ބައިވެރިޔާ ތިބާގެ ކިބައިން ހިތްހަމަޖެހުން ނުހޯދައި ބޭރުން ހިތްހަމަޖެހުން ހޯދާނަމަ މިވާހަކަ ޙިއްޞާކޮށްލާ!

އަހުމަދު
ކިޔުމަށް ހޭދަވާނީ 1މ 24ސ
ބައިވެރިޔާ ތިބާގެ ކިބައިން ހިތްހަމަޖެހުން ނުހޯދައި ބޭރުން ހިތްހަމަޖެހުން ހޯދާނަމަ މިވާހަކަ ޙިއްޞާކޮށްލާ!

އިސްލާމް ދީނަށް ވަނުމަކީ ވަރަށް ފަސޭހައިން ކުރެވޭ ކަމެކެވެ. ޝަހާދަތުގެ ދެކަލިމަ ކިޔައި މާނަ ޤަބޫލުކުރުމުން އެއޮތީ އިސްލާމް ދީނަށް ވަދެވިފައެވެ. ބުރައަކަށްވަނީ އިސްލާމް ދީނަށް ޢަމަލުކުރުމެވެ.

ގިނަ ބައަކު ބުނާގޮތުން އެމީހުންނަށް އިސްލާމް ދީނަށް ޢަމަލުކުރަން އުނދަގޫވަނީ އެމީހުންގެ ހިތްހަމަ ޖައްސަން ކުރަން ބޭނުންވާ ކަންކަން ނުކުރެވޭތީއެވެ. މިމޭރުމުން ވިސްނާނަމަ އެމީހަކަށް އެހުރެވެނީ ފުރިހަމަ އިސްލާމް ދީނަކު ނޫނެވެ. އެހެނީ ފުރިހަމަ ގޮތުގައި ﷲ ތަޢާލާއަށް އީމާންވެވިއްޖެނަމަ އޭނާއަށް އުފާވެރިކަން ލިބޭނެ ހަމައެކަނި ގޮތަކީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދަން މަސައްކަތްކުރުމެވެ. ﷲ ތަޢާލާ ރުހިވޮޑިގަންނަވާނެ ޢަމަލުތައް ގިނައިން ކުރެވޭ ވަރަކަށް އެމީހަކަށް ދާނީ ހިތްހަމަޖެހުން އިތުރުވަމުންނެވެ. 

ހަމައެއާއިއެކު ﷲ ތަޢާލާ ރުހިވޮޑިނުގަންނަވާނެ ކަމެއް ކުރެވިއްޖެނަމަ ދެރަވެ ހިތާމަކުރެވޭނެއެވެ. ތައުބާވުމަށް އަވަސްވެގަނެވޭނެއެވެ. ވިއްދައިގެން ހެޔޮ ޢަމަލެއްކުރަންވެސް އަވަސްވެގަނެވޭނެއެވެ. 

ލޮބުވެތި އެކުވެރިންނޭވެ! ހިތްހަމަޖެހުމާއި އުފާވެރިކަން ލިބުން އޮތީ ހަމައެކަނި ﷲ ތަޢާލާގެ ޙަޟްރަތުންނެވެ. އެއީ ފައިސާއިން ނުވަތަ ތިމާއަށް ގިނަ ބައަކު ތާއީދުކުރާތީ ޙާޞިލުކުރެވޭ ކަމެއް ނަމަ ދުނިޔޭގެ ބޮޑެތި ބިލިއަނަރުންނާއި މަޝްހޫރު ފަންނާނުންނަށް ހިތްހަމަޖެހުން ނުލިބިގެން އެއުޅެނީ ކީއްވެގެން ހެއްޔެވެ؟ 

ލޮބުވެތި އެކުވެރިންނޭވެ! ބައިވެރިޔާގެ ކިބައިން ހިތްހަމަޖެހުން ނުހޯދައި ބޭރުން ހިތްހަމަޖެހުން ހޯދާމީހުންނަށް ހިތްހަމަޖެހުން ނުލިބި ދިރިއުޅުން ބަނގުރޫޓުވަނީވެސް ހަމަ މިސަބަބާއިހުރެއެވެ. ﷲ ތަޢާލާ ހުއްދަކުރެއްވެވި ގޮތް ދޫކޮށްލައި ޝައިޠޯނާ ދައްކާމަގުން ހިތްހަމަޖެހުން ހޯދަން އުޅެވޭތީއެވެ. އެފަދަ މީހުންގެ ދުނިޔަވީ ދިރިއުޅުމުގެ އިތުރުން އާޚިރަތްވެސް އެވަނީ ބަނގުރޫޓުވެފައެވެ. އެމީހުންނަކަށް ދުވަހަކުވެސް ޙަޤީޤީ ހިތްހަމަޖެހުމެއް ނުލިބޭނެއެވެ! އެއީ އެމީހުންނަށް ﷲ ތަޢާލާ ލައްނަތް ލައްވަވާތީއެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން