ކީރިތި ޤުރުޢާން ހިތުދަސްކުރާ ކުދިން އުމްރާއަށް ފޮނުވުމުގެ ޕްރޮގްރާމް މާދަމާ ފެށުމަށް ނިންމާފައިވާ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
މިކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު ޑރ. ޝަހީމް ވިދާޅުވެފައިވަނީ، މި ޕްރޮގްރާމްގެ ދަށުން ފުރަތަމަ ޙާފިޒަށް މާދަމާ ފުރުޞަތު އަރުވާނެ ކަމަށެވެ. އަދި މި ފުރުޞަތު ލިބޭ ފަރާތަކީ ޤުރުއާންގެ އާޔަތުގެ ނަމްބަރާއެކު ޤުރުއާން ހިތު ދަސްކޮށްފައިވާ ފަރާތެއްކަން ވަޒީރު ހާމަކުރެއްވިއެވެ.
މި ޕްރޮގްރާމަކީ ކީރިތި ޤުރުއާން ހިތުދަސްކޮށް ނިންމާ ދަރިވަރުންނަށް ހިތްވަރު ދިނުމުގެ ގޮތުން ހިންގާ ޕްރޮގްރާމެކެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުން މާތްވެގެންވާ އިސްލާމްދީނަށް ނަޞްރުދިނުމަށް ކުރާ މަސައްކަތްތަކުގެ ތެރެއިން އެއް މަސައްކަތެވެ.
ރައީސް މުއިއްޒު ވަނީ މީގެކުރިން، މާތްވެގެންވާ އިސްލާމްދީނަށް ނަޞްރުދިނުމަކީ އެމަނިކުފާނު އެންމެ އިސްކަން ދެއްވާނެ ޤައުމީ އެއް ވާޖިބުކަމަށާއި، އެކަމަށްޓަކައި ކީރިތި ޤުރުއާނުގެ ޢިލްމު ފެތުރުމަށް މި ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވާނެކަމަށް ވިދާޅުވެފައެވެ.
މި ސަރުކާރުން އަންނަނީ ޤުރުޢާން ކިޔެވުމަށް ބާރުއަޅައި، ޤުރުޢާނުގެ އިލްމު އުނގެނުމަށް ހިތްވަރުދިނުމުގެ ގޮތުން ގިނަ ކަންތައްތަކެއް ރާވައި ހިންގަމުންނެވެ. މި ޕްރޮގްރާމަކީ އެފަދަ މަސައްކަތްތަކުގެ ތެރެއިން އެއް މަސައްކަތެވެ.