މިނިވަން ޝަރުޢީ ދާއިރާއެއް އޮތުމަށް ބޭނުން، ސަރުކާރުން ނުފޫޒު ނުފޯރުވާނެ: ރައީސް ޑރ.މުޢިއްޒު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 21ސ
މިނިވަން ޝަރުޢީ ދާއިރާއެއް އޮތުމަށް ބޭނުން، ސަރުކާރުން ނުފޫޒު ނުފޯރުވާނެ: ރައީސް ޑރ.މުޢިއްޒު

ފުރިހަމަ ގޮތުގައި މިނިވަންވެފައިވާ ޝަރުޢީ ދާއިރާއެއް އޮތުމަށް އެމަނިކުފާނު ބޭނުންފުޅުވާ ކަމަށާއި، އެހެންކަމުން ސަރުކާރުން ޝަރުޢީ ދާއިރާއަށް ނުފޫޒެއް ނުފޯރުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީއަށް ދެއްވި ޚާއްޞަ އިންޓަވިއުއެއްގައި ރައީސް މުޢިއްޒު ވިދާޅުވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންވެވަޑައިގަތުމަކީވެސް ސަރުކާރުގެ ނުފޫޒު ޝަރުޢީ ދާއިރާއަށް ނެތްކަން އަންގައިދޭ ހެއްކެއް ކަމަށެވެ. އަދި ޤާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް އެ ދާއިރާ ފުރިހަމަގޮތުގައި މިނިވަންކުރައްވާނެ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"އަޅުގަނޑު ބޭނުންވަނީ ކޮންމެ މީހަކާ ދޭތެރޭގައިވެސް އިންސާފުން ކަންތައްތައް. ބޭއިންސާފުން އެއްވެސް މީހަކާދޭތެރޭގައި ޝަރީއަތެއް ކުރެވިގެންނުވާނެ. ބޭއިންސާފު ހުކުމެއް ކޮށްގެން ނުވާނެ. ޖުޑީޝަރީ ވާންޖެހޭނީ ހުރިހާ ގޮތަކުން މިނިވަންތަނަކަށް. ސަރުކާރުން ނުފޫޒު ފޯރުވައިގެން ނުވާނެ. އަދި ޝަރީއަތް ކުރިއަށްދާ މީހާގެ ފަރާތުންވެސް ނުފޫޒު ފޯރުވައިގެން ނުވާނެ،" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މީގެއިތުރުން ރައީސް ވަނީ އެމަނިކުފާނާ ގުޅުވައިގެން ދައްކާ ބައެއް ވާހަކަތަކަށްވެސް ރައްދު ދެއްވާފައެވެ. އެގޮތުން އަމިއްލަ ބޭނުންތަކަށް ކުރާ ދަތުރުތަކަށް ދައުލަތުގެ ފައިސާ ބޭނުން ކުރެވެން އޮތް ނަމަވެސް، އެފަދަ ހަރަދުތައްކޮށްފައި ނުވާނެކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

ރައީސް ވިދާޅުވީ ކިރިޔާވެސް އެކަމެއް ވާން އޮވެއްޖެ ނަމަ އަމިއްލަފުޅަށް ހުރިހާ ކަމެއްވެސް ކުރައްވާ ކަމަށެވެ. ދިމްޔާތުގައި މުލިއާގެ މަރާމާތުކޮށް ނިމެންދެން ހުންނެވި މަސްތަކުގައިވެސް ހުރިހާ ހަރަދެއް ކުރެއްވީ އަމިއްލަފުޅަށް ކަމަށް ވިދާޅުވިއެވެ.

މިއަދު އޮންލައިން