މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ހިންގަމުންދާ އިމާމުން ތާޒާކުރުމުގެ ޤައުމީ މަޝްރޫޢުގެ ދަށުން ކުރިއަށްގެންދެވުނު ޕްރޮގްރާމުގެ ތިންވަނަ ބުރު 40 އިމާމުން ފުރިހަމަކޮށް، ސެޓްފިކެޓު ޙާޞިލްކޮށްފިއެވެ.
މި ސެޓްފިކެޓް ދިނުމުގެ ޖަލްސާ ބޭއްވުނީ އޮންލައިންކޮށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގައެވެ. މި ތަމްރީނު ޕްރޮގްރާމު އަމާޒުކުރެވިފައިވަނީ ވ އަދި މ އަތޮޅުގެ އިމާމުންނަށެވެ.
މިހާތަނަށް މި ޕްރޮގްރާމުގައި ޖުމްލަ 157 އިމާމުން ބައިވެރިވެ ޕްރޮގްރާމު ނިންމާ ސެޓްފިކެޓު ޙާޞިލްކޮށްފައިވެއެވެ. މީގެ ތެރޭގައި ގއ އަދި ގދ އަތޮޅުން 77 އިމާމުންނާއި، ޏ އަތޮޅުން 40 އިމާމުން ހިމެނެއެވެ.
އިމާމުން ތަމްރީނުކުރުމުގެ މި ޤައުމީ މަޝްރޫޢަކީ އިމާމުކަމުގެ ދާއިރާއިން އިތުރު ތަމްރީނު ދިނުމަށްޓަކައި 11 ސަރަޙައްދަކަށް ބަހާލައިގެން ދާއިމީ އިމާމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމު ކުރިއަށް ގެންގޮސްފައިވަނީ 3 ދުވަހުގެ މުއްދަތަށެވެ.
މި ޕްރޮގްރާމްގައި ޖުމްލަ 9 މާއްދާ ކިޔަވައިދެވުނެވެ. އޭގެ ތެރޭގައި ޤުރްއާނާއި، ތަޖުވީދުގެ ޢިލްމާއި، ތަފްސީރާއި، ފިޤުހާއި، ޙަދީޘާއި، އަޤީދާގެ ޢިލްމުގެ ދާއިރާއިން އިމާމަކަށް ބޭނުންވާ މުހިންމު ޢިލްމީ ކަންކަން ހިމެނެއެވެ. އަދި މިސްކިތްތައް ބެލެހެއްޓުމުގެ ގޮތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައްވެސް އުނގަންނައިދެވުނެވެ.
ސަރުކާރުގެ އަމާޒަކީ 2024 ވަނަ އަހަރު ނިމުމުގެ ކުރިން މި މަޝްރޫޢުގެ ދަށުން ޖުމްލަ 700 އިމާމުން ތަމްރީނުކޮށް ނިންމުމެވެ.