މެލޭޝިއާގެ 67 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް ޑރ. މުޢިއްޒު ތަހުނިޔާ ފޮނުވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ
މެލޭޝިއާގެ 67 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް ޑރ. މުޢިއްޒު ތަހުނިޔާ ފޮނުވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މެލޭޝިއާގެ 67 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ރަސްގެފާނަށާއި ބޮޑުވަޒީރަށް ތަހުނިޔާގެ މެސެޖެއް ފޮނުއްވާފައެވެ.

މިކަމާގުޅިގެން ރައީސުލްޖުމްހޫރިއްޔާ ފޮނުވި މެސެޖުގައި މެލޭޝިއާގެ ރަސްގެފާން ސުލްތާން އިބްރާހީމަށާއި، ބޮޑު ވަޒީރު އަންވަރު އިބްރާހީމަށާއި އެޤައުމުގެ އެންމެހާ ރައްޔިތުންނަށް ދުވަހުގެ ހެޔޮ އެދުންތައް އަރިސްކުރައްވާފައިވެއެވެ.

މީގެއިތުރުން، ރައީސް މުޢިއްޒު ވަނީ ދިވެހިރާއްޖެއާއި މެލޭޝިއާގެ ދެމެދުގައި އުފެދިފައިވާ ދެމެހެއްޓެނިވި ރަޙްމަތްތެރިކަމާއި، ދެޤައުމުގެ ރައްޔިތުންގެ މެދުގައި އޮތް ގާތްގުޅުން ފާހަގަކުރައްވާފައެވެ. އަދި މުސްތަޤްބަލުގައި މިގުޅުން އިތުރަށް ބަދަހިވެ، ދެޤައުމަށްވެސް އޭގެ ފައިދާ ކުރާނެ ކަމަށް ޔަޤީންކުރައްވާކަމަށް ވިދާޅުވެފައިވެއެވެ.

ރައީސް މުޢިއްޒުގެ މެސެޖު ނިންމަވާލައްވާފައިވަނީ މެލޭޝިއާގެ ރަސްގެފާނަށާއި، ބޮޑުވަޒީރަށް ދުޅަހެޔޮ ޞިއްޙަތަކަށް އެދިވަޑައިގަންނަވަމުންނެވެ. އަދި، އެ ޤައުމުގެ ރައްޔިތުންނަށް ކުރިއެރުމާއި ފާގަތިކަން ލިބިގެންދިއުމަށް އެދިވަޑައިގަންނަވާ ކަމަށްވެސް ވިދާޅުވެފައިވެއެވެ.

މެލޭޝިއާ މިނިވަންވީ 1957 ވަނަ އަހަރުގެ އޮގަސްޓް 31 ވަނަ ދުވަހުއެވެ. އަދި މިއަހަރަކީ އެ ޤައުމުގެ 67 ވަނަ މިނިވަން ދުވަސް ފާހަގަކުރާ އަހަރެވެ.

މިއަދު އޮންލައިން