ލޮބުވެތި އެންމެހައި ރައްޔިތުން؛
ޤައުމެއްގެ ޤައުމިއްޔަތުގައި، އެ ބަޔަކަށް ލިބިފައިވާނެ އެންމެ އަގުބޮޑު އެއް ރައުސްމާލަކީ، އެ ބައެއްގެ މާދަރީ ބަސް. މާދަރީ ބަހަކީ އަމިއްލަ ޤައުމީ ސަގާފަތެއް އުފައްދައިދޭ ވާސިތާ. ސަބަބަކީ ސަގާފަތެއް އުފަންކުރުވަނީ ބަހުން ކަމަށްވާތީ. ދެ މީހެއްގެ ދެމެދުގައި ދެކެވޭ ވާހަކައިން ކަމެއް ކުރަން އެއްބަސްވެ، އެކަމެއް ކުރުމުން އެވަނީ ސަގާފަތަކަށް. ނުވަތަ ސަގާފަތެއްގެ ފެށުމަކަށް. ޤައުމެއްގެ ނިސްބަތުގައި ސަގާފަތަކީ އެ ބައެއްގެ ޖަމާޢީ ގަބޫލުކުރުމާއެކު ހިނގާ ކަންކަން.
މިގޮތަށް ބަހަކުން ވާހަކަދައްކައި، އެ ދެއްކޭ ވާހަކައިގެ ވިސްނުން ވަކި ގޮތަކަށް ބައްޓަންވަމުން ގޮސް، ވަކި ކަމެއް ކުރާން އެއްބަސްވެ، ޢަމަލީ ގޮތުން އެކަން ކުރާ ގޮތަކީ، އެ ބައެއްގެ ސަގާފަތް.
މި ތާނގައި ވިސްނުމޭ އަޅުގަނޑު މި ދަންނަވަނީ، އެ ބަޔަކު ދުނިޔެއާ މެދުގައި ދެކޭގޮތް. ނުވަތަ އެއަށް ކިޔަނީ ދީން. ޤައުމަކުން ކުރާ ކަންކަމަށް ނުވަތަ ސަގާފަތަށް އަބަދުވެސް އެންމެ ވަރުގަދަ ނުފޫޒެއް ފޯރުވަނީ، އެ ބައެއްގެ ދީން. އެ ބައެއްގެ އިޢުތިޤާދު. ދީން އަބަދުވެސް މަސައްކަތް ކުރާނީ، އެ ބައެއްގެ ސަގާފަތް އިޞްލާޙު ކުރަން. މިކަން ހިނގާނީ ބަހުގެ ދައުރާއެކު.
ހަމަ އެހެންމެ، ހުއްޓުމެއް ނެތް ޤައުމީ ޙަޔާތުގެ މި ބުރު އެނބުރެމުން ދާއިރު ހިނގާ ކަންކަމަކީ، އެ ބައެއްގެ ތާރީޚު. ފަރުދެއްގެ ނިސްބަތުގައި ވެސް، ޤައުމެއްގެ ނިސްބަތުގައި ވެސް ތާރީޚަކީ ޙަޔާތުގެ ތަޖުރިބާއެއް. ހަމަ އެހެންމެ، ތާރީޚަކީ ސަގާފަތާއި އާދަކާދައިގެ ތެރެއިން އުފަންކުރުވާ އެއްޗެއް. ނަމަވެސް، ސަގާފަތާއި އާދަކާދައިގެ ތެރެއިން ފަހަތަށް ދޫކޮށްލާ ބަޔަކީ ނުވަތަ ފަހަތުން ވާރުތަވާ ތަކެއްޗަކީ އެއީ ތަރިކަ. ތަރިކައިގެ ވަރަށް މުހިންމު އެއް ބޭނުމަކީ ހެކިވެރިވުން. އުތީމު ގަނޑުވަރު ހެކިދެނީ، އުތީމު މަހާރަދުންގެ މަތިވެރި ޖިހާދަށް. އެ ދުވަސްވަރު ގެދޮރު ހުންނަ ގޮތަށް. އެ ދުވަސްވަރު މީހުން ގެދޮރު ފަރުމާކުރާ ގޮތާއި ބިނާކުރާ ގޮތުގެ ހުރި މޮޅުކަމަށް. އެހެންވީމާ، މިއިން އެނގެނީ، ދިވެހި ޤައުމިއްޔަތުގެ ކޮންމެ ބަހާއެއްގެ ވެސް ޚާއްޞަ ދައުރެއް ވާކަން. އަދި އޭގެ ތެރެއިން ވެސް ބަހަކީ، އެ ބައެއްގެ އަމިއްލަވަންތަ ކަމުގެ ހަމައެކަނި ރަމްޒުކަން.
އަޅުގަނޑުމެން ހަނދާން ބަހައްޓަންވީ ކަމަކީ، އަޅުގަނޑުމެންގެ ދިރިއުޅުމުގައި އަލަށް ދަސްކުރާ ބޭރު ބަހާއި، އަމިއްލަ މާދަރީ ބަހުގައި މުޅިން ތަފާތު ދެ ދައުރެއް އޮންނަކަން. މާދަރީ ބަހަކީ ތިމާއަށް ތިމާކަން ކަނޑައަޅާ ބަސް. ދިވެއްސަކު އެއީ، ދިވެއްސެއްކަން ކަނޑައަޅަނީ، އޭނާގެ މާދަރީ ބަސް. އަމިއްލަ ބަހެއް ލިބިގެންވުމަކީ، އަމިއްލަ ވަކި ޤައުމެއްކަމުގެ އެއް ދަލީލު. އަމިއްލަ ބަހެއް ލިބިގެންވާނަމަ، އެ ބަހަކުން މުޢާމަލާތްކޮށްގެން އުފެދޭނީ، އަމިއްލަ ވަކި ސަގާފަތެއް. މިވެނި ބަޔަކީ، އަމިއްލަ ވަކި ގޮތްތަކެއް ހުންނަ ބައެކޭ ބުނެވެނީ، އަމިއްލަ ބަހަކުން އުފެދޭ ޚާއްޞަ ސަގާފަތެއްގެ ތެރެއިން.
އެހެންވީމާ، މާދަރީ ބަހަކީ ސިޔާސީ ގޮތުން ވެސް ވަރަށް މުހިންމު ބާރެއް. ޤައުމެއްގެ ދެމި އޮތުމަށް ކޮންމެހެން ބޭނުންތެރި ހަތިޔާރެއް. 1965ވަނަ އަހަރު، އ.ދ. އިން ދިވެހިރާއްޖެ، މިނިވަން ވަކި ދައުލަތެއްގެ ގޮތުގައި ގަބޫލު ކުރިއިރު، ވެވިފައި ހުރި ބަހުސުތަކުގެ ކަރުދާސްތައް އަދި ވެސް އެހެރީ ފެންނަން. އެ ދުވަހު ދިވެހީންނަށް ވަކި ދައުލަތެއްގެ މިނިވަން ފަޚްރުވެރި ދިދަ ވިހުރާލަން ލިބުމުގެ އެއް ސިއްރަކީ، ދިވެހީންގެ އަމިއްލަ މާދަރީ ބަހެއް އޮތުން. އެ ބަހުގެ މައްޗަށް އެހެން ޤައުމުތަކުން ބުނީ، އެ މީހުން ވާހަކަދައްކަނީ ވަކި އަމިއްލަ ބަހަކުން ކަމަށްވާތީ އެއީ، ވަކިބައެކޭ. ހަމަ އެހެންމެ، އެ ބަހުން އުފެދިފައިވާ ސަގާފަތަކާއި ވަޒަންވެރިކަމެއް އެ މީހުންގެ އެބައޮތޭ. އެއީ، އަންޒަމާނުއްސުރެ އެ މީހުންގެ މިލްކުގެ ދަށުގައި އެ މީހުންގެ ބިން ބޭއްވުމާއި، އެކަމަށްޓަކައި އެ މީހުން ކުރާހާ މަސައްކަތޭ. ވީމާ، ތިމާގެ އަމިއްލަ ޤައުމުގެ އަމިއްލަވަންތަކަން ސަލާމަތްކުރުމަށްޓަކައި އެކަމުގެ މައްޗަށް ލިބޭ މިނިވަންކަން ކަށަވަރުކުރުމަށް، އަމިއްލަ މާދަރީ ބަސް ކޮންމެހެން ވެސް މުހިންމުވޭ.
އަޅުގަނޑުގެ އުންމީދަކީ، ދިވެހި ޤައުމިއްޔަތު އިޢާދަކުރުމުގެ މަޝްރޫޢުގެ ތެރެއިން މިފަދަ ހޭލުންތެރިކަން އާންމުވެގެން ދިޔުން. އެހެންކަމުން، މި އަހަރުގެ ޤައުމީ ދުވަހަކީ، ކޮންމެ ދިވެއްސަކު ވެސް ދިވެހި ބަހަށް އިސްކަންދޭން އަލުން ފަށާ ދުވަހެއް ކަމުގައި ހަދަމާތޯ! ހަމަ އެހެންމެ، ބަހުން މުޢާމަލާތްކޮށް ސަގާފަތް އުފަންކުރާއިރު، އެކަމުގައި މާތްވެގެންވާ އިސްލާމްދީނުގެ އިންތަކާއި މިންތަކަށް ފަރުވާތެރިވަމާތޯ؟
---- ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްކެވި ވާހަކަފުޅުން