މި ސަރުކާރަށް 1 އަހަރު ވުމުގެ ކުރިން ކޮންގްރެސް ޕާޓީގަ 75000 މެންބަރުން ހަމަވާތަން ދެކޭހިތްވޭ!: ރައީސް ޑރ. މުޢިއްޒު

މިއަދު
ކިޔުމަށް ހޭދަވާނީ 3މ 15ސ
މި ސަރުކާރަށް 1 އަހަރު ވުމުގެ ކުރިން ކޮންގްރެސް ޕާޓީގަ 75000 މެންބަރުން ހަމަވާތަން ދެކޭހިތްވޭ!: ރައީސް ޑރ. މުޢިއްޒު

ޕީ.އެން.ސީ، ޕީ.ޕީ.އެމް ގެ އެންމެހާ ލޮބުވެތި ރައްޔިތުން. ވަޑައިގެން ތިއްބެވި އެންމެހާ ބޭފުޅުން. މި ޖަލްސާ ދުރާއިގާތުން ބައްލަވަމުން ގެންދަވާ ދިވެހި ލޮބުވެތި ރައްޔިތުން. އައްސަލާމް ޢަލައިކުމް ވަރަޙްމަތުﷲ ވަބަރަކާތު.

އާދެ، އަނެއްކާވެސް ދުވަސްކޮޅެއް ކޮށްލާފަ އަޅުގަނޑުމެންގެ މި އުފާވެރި މެހެފިލްގަ މި ބައްދަލު ވެވެނީ. ތި ހުރިހާ ލޮބުވެތި ރައްޔިތުންނަށް މި ފުރުސަތުގަވެސް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. ވަރަށް ބޮޑަށް ޝުކުރިއްޔާ. 

އަޅުގަނޑަށް އެބަފެނޭ އަޅުގަނޑުމެންގެ މި ޖަގަހަ ކުޑަވީމަ އަޅުގަނޑުމެންގެ ވަރަށް ގިނަ ޢިއްޒަތްތެރި މަޖްލިސް މެންބަރުން، އާންމު މެންބަރުންނަށް އާންމު ސަޕޯޓަރުންނަށް ޖާގަ ދެއްވާފަ ބޭރުގަ ކޮށްޅަށް ތިއްބެވިތަން. ތި ހުރިހާ ޢިއްޒަތްތެރި މަޖްލިސް މެންބަރުންނަށް ވަރަށްބޮޑަށް ޝުކުރު ދަންނަވަން. އާދެ، މިހާރުގެ މި މަޖްލީހަކީ ނަމޫނާ މަޖްލީހެއް. ރައްޔިތުންނަށް ދިމާވާ ކޮންމެ ކަމެއްގަ މިވީ ކުޑަދުވަސްކޮޅުގެ ތެރޭގަވެސް ލާމަސީލު މިސާލު ދައްކަވާފަވޭ. 

މިދޭތެރެއިން މާލޭގަ ވިއްސާރަވެގެން ދިޔައިރުގަވެސް އަމިއްލަފުޅަށް ނިކުމެ ވަޑައިގެން ރައްޔިތުންނަށް އެހީތެރިކަން ދެއްވުމުގަ އުޅުއްވި. މި މަޖްލީހަކީ މަޖްލީހުގަ ކުރަންޖެހޭ ކަންކަމުގަވެސް، އެބޭފުޅުންގެ ޤާނޫނީ ޒިންމާ އަދާކުރެއްވުމުގަ އަދި ޤައުމީ ޒިންމާ އަދާކުރެއްވުމުގަ ތިޔަ ލޮބުވެތި ރައްޔިތުން އެބޭފުޅުންނަށް ކުރެއްވި އިތުބާރު ފުރިހަމަ ގޮތުގަ ދަމަހައްޓަދީ ރައްޔިތުންނަށްޓަކާ މި ޤައުމަށްޓަކާ ކޮށްދޭންޖެހޭ ހުރިހާ މަސެއްކަތެއްގަ އަތުކުރި އޮޅާލައިގެން ތިއްބެވި ވަރުގަދަ ފަހުލަވާނުންތަކެއް. ވަރަށްބޮޑަށް ތިބޭފުޅުންނަށް ޝުކުރު ދަންނަވާލަން.

ދެންމެގަ ފޯމުތައް ހަވާލު ކުރެއްވި ހުރިހާ ޢިއްޒަތްތެރި މަޖްލިސް މެންބަރުން، އަދި އެބޭފުޅުންގެ ދާއިރާތަކުގެ ހުރިހާ ރައްޔިތުންނަށް، އަދި މި ފޯމުތައް ހުށައެޅުއްވި ނޫނިއްޔާ މި ޕާޓީއާ ގުޅިވަޑައިގެންނެވިހުރިހާ 

ބޭފުޅުންނަށް އެ ނިންމެވި ނިންމެވުމަށްޓަކާ  ހުރިހާ ބޭފުޅުން ޝާމިލްވާގޮތަށް، މިރޭ އަޅުގަނޑުމެންނާ ގުޅިވަޑައިގެންނެވި ހުރިހާ ބޭފުޅުންނަށް އަޅުގަނޑު ހިތުގެ ފުންމިނުން ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. ވަރަށްބޮޑަށް ޝުކުރިއްޔާ. 

ރާއްޖޭގެ އެކި ކަންކޮޅުތަކުގަ ބާރު މިނުގަ އެ މަސެއްކަތް އެބަ ކުރައްވާ މިބޭފުޅުން. ދިވެހި ލޮބުވެތި ރައްޔިތުން މި ޕާޓީ ނިޒާމުގަ ނިންމާފަ މިވަނީ، ނިންމަމުން އެދަނީ ކޮންމެ ދުވަހަކު " ތިމަންނަމެން ބޭނުންވަނީ ޕާޓީއެއްގަ އުޅެންޏާ ޕީ.އެން.ސީ ގަ އުޅެންށޭ." އެކަން އެދަނީ ޢަމަލީގޮތުން ސާބިތުކުރަމުން. ޕާޓީއެއްގަ އުޅެންޏާ ބޭނުންވަނީ މިޕާޓީގަ އުޅެންށޭ. އަޅުގަނޑު ހަމަ ތިކަމަށް ވަރަށް ބޮޑަށް މަރުޙަބާ ކިޔަން. ހަމަ ތި ގެންދަވާ ގޮތުގަ ކުރިއަށް ގެންދެވުމަކީ ރާއްޖޭގަ މިއޮތް ޕާޓީ ނިޒާމުގަ އަޅުގަނޑުމެން ރައްޔިތުންނަށްޓަކާ މި ކޮށްދޭ މަސައްކަތަށް ލިބޭ ވަރަށްބޮޑު ހިތްވަރެއް. ހަމަ ވަރުގަދައަށް ތިމަސެއްކަތް ކުރިއަށް ގެންދިއުމަކީ އަޅުގަނޑު އެދޭގޮތް. އަޅުގަނޑު ހަމަ 100 ޕަސެންޓު ޔަޤީން މިހާރު މިއޮންނަ ގަވައިދުގެ ތެރެއިން އަދި އެހެން ނޫނަސް އަޅުގަނޑުމެންގެ ފަރާތުން ނާއްނާނެ ފޭކް ފޯމެއް. މީ ޙަޤީގީ ފޯމުތައް މިރޭ މިއައީ. ކުރިއަށް އޮތްތާންގަވެސް އިރާދުކުރެއްވިއްޔާ އަޅުގަނޑުމެންގެ ފަރާތުން ހުށައަޅާނީ ޙަޤީގީ ފޯމުތައް. އިތުރުވެގެން ދާނީ މެންބަރުން. އަޅުގަނޑު އުއްމީދު ކުރަނީ މިއަހަރުގެ އަޅުގަނޑމެންގެ މި ސަރުކާރުގެ ރައްޔިތުންގެ މި ދިވެހިންގެ މި ސަރުކާރަށް 1 އަހަރު ވުމުގެ ކުރިއަށް މި ކޮންގްރެސް ޕާޓީގަ 75000 މެންބަރުން ތިކުރައްވާ މަސައްކަތުން އިތުރު ކުރައްވާނެކަމަށް. އަޅުގަނޑު ވަރަށް އެތަން ދެކޭހިތްވޭ. 

- ރައީސް ޑރ. މުޙައްމަދު މުޢީއްޒު ޕީއެންސީ ހައުސް ޖަލްސާގަ ދެއްކެވި ވާހަކަފުޅުން

 

މިއަދު އޮންލައިން