އަލަށް އުފައްދަވާފައިވާ މޯލްޑިވްސް ޑިވެލޮޕްމަންޓް ބޭންކް ވެގެންދާނީ ޓޫރިޒަމް އިންޑަސްޓްރީގައި ރިސޯޓް ހެދުމާއި، އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިންނާއި ރިއަލްއެސްޓޭޓާއި ހައުސިންގ ފަދަ ދާއިރާތަކުން އިންވެސްޓުކުރާނެ ފަރާތްތަކަށް ހަބެއްގެ ގޮތުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ،
ރައީސް ވިދާޅުވީ، "ވަރަށް ތާރީޚީ ކަމެއް މިފެށެނީ. ރާއްޖޭގެ އިޤްތިޞާދު ފުޅާކުރުމަށްޓަކައި އިޤްތިޞާދު ސިންދަފާތުކޮށް ކުރިއަށްގެންދިޔުމަށް ސަރުކާރުން ގެންގުޅުއްވާ މެނިފެސްޓޯގެ އެންމެ މުހިއްމު އެއްބައި ޑިވެލޮޕްމަންޓް ބޭންކެއް އުފެއްދުމަކީ" ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން ރާއްޖޭގެ ފުރަތަމަ މޯލްޑިވްސް ޑިވެލޮޕްމަންޓް ބޭންކް އުފައްދަވާފައިވަނީ މެއިމަހުގެ 16 ވަނަ ދުވަހުގައެވެ. އަދި ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ބޭންކްގެ ބޯޑަށް 3 މެންބަރުން ޢައްޔަންކުރައްވާފައިވަނީ މިމަހުގެ 21 ވަނަ ދުވަހުގައެވެ.
މީގެ އިތުރުން، ޑިވެލޮޕްމަންޓް ބޭންކްގެ ބޯޑަށް މިހާރު ވަނީ ބޭރުގެ ދެ ބޭފުޅުން އައްޔަންކުރައްވާފައެވެ. މި ބޭންކް އުފެއްދެވުމާއެކު، ރާއްޖޭގެ އިޤްތިޞާދީ ދާއިރާތަކަށް އިތުރު ކުރިއެރުމެއް ލިބި، އިންވެސްޓަރުންނަށް އިތުރު ފުރުޞަތުތަކެއް ހުޅުވިގެންދާނެ ކަމަށް ބެލެވެއެވެ.