ލޮބުވެތި އެންމެހާ ދިވެހިރައްޔިތުން!
މި ރާއްޖެއަކީ މި ތާނގައި ބަޔަކު ވަޒަންވެރިވި ވަކި ދުވަސްވަރެއް ނޭނގޭ، އެހާމެ އެވޭލާ ޤަދީމީ ރާއްޖެއެއް. މި ޒަމާންވީ ދުވަސްތަކުން އަޅުގަނޑުމެން ވަނީ ފުން އާއިލީ ގުޅުންތަކަކުން ގެތި ލާމެހިފައި. ތަނުގެ އަސްލު ވެހީންގެ ގޮތުގައި އަޅުގަނޑުމެން މިތާނގައި ހޭދަކުރި ހަތަރު ހާހެއްހައި އަހަރުގެ ތެރޭގައި އަމިއްލަ ބަހަކާއި، އަމިއްލަ އަކުރެއް އުފެދި، އެ ބަހަށް ވަނީ އެތައް މުއްސަނދި ކަމެއް ލިބިފައި. އަޅުގަނޑުމެންގެ ދިގު ތާރީޚެއް އެބައޮތް. ފުދުންތެރި ސަގާފަތެއް އެބައޮތް. އެތައް ތަރިކައެއް އެބައޮތް. ހައްތަހާވެސް މިއީ މާދަމާގެ މަންޒިލްތަކަށް އަމާންކަމާއެކު ދަތުރުކުރުމަށްޓަކައި ކުނބަށް ނަގަންހުރި ރިޔާތަކެއް.
ދިވެހި ޤައުމީ ބަރުލަމާނީ ޙަޔާތުގެ މަޝްހޫރު ތަޖުރިބާކާރު، އަލްއުސްތާޛު އަލްމަރުޙޫމް އިބްރާހީމް ޝިހާބު ވިދާޅުވެފައިވޭ. ސަލާމަތް ބުއްދިޔަކާއި، ހެޔޮ ވިސްނުމެއް ލިބިފައިވާ ކޮންމެ މީހަކުމެ ގަބޫލުކުރާނެޔޭ. އަމިއްލަކަން ލިބިގެންވާ، ވަކި ޤައުމެއްގެ ސިފައިން ސިފަ ލިބިގެން ތިބި، ކޮންމެ ބަޔަކުމެ އެންމެ ޙުރުމަތްތެރިކޮށް ހިތާ ތަކެއްޗަކީ އެ ބައެއްގެ ދީނޭ. އެ ބައެއްގެ ބަހޭ. އެ ބައެއްގެ ތާރީޚޭ. އަދި އެ ބައެއްގެ ސަޤާފަތޭ. ތިމާމެންގައި އަށަގެންފައިވާ އަދި ތިމާމެންގައި އަށަގަންނަވަން އެދޭ މާތް ސިފަތައް، ބަޔަކު ބައްޓަން ކުރަމުންދާނީ، އެ ބައެއްގެ ޤައުމުގައި ހުރި، ކުރީގައި މި ދެންނެވި ކަންތައްތަކުގެ މައްޗަށޭ.
މި ނުކުތާ އިތުރަށް ތަފުޞީލު ކޮށްދެއްވަމުން، ޝިހާބު އަދިވެސް ވިދާޅުވެފައިވޭ. ޝައްކެއް ވަސްވާހެއް ނެތޭ. އަޅުގަނޑުމެންގެ ލޮބުވެތި ވަޠަންކަމުގައި ހިމެނޭ ދިވެހިރާއްޖެއަކީ، ދީނީ ގޮތުން ވެސް، ތާރީޚީ ގޮތުން ވެސް، ބަހުގެ ގޮތުން ވެސް އަދި ސަގާފަތުގެ ގޮތުން ވެސް ފަޚްރުވެރިވުން އެކަށީގެންވާ މާޒީއެއް އޮތް ޤައުމެކޭ. ދިވެހި ޤައުމަކީ، އެ މާޒީގެ މައްޗަށް މުސްތަޤުބަލު ބިނާކުރުމުގައި، ޖެހިލުމެއް، ސިހުމެއް، ބިރެއް އޮންނަންވީ ޤައުމެއް ނޫނޭ.
ކަން މިހެން އޮތުމާއެކު، ދިވެހި ޤައުމިއްޔަތު އިޢާދަކުރުމުގެ ޚާއްޞަ މަސައްކަތްތަކެއް މި ސަރުކާރުން ފެށީ މިފަދަ އެތައް ޙަޤީޤަތްތަކެއް އެކަމުގައި އެކުލެވިގެންވާތީ. މާޒީއަކީ މުސްތަޤުބަލު މޫނު ބަލާ ލޯގަނޑު ކަމުގައިވާތީ. ދިވެހި ޤައުމިއްޔަތު އިޢާދަކުރުމުގެ މި މަސައްކަތުގެ ތެރޭގައި، ދިވެހި ޤައުމާ މެދު ޢިލްމީ ނަޒަރިއްޔާތަކުން ބެލޭނެ. އަހަރުން އަހަރަށް ރާއްޖޭގައި ހިނގާ ކަންކަން ވަޒަންކުރެވި އެންތޮލޮޖައިޒް ކުރެވޭނެ. މި މަސައްކަތް ކުރެވިގެންދާއިރު، ވިސްނާލަންޖެހޭ ޙަޤީޤަތަކީ، ކޮންމެ ދިވެއްސެއްގެ ކޮނޑުގައި އެޅިފައިވާ ޒިންމާއާއި، މިފަދަ ހޭލުންތެރިކަމެއް، ޢިލްމީ ގޮތެއްގައި ރާއްޖޭގައި އާންމުވެފައި ނެތްކަން.
އެހެންވީމާ، ދިވެހި ޤައުމިއްޔަތު އިޢާދަކުރުމުގެ ނިޒާމުން އިރާދަކުރެއްވިއްޔާ މި މައްސަލަ ހައްލުކުރެވޭނެ. އެކަމަށްޓަކައި މި ފާއިތުވި ނުވަމަސް ދުވަހުގެ ތެރޭގައި، ދިވެހި ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒުގެ ވިލަރެސްވެރީން ވަނީ ދުނިޔޭގެ 180އަށްވުރެ ގިނަ ޤައުމުގައި، އެ ޤައުމުތަކުގެ އަމިއްލަވަންތަކަން ދަމަހައްޓާ ގޮތުގެ ދިރާސާތައް ހަދާފައި. ހަމަ އެހެންމެ، ޢިލްމީ، ފަންނީ އެކި ދާއިރާތަކުން 800އަށްވުރެ ގިނަ ބޭފުޅުންނަށް މިހާރު ވަނީ ދިވެހި ޤައުމިއްޔަތުގެ އަސާސީ އަސްލުތައް ޢިލްމީ ގޮތެއްގައި ފޯރުކޮށްދެވިފައި. މިއަދު ދިވެހި ޤައުމިއްޔަތުގެ އިސްވަރު މިވަނީ އުފެދިފައި. މުސްތަޤުބަލުގައި ދިވެހި ޤައުމިއްޔަތުގެ އިސްވަރު ވާނީ އިރާދަކުރެއްވިއްޔާ، ޤާނޫނުން ބާރު ލިބިދޭ ދިވެހި ޤައުމީ ތަރިކައިގެ ކޮލެޖަކަށް. މި ކޮލެޖަކީ ރާއްޖޭގައި މިހާތަނަށް އަދި ނުއުފައްދާ ބާވަތެއްގެ ކޮލެޖެއް. އެއީ، މެންބަރޝިޕް ކޮލެޖެއް. މެންބަރުންގެ ވިޔުގަތަކެއްގެ މައްޗަށް އެކުލެވިގެންވާ ކޮލެޖެއް. މައިގަނޑު ބޭނުމަކީ، ދިވެހީންގެ ތަރިކައާއި ސަގާފަތާއި ތާރީޚާއި އަމިއްލަވަންތަ އަސްލުތަކަށް ޢިލްމީ ލެންސުތަކުން މީގެ ފަހުން އަބަދުވެސް ބަލަމުން ބަލަހައްޓަމުން ގެންދިޔުން. ދިވެހި ޤައުމިއްޔަތަކީ، ދިވެހީންގެ ދިރިއުޅުމުގެ ބައެއްކަމުގައި ހެދުން.
- ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްކެވި ވާހަކަފުޅު