ގުނަވަންތަކުން ކުރާ ފާފަތަކުގެ ވާހަކަ ޤިޔާމަތް ދުވަހު ގުނަވަންތަކުން ﷲ ތަޢާލާގެ ޙަޟްރަތުގަ ދަންނަވަނީ ކީއްވެ؟: މުފްތީ މެންކް

އަހުމަދު
ކިޔުމަށް ހޭދަވާނީ 2މ 8ސ
ގުނަވަންތަކުން ކުރާ ފާފަތަކުގެ ވާހަކަ ޤިޔާމަތް ދުވަހު ގުނަވަންތަކުން ﷲ ތަޢާލާގެ ޙަޟްރަތުގަ ދަންނަވަނީ ކީއްވެ؟: މުފްތީ މެންކް

ތިމާއަށް ކުރެވޭ ޢަމަލުތަކާއިމެދު ތިމާ ޣާފިލްވިނަމަވެސް ތިމާގެ ގުނަވަންތައް ހިނދުކޮޅަކަށްވެސް ޣާފިލެއް ނުވާނެއެވެ. އެކަން އެނގެންވާވަރަށް އެނގޭނަމަ ނުވަތަ ވިސްނެންވާވަރަށް ވިސްނޭނަމަ ހަމައެކަކުވެސް އެންމެ ފާފައެއްވެސް ނުކުރާނެއެވެ.  

ﷲ ތަޢާލާ ނަހީކުރައްވަވާފައިވާ ކަންކަން މީސްތަކުން ކުރާތަން ފެނުމުން އެމީހަކަށް އިންޞާފުކުރަނީ ފެންނަ ޢިލްމުވެރިންނެއް ނޫނެވެ. އިންޞާފުކުރަނީ އެމީހާގެ ޢަމަލުތަކެވެ. މީހާ ކުރާ ކަންކަން ހުއްޓުވުމުގެ ބާރު މިދުނިޔޭގައި ގުނަވަންތަކަށް ނެތުމުން ނުހުއްޓުވުމަކީ އެ ގުނަވަންތައް އެކަންކަމަށް ރުހޭކަމުގެ ހެއްކެއް ނޫނެވެ! އެ ގުނަވަންތަކުން ކުރި ނުބައި ޢަމަލުތަކުގެ ވާހަކަތައް ޤިޔާމަތް ދުވަހު ﷲ ތަޢާލާގެ ޙަޟްރަތުގައި އެދަންނަވަނީ އެ ސަބަބަށްޓަކައި ކަމަށް އަހަރެން ޤަބޫލުކުރަމެވެ.  

މިސާލަކަށް ބުނާނަމަ މީހަކު ނައިޓް ކްލަބަށް ދާތީ ނުދާން ބުނުމުން، އަންހެނެއްގެ އިސްތަށިގަނޑާ ކަނދުރާ އާ މޭމަތި ހާމަކޮށްގެން އުޅޭތީ (ޤުރްއާނުގަ އޮތް މިންވަރަށް އަޢުރަ ނިވާނުކޮށް އުޅޭތީ) ނިވާކުރަން ބުނުމުން ނުވަތަ ފިރިހެނެއްގެ ބުރަކަށިން، މޭމަތިން ބައެއް ދައްކައިގެން އުޅޭތީ ނިވާ ކުރަން ބުނުމުން ތިމަންނާ އާއިމެދު އިންސާފުކުރަން ކަލޭ ތިއައީ ކާކުތޯ އެބަ ސުވާލުކުރެއެވެ.  

އަހަރެން މިއަދު އަޑުއެހި ޓީވީ ޕްރޮގްރާމެއްގައި ޕާކިސްތާނުގެ ކްރިކެޓް ކުޅުންތެރިއަކު ބުނެފައިވެއެވެ. "އަހަރެންގެ އެންމެ ގާތް އެކުވެރިންނަކީ ދީނީ ޢިލްމުވެރިންނެވެ. ކައްވަޅާއި ނަރަކައިގެ ޢަޛާބުން އަހަރެން ސަލާމަތްކޮށްދޭން މަސައްކަތްކުރާ ބައަކީ އެއީއެވެ."  

މީސްތަކުންނޭވެ! އެއީ ދުނިޔޭގެ ފެންވަރުގެ ކްރިކެޓް ކުޅުންތެރިއެއް ނަމަވެސް އޭނާ އެބުނީ އެކަމުގައި އޮތް ޙައްޤުބަހެވެ. ދީނީ ޢިލްމުވެރިން މީސްތަކުންނަށް އިރުޝާދު ދެއްވަނީ މީހުންނާއިމެދު އިންސާފުކުރައްވާކަށް ނޫނެވެ. މީސްތަކުންނާއިމެދު އިންސާފުކުރައްވަވާނީ ﷲ ތަޢާލާއެވެ. ދީނީ ޢިލްމުވެރިން ބަޔާންކުރައްވަވަނީ އެކަމުގައި ދީނުގައި އޮތް ޙުކުމެވެ. އެއީ އެއްވެސް ޙާލެއްގައި މީހަކާއިމެދު އިންޞާފުކުރުމެއް ނޫނެވެ.  

ތިމާގެ އެންމެ ގާތް އެކުވެރިން ކަމުގައި އަބަދުވެސް ބަލަން ޖެހޭނީ ކައްވަޅަށް ދާން ޖެހޭނެ ކަމާއި ކައްވަޅަށް ދާން ޖެހޭނީ އެކަނި ކަމާއި ކައްވަޅަށް ދާންޖެހޭ ވަގުތުން ފެށިގެން ޖަޒާލިބެން ފަށާނެކަން ހަނދާންކޮސްދޭ މީހުންނެވެ. ދީނީ ޢިލްމުވެރިން އެކުރައްވަނީ އެ މަސައްކަތެވެ.  

މިކަން މިނޫން ގޮތަކަށް ޤަބޫލުކުރެވޭނަމަ އެމީހާގެ ހިތް އެވަނީ ނަޖިސްވެފައެވެ. ޠޯހިރުކުރުމުގެ މަސައްކަތް އަވަހަށް ފަށަންވީއެވެ. ހިތް ޠީހިރުކުރަން އަބަދުވެސް މަސައްކަތްކުރަންވާނެއެވެ. އަދި ހިތް ޠޯހިރުކޮށްދެއްވެވުން އެދި ގިނަގިނައިން ދުޢާކުރަންވާނެއެވެ.

 

- މުފްތީ މެންކުގެ ދަރުސަކުން

 

މިއަދު އޮންލައިން