ތަރުތީލުކޮށް ޤުރުއާން ކިޔަވަން ދަސްކޮށްދިނުމުގެ ޚާއްސަ ޕްރޮގުރާމެއް ފަށަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 10ސ
ތަރުތީލުކޮށް ޤުރުއާން ކިޔަވަން ދަސްކޮށްދިނުމުގެ ޚާއްސަ ޕްރޮގުރާމެއް ފަށަނީ

ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުން ހާމަކުރެއްވި ގޮތުގައި، ތަރުތީލުކޮށް ޤުރުއާން ކިޔަވަން ދަސްކޮށްދިނުމުގެ ޚާއްސަ ޕްރޮގުރާމެއް މިމަހުގެ 6 ވަނަ ދުވަހު ފެށުމަށް ވަނީ ހަމަޖެހިފައެވެ.

ސަލްމާން ރަސްގެފާނު މިސްކިތުގެ އިމާމް ޢަބްދުލްޖަލީލް އިސްމާޢީލް ދައުލަތުގެމީޑިއާއަށް މައުލޫމާތުދެއްވަމުން ވިދާޅުވީ މި ޕްރޮގުރާމް ފަށަން ނިންމާފައިވަނީ ތަރުތީލުކޮށް ޤުރުއާން ކިޔަވަން ދަންނަ މީހުން ރާއްޖޭގައި މަދުވުމުގެ ސަބަބުންނެވެ. އޭނާ ވިދާޅުވީ ތަރުތީލުކޮށް ޤުރުއާން ކިޔެވުމަކީ ލަސް ރާގަކަށް އަކުރުތަކަށް ދާމަފަ ޤުރުއާން ކިޔެވުން ކަމަށެވެ.

މިޕްރޮގުރާމް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ކޮންމެ ހުކުރު ދުވަހެއްގެ ޢިޝާ ނަމާދަށްފަހު ރޭގަނޑު 8:00 އިން 9:00 އަށެވެ. އަދި ބައިވެރިވާ މީހުންގެ އަދަދަށް ބަލައި، ހުޅުމާލޭގެ މިސްކިތެއްގައިވެސް މި ޕްރޮގުރާމް ފެށުމުގެ ވިސްނުން ހުރިކަމަށް އިމާމް ޢަބްދުލްޖަލީލް ހާމަކުރެއްވިއެވެ.

މި ޕްރޮގުރާމް ކުރިއަށްގެންދަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްސަ އިރުޝާދުގެ ދަށުން އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް ޢަލީ ސަޢީދުގެ އިސްނެންގެވުމުގެ މަތިން ކަމަށް ޢަބްދުލްޖަލީލް ވިދާޅުވިއެވެ.

މި ޕްރޮގުރާމްގެ ސަބަބުން ރާއްޖޭގައި ތަރުތީލުކޮށް ޤުރުއާން ކިޔަވަން ދަންނަ މީހުންގެ އަދަދު އިތުރުވެ، ޤުރުއާން ކިޔެވުމުގެ މި މުހިންމު ދާއިރާ ކުރިއަރައިގެންދާނެ ކަމަށް އުންމީދު ކުރެވެއެވެ.

 

 

މިއަދު އޮންލައިން