އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އޮންލައިންކޮށް ޞަދަޤާތް ކުރެވޭނެ އިންތިޒާމް ހަމަޖައްސަވައި، އެކަން މިއަދު އިފްތިތާހްކޮށްފިއެވެ. މިކަން އިފްތިތާހްކޮށްދެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދެވެ.
މިއަދު އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި ބޭއްވުނު ރަސްމިއްޔާތެއްގައި، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ވެބްސައިޓުގައި ޞަދަޤާތް ކުރުމަށް ޚާއްސަ ޕޭޖެއް ޤާއިމްކޮށް އެކަން އިފްތިތާހްކޮށްދެއްވިއެވެ. މި އައު ޚިދުމަތުގެ ދަށުން، ރައްޔިތުންނަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ވެބްސައިޓު މެދުވެރިކޮށް ޞަދަޤާތް ކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
ވެބްސައިޓު މެދުވެރިކޮށް ޞަދަޤާތުގެ ގޮތުގައި އެހީތެރިކަން ފޯރުކޮށްދެވޭނެ ދާއިރާތަކުގެ ތެރޭގައި ޤުރުއާން ޙިފްޘު ކުލާސްތަކަށް އެހީވުން، ޢުމްރާއަށް ފޮނުވުމަށް އެހީވުން، އިސްލާމީ ދާއިރާތަކުން މަތީ ތަޢުލީމަށް އެހީވުން، އިސްލާމީ ލައިބްރަރީތައް ޤާއިމްކުރުން، މިސްކިތް ބިނާކުރުން، ޤުރުއާން ހިތުދަސްކޮށް ނިންމާ ފަރާތްތައް ޢުމްރާއަށް ފޮނުވުން، ދީނީ ހަރަކާތްތަކަށް ސްޕޮންސަރ ދިނުން އަދި މިސްކިތްތަކަށް އެހީވުން ހިމެނެއެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. ޝަހީމް ޞަދަޤާތް ކުރުމުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ. އަދި މި އައު ޚިދުމަތަކީ ޞަދަޤާތް ކުރުމަށް ބޭނުންވާ ފަރާތްތަކަށް އިތުރު ފަސޭހަކަމެއް ލިބިގެންދާނެ ކަމެއްކަމަށް ވިދާޅުވިއެވެ. އަދި ދީނީ އެކި ކަންކަމަށް ވީހާވެސް ގިނަ ފަރާތްތަކުން އެހީތެރިކަން ފޯރުކޮށްދެއްވުމަށް ވަޒީރު އެދިވަޑައިގަތެވެ.