ލޮބުވެތި އެންމެހައި ދިވެހިރައްޔިތުން!
އަމިއްލަވަންތަކަމަށް ލޯބިނުކުރެވޭ ނަމަ މިނިވަންކަމަށް ލޯތްބެއް ނުކުރެވޭނެ. ހަމަ އެހެންމެ، އަމިއްލަވަންތަކަން ދިފާޢުނުކުރެވޭ ނަމަ، މިނިވަންކަންވެސް ދިފާޢެއް ނުކުރެވޭނެ. އެހެންކަމުން، ޤައުމެއް ދިފާޢުކުރުމުގައި، އެ ޤައުމެއްގެ އަމިއްލަވަންތަކަން ދިފާޢުކުރަންޖެހޭ. މިކަމަށްޓަކައި މި ޒަމާނުގައި ކުރިއަރާފައިވާ ޤައުމުތަކުގައި ޢަމަލުކުރާ ގޮތަކީ، އެ ޤައުމެއްގެ އަހުލުވެރީންގެ ސިކުނޑިތަކުގައި އަމިއްލަވަންތަކަން ޢިލްމީ ގޮތުން ސާފުކޮށްދެނީ.
އެ ޤައުމަކާ އެއްކޮޅަށް ހުންނަ ކަންކަމާއި، އެ ޤައުމަކާ ދެކޮޅަށް ހުންނަ ކަންކަން، ކޮންމެ ރައްޔިތަކަށް ޢިލްމާއި ބުއްދީގެ ހަމަތަކުން އޮޅުންފިލުވައިދެނީ. މިއީ ރާއްޖެއަށް ވެސް މި ވަގުތު ވަރަށް މުހިންމު ކަމެއް. ގެދޮރު ބިނާކުރާ ފަދައިން، ދިވެހި ޤައުމާ އެއްކޮޅަށް ދިވެހި ދަރީންގެ ސިކުނޑި ބިނާކުރުމުގެ ޤައުމީ ވިސްނުމަކަށް އަބަދުވެސް އަޅުގަނޑު އިޝާރާތް ކުރަނީ އެހެންވެގެން. ދިވެހި ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒުން އެކަމާ ގުޅޭ ދިރާސާތައް ހަދައި، ކަމާބެހޭ ޢިލްމީ ފޮތްތައް ދިވެހިބަހަށް ތަރުޖަމާ ކުރަމުން ގެންދާނެ. މުސްތަޤުބަލުގައި އުފެދޭ ދިވެހި ތަރިކައިގެ ކޮލެޖު ނުވަތަ މި ވަގުތު ނަމަ، މި އޮތް ދިވެހި ޤައުމިއްޔަތުގެ އިސްވަރު މުޅި ރާއްޖެއަށް އިރާދަކުރެއްވިއްޔާ އިންޤިލާބީ ބަދަލެއް މިކަމުގައި ގެންނާނެ.
މިގޮތުން ދިވެހި ޤައުމިއްޔަތުގެ އިސްވަރުން، ދިވެހި ޤައުމިއްޔަތުގެ ބަހާތަކާ ގުޅުންހުރި އެކި ޢިލްމުތަކުން އެކި ފަރާތްތަކަށް ލަފާ ދެއްވާނެ. ދިވެހި ޤައުމިއްޔަތުގެ ދާއިރާގެ ފުރިހަމަ އެންތޮލޮޖީއެއް، ކޮންމެ އަހަރަކު އެއް ފަހަރު ޝާއިޢުކުރާނެ. މީގެ އިތުރުން، ދިވެހި ޤައުމިއްޔަތުގެ ބަހާތަކުގެ ކޮންމެ ދާއިރާއަކުން އެ ދާއިރާގެ ކުރިއެރުމާއި، ގޮންޖެހުންތަކުގެ ޢިލްމީ ކަރުދާހެއް، ކޮންމެ އަހަރަކު އެއް ފަހަރު ޝާއިޢުކުރާނެ. ދިވެހި ޤައުމިއްޔަތުގެ ދާއިރާތަކާ އަލަށް ގުޅޭ ޒުވާނުންނާއި ކިޔަވާ ކުދީންގެ ވިޔުގަތައް އުފައްދައި ފުޅާކޮށް ދަމަހައްޓާނެ. މިއަދުގެ ދުނިޔޭގައި ބަހާއި ތަރިކައިގެ ދާއިރާއަކީ ވަރަށް ޢިލްމީ، ވަރަށް ސައިންޓިފިކް ދާއިރާއެއް. ދުނިޔޭގެ ބައެއް ޤައުމުތަކުގެ ޤައުމީ ތަރިކައިގެ ޝިޢާރުތައް ބުނާގޮތުން، އެ ޤައުމުތަކުގެ އިޤުތިޞާދާއި ތަރައްޤީއާ ގުޅިފައި ވަނީ، އެ ޤައުމެއްގެ ތަރިކައާއި ސަގާފަތާއި ތާރީޚު.
- ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްކެވި ވާހަކަފުޅުން