209 ޒުވާނުން ޚަޠީބުކަމުގެ ސަނަދު ހާސިލްކޮށްފި

އަހުމަދު
ކިޔުމަށް ހޭދަވާނީ 1މ 23ސ
209 ޒުވާނުން ޚަޠީބުކަމުގެ ސަނަދު ހާސިލްކޮށްފި

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ ޒުވާނުން ޚަޠީބުން ޕްރޮގުރާމުގެ ދެވަނަ ބެޗުގައި ޚަޠީބުކަމުގެ ސަނަދު ހާސިލްކުރި 209 ޚަޠީބުންނަށް ސަނަދު އަރުވައިފިއެވެ. 

މިކަމަށްޓަކައި މިއަދު އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައިވަނީ ޙާއްސަ ރަސްމިއްޔާތެއް ބާއްވަވާފައެވެ. މި ރަސްމިއްޔާތުގައި ޚަޠީބުންނަށް ސަނަދު ހަވާލުކޮށްދެއްވީ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު، އިސްލާމީ މަރުކަޒުގެ އިސް އިމާމު ފަޟީލަތުއްޞައިޚް މުޙައްމަދު ލަޠީފް، ސްޓޭޓު މިނިސްޓަރ ޑރ. މޫސާ އަންވަރު އަދި ދިވެހިރާއްޖޭގެ ފަތުވާ މަޖިލީހުގެ މެމްބަރު ފަޟީލަތުއްޝައިޚް އިލްޔާސް ޙުސައިންއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ޒުވާން ޚަޠީބުން ޕްރޮގުރާމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދާއެކު ކުރިއަށް ގެންދާ ޕްރޮގުރާމެއްކަމަށާއި، މިހާތަނަށް 300 އަށްވުރެ ގިނަ ޒުވާނުން މި ޕްރޮގުރާމު ފުރިހަމަކުރުމުން އެނގިގެންދަނީ މި ޕްރޮގުރާމަކީ މުޖުތަމަޢުއަށް ބޭނުންތެރި ޕްރޮގުރާމެއްކަން ކަމަށެވެ. 

މީގެ އިތުރުން އަމާޒަކީ މި ދައުރުގެ ތެރޭގައި 1000 ޒުވާން ޚަޠީބުން ތަމްރީންކުރުން ކަމަށާއި މި އަމާޒު ޙާސިލްކުރެވޭނެކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތްކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. 

ވަޒީރުގެ ވާހަކަފުޅުގައި ޒުވާން ޚަޠީބުން ހާސިލްކުރެއްވި މަތިވެރި ކާމިޔާބީއަށް މަރުހަބާ ދަންނަވާ މި ރޮނގުން އިތުރަށް ކުރިއަށް ދިއުމަށާއި މުޖުތަމަޢު ބަލައިގަންނަ ފަދަ ބަޔަކަށްވުމަށް ވަނީ ނަޞޭޙަތްތެރިވެލައްވާފައެވެ. 

ޒުވާން ޚަޠީބުން ޕްރޮގުރާމުގެ ތިން ވަނަ ބެޗު ވަރަށް އަވަހަށް ފެއްޓުމަށް ނިންމަވާފައިވާކަންވެސް ވަޒީރު ވަނީ މިއަދު އިޢުލާން ކުރައްވާފައެވެ

މިއަދު އޮންލައިން