ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު މޫސާ ޒަމީރު ސައުދީ އަރަބިއްޔާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވައިފިއެވެ. މި ދަތުރުފުޅުގެ މަޤްޞަދަކީ ދިވެހިރާއްޖެއާއި ސައުދީ އަރަބިއްޔާއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމެވެ.
މި ދަތުރުފުޅުގައި ޚާރިޖީ ވަޒީރު ސައުދީ އަރަބިއްޔާގެ ފޮރިން މިނިސްޓަރ ހިޒް ހައިނަސް ޕްރިންސް ފައިސަލް ބިން ފަރުހާން އަލް-ސައޫދާ ބައްދަލުކުރެއްވިއެވެ. މި ބައްދަލުވުމުގައި މިނިސްޓަރ ޒަމީރު، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން ސައުދީ އަރަބިއްޔާގެ ކިރީޓި އަމީރު އަދި ބޮޑުވަޒީރު ހިޒް ރޯޔަލް ހައިނަސް ޕްރިންސް މުޙައްމަދު ބިން ސަލްމާން ބިން އަބްދުލްއަޒީޒް އަލް-ސައޫދަށް އެޑްރެސްކޮށްފައިވާ ސިޓީފުޅެއް އަރުވާފައިވެއެވެ.
ޚާރިޖީ ވަޒީރު ހިޒް ހައިނަސް ޕްރިންސް ފައިސަލްއާއެކު ބޭއްވުނު ބައްދަލުވުމުގައި، މިނިސްޓަރ ޒަމީރު ދެ ޤައުމުގެ ދެމެދުގައި އޮތް ދީރިންވެފައިވާ އުޚުއްވަތްތެރި ގުޅުމާ ބެހޭގޮތުން މަޝްވަރާކުރައްވައި، ދެ ޤައުމުގެ މަޞްލަޙަތު ހިމެނޭ ދާއިރާތަކުގައި މުސްތަޤްބަލުގައި އެއްބާރުލުން ދެވިދާނެ ދާއިރާތަކާ ބެހޭގޮތުން ވާހަކަދެއްކެވިއެވެ.
ޚާރިޖީ ވަޒީރު އަދި ސައުދީ އަރަބިއްޔާ ސަރުކާރުގެ އެހެނިހެން އިސް ބޭފުޅުންނާއި ސައުދީ ފަންޑް ފޮރ ޑިވެލޮޕްމަންޓްގެ ބޭފުޅުންނާވެސް ބައްދަލުކުރެއްވިއެވެ. މީގެ އިތުރުން މިނިސްޓަރ ޒަމީރު ރިޔާދުގައި ދިރިއުޅުއްވާ ދިވެހި ރައްޔިތުންނާ ބައްދަލުކުރައްވައި އެ ބޭފުޅުންގެ ޙާލު އަހުވާލު ބައްލަވާލެއްވިއެވެ.
މި ދަތުރުފުޅުގައި ޚާރިޖީ ވަޒީރު މޫސާ ޒަމީރުގެ އިތުރުން އެމްބެސެޑަރ އެޓް ލަރޖް އަޙުމަދު ނަސީރު، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް އެމްއޭސިއެލްގެ މެނޭޖިން ޑިރެކްޓަރ އިބްރާޙިމް ޝަރީފް މުޙައްމަދު، ޖޮއިންޓް ސެކްރެޓަރީ ބަދޫރާ ސަޢީދު އަދި ޚާރިޖީ ވުޒާރާގެ ޑިރެކްޓަރ ޖެނެރަލް އައިޝަތު ފަރީނާ ބައިވެރިވެވަޑައިގެންނެވިއެވެ.