ރައިސް ޑރ. މުޢިއްޒުގެ އިލްތިމާސް!: ޤައުމާ ދިމާޔަށް އެނބުރި ބައްލަވައިލައްވާ! ޤައުމުގެ ސަލާމަތާ ރައްކާތެރިކަމަށާ ޤައުމުގެ މައްސަލަތަކާ، އޭގެ ހައްލަށް ފިސާރި ފަރުވާތެރިކަމާއެކު ކަޅި ހިންގަވާލައްވާ!

މިއަދު
ކިޔުމަށް ހޭދަވާނީ 4މ 57ސ
ރައިސް ޑރ. މުޢިއްޒުގެ އިލްތިމާސް!: ޤައުމާ ދިމާޔަށް އެނބުރި ބައްލަވައިލައްވާ! ޤައުމުގެ ސަލާމަތާ ރައްކާތެރިކަމަށާ ޤައުމުގެ މައްސަލަތަކާ، އޭގެ ހައްލަށް ފިސާރި ފަރުވާތެރިކަމާއެކު ކަޅި ހިންގަވާލައްވާ!

بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ

اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة ُوَالسَّلاَمُ عَلَى رَسُولِ ٱللَّهِ وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ. 

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ދެކަނބަލުން، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު، ވަޒީރުންގެ މަޖިލީހުގެ މެންބަރުން، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، ދައުލަތަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި ޢިއްޒަތްތެރިން، ބޭރުގެ ޤައުމުތަކުގެ ސަފީރުން، އެކިއެކި މުއައްސަސާތަކުގެ އެންމެހައި އިސް ބޭފުޅުން، ވަޑައިގެން ތިއްބެވި އެންމެހައި ޢިއްޒަތްތެރިން، ކިޔަވާކުދިން، މުދައްރިސުން، އަދި ވަކިން ޚާއްޞަކޮށް، މިއަދު އެކި ޝަރަފާއި އިނާމުތައް ލިބިވަޑައިގެންނެވި އެންމެހައި ޚިދުމަތްތެރި ޢިއްޒަތްތެރިންނާއި،
އެ ޢިއްޒަތްތެރިންގެ ޢާއިލާތައް، ދިވެހި ލޮބުވެތި އެންމެހައި ރައްޔިތުން؛ 

السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.

އާދެ! ޒަމާން މިއަދު އަޅުގަނޑުމެން ގޮވައިގެން ދަތުރުކުރަނީ، މީގެ 465 އަހަރުގެ ކުރިޔަށް. އަޅުގަނޑުމެންގެ ލޯތަކަށް ފެންނަނީ ޣައިރުދީނުގެ އަނދިރިކަމުން ކަޅުވަމުންދާ ދިވެހި އުދަރެހެއް. އަޅުގަނޑުމެންގެ ކަންފަތްތަކަށް އިވެމުން ދަނީ އަޅުވެތިކަމުގެ ކަސްތޮޅުގައި ރޮމުން ގިސްލަމުންދާ އުންމަތެއްގެ އެތައް ވޭނީ އާހެއް. މި ނާމާންކަމާއި އަނދިރިކަން ފޫއަޅުވާލައި، ދިވެހި މެދުއުޑުން ފިޔަޖަހާލީ، ބޮޑުތިލަދުންމަތީ އުތީމުގެ އުދަރެހުން އުދަވި އުޖާލާ ދެތިން ތަރިއެއް. އެއިން ކޮންމެ ތަރިއަކީ، ދިވެހި ޤައުމު ދެމިއޮތްހައި ހިނދަކު، ޝުކުރާއި ތާރީފު އޮހޭނޭ ފަޚްރުވެރި ދިވެހި ދަރިއެއް. މި ސަބަބަށްޓަކައި މިއަދު އަޅުގަނޑު ތިޔަ އެންމެ ބޭފުޅުންނަށާއި، މުޅި ދިވެހި ޤައުމަށް ދަންނަވާލަން ބޭނުންވަނީ. 

ފަޚްރުވެރި ދިވެހީންގެ ޤައުމީ ރޫޙު އާލާކޮށްލަމާހޭ؟
         ފަޚްރުވެރި ތާރީޚު ދައްކާ ހެކިތަކަށް އަދު ވިސްނަމާހޭ؟ 

ޝައްކެއް ނެތް. އަޅުގަނޑުމެންގެ އުސްތާޛުލްޖީލް އަލްމަރްޙޫމް މުޙަންމަދު ޖަމީލު ދީދީގެ މި އެދިވަޑައިގަތުމަކީ ވަރަށް މާނަ ފުން ނިދާއެއް. 

އާދެ، މިއަދަކީ ޤައުމީ ދުވަސް. ޤައުމާ މެދު ވިސްނުމުގެ ދުވަސް. ޤައުމު ބިނާކުރުމަށް އާ ހިތްވަރެއް ނެރުމުގެ ދުވަސް. އާ ރޫޙެއް ގެނައުމުގެ ދުވަސް. ދިވެހިތާރީޚު ވަނީ މިއަދުގެ ހާދިސާ ފަދަ އެތައް ފިލާވަޅަކުން މުއްސަނދިވެފައި. އެތައް ތަޖުރިބާއަކުން ފުދުންތެރިވެފައި. އެހެންކަމުން، މިއަދު އަޅުގަނޑު ތިޔަ އެންމެ ބޭފުޅުންނަށް އިލްތިމާސް ކުރަނީ، ދިވެހި ޤައުމާ ދިމާޔަށް އެނބުރި ބެލުމަށް. ޤައުމުގެ ސަލާމަތާއި ރައްކާތެރިކަމަށް އަދި ޤައުމުގެ މައްސަލަތަކާއި، އޭގެ ހައްލަށް ފިސާރި ފަރުވާތެރިކަމާއެކު ކަޅި ހިންގެވުމަށް. 

މައުޟޫޢަށް އިންސާފުކުރާން ފެށުމުގެ ކުރީން، ޤައުމީ ޚިދުމަތުގައި އެކިއެކި ކާމިޔާބީތައް ހޯއްދެވި އަދި އެކި ޝަރަފުތައް ހާސިލުކުރެއްވި ފަރާތްތަކަށް ތަހުނިޔާއާއި ހެޔޮއެދުންތައް އަރިސްކުރަން. ތިޔަ އެންމެ ބޭފުޅުން ދިވެހި ޤައުމަށްޓަކައި ތިޔަ ވެދެއްވި ޤުރުބާނީގެ އަގުވަޒަންކުރަން. ވަކިން ޚާއްޞަކޮށް، ދިވެހިރާއްޖެ ދުށް އެންމެ އުފެއްދުންތެރި އަދީބު ފަޟީލަތުއްޝައިޚް އަލްމަރްޙޫމް ޙުސައިން ޞަލާޙުއްދީނުގެ ޝަރަފުވެރި ޒިކުރާ އާކުރަން. އެ މަނިކުފާނުގެ ފުރާނަފުޅަށް ސުވަރުގޭގެ މަތިވެރި ޖަޒާ ދެއްވުން އެދި އޯގާވަންތަ ﷲގެ ޙަޟްރަތުގައި ދުޢާ ދަންނަވަން.

ޙަޤީޤަތުގައި ވެސް އެ މަނިކުފާނަކީ ދިވެހި ޤައުމުގެ ނަމޫނާ ދަރިއެއް. ފަޟީލަތުއްޝައިޚް ޙުސައިން ޞަލާޙުއްދީނަކީ، ދިވެހި ޤައުމިއްޔަތު ނެގެހެއްޓުމުގެ އެންމެ ހަރުދަނާ އެއް ތަނބު. ހަމައެކަނި އެ މަނިކުފާނު ލިޔުއްވި ސިޔަރަތަށް ބަލައިލުމުން ވެސް އެކަން އެނގޭ. އެ މަނިކުފާނުގެ ޢިލްމުވެރިކަމާއި، ޢަރަބި ބަހާއި، ދިވެހި ބަހަށް ވެސް ހުރި ކުޅަދާނަކަން ސާބިތުވޭ. އެ ސިޔަރަތު ވިދާޅުވި ހާޖަރާގޭ އަލްމަރުޙޫމް މުޙައްމަދު ތައުފީޤުގެ ނަންފުޅު ވެސް މި ފުރުޞަތުގައި ފާހަގަކޮށްލަން. އޭނާ އެ ސިޔަރަތު ވިދާޅުވެފައި ވަނީ ވަރަށް ވެސް ފުރިހަމައަށް.  

އާދެ! މި ޚިދުމަތް އަޅުގަނޑު މިހާ ބޮޑަށް މި ފާހަގަކޮށްލީ، ވަކި ޚާއްޞަ ސަބަބެއް އޮތީތީ. އެއީ، ސިޔަރަތުގެ ފެށުމުގައި ޞަލާޙުއްދީން ފާހަގަކުރައްވަނީ، ދިވެހީންނަކީ އިސްލާމްދީނުގެ މަތީގައި އުޅޭތާ އޭރު އަށެއްކަ ސަތޭކަ އަހަރުވެއްޖެ ބައެއްކަމަށް. ނަމަވެސް، އެ ޒަމާނުގައި ބަހަކަށް ވާހާ ބަހަކުން ސިޔަރަތު ތަރުޖަމާކޮށްފައި އޮތްއިރު، ދިވެހި ބަހަށް ސިޔަރަތު ގެނެވިފައިނުވާ ކަމަށް. އެފަދަ ޙާލަތުގައި އެކަމުގެ ކަންބޮޑުވުން އިޙްސާސް ކުރައްވާފައި ވަނީ ވަރަށް ވެސް ބޮޑަށް. އެހެންވީމާ، ދިވެހީންނަށް ދިމާވެފައިވާ ޤައުމީ ދީނީ މި ބޮޑު މައްސަލަ އަމިއްލަފުޅަށް އިސްނަންގަވައި، އެހާ ތަދު އުނދަގޫ ޒަމާނެއްގައި ޙައްލުކޮށްދެއްވިކަމީ، އެކަމުގެ އަގު އަޅުގަނޑު އުފަލާއެކު ވަޒަންކުރާ ކަމެއް. 

- ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްކެވި ވާހަކަފުޅު

މިއަދު އޮންލައިން