަންކަން ބަލަހައްތައިދޭނެ އަޚަކު ނެތް އަންހެނަކާއި ކަމަށްވެފައި ތިބާ އެޒިންމާ ނުއުފުލިނަމަ ދެން ކަންކަންވާނީ ކިހިނަކުން ހެއްޔެވެ؟ އެޒިންމާ އަނބިމިހާއަށް އުފުލައިދޭނީ ކާކުހެއްޔެވެ؟ އެޙާލަތުގައި ތިބާ ޒިންމާ ނުއުފުލައިފިނަމަ އަނބިމީހާއަށް ކުރާނެ އަސަރު ހިތަށް ގެންނާށެވެ! އަދި މިބުނި ފަދަ ޙާލަތެއްގައި ފިރިމީހާގެ މައިންބަފައިން ބެލުމުގައި އަނބިމީހާވެސް އެޒިންމާ އުފުލަން ފަސްޖެހިއްޖެނަމަ ފިރިމީހާއަށް ކުޜާނެ އަސަރަށްވެސް ވިސްނާށެވެ.  

ދުނިޔޭގައި އެންމެ އުފަލުގައި އުޅެވޭނީ ބައިވެރިޔާގެ ޢާއިލާއަކީ ހަމަ ތިމާގެވެސް ޢާއިލާ ކަމަށް ޤަބޫލުކޮށްގެންނެވެ. ހަމައެފަދައިން ތިމާމެންގެ ދަރިން ކައިވެނިކުރާ މީހުންނަކީ ތިމާމެންގެވެސް ދަރިން ކަމަށް ޤަބޫލުކޮށްގެންނެވެ. މުސްލިމުންގެ ގޮތަކަށްވާނީ މިބުނި މަގުން ކަންކަން ކުރުމެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން