ކާބޯތަކެތީގެ ރައްކާތެރިކަމުގެ ޤާނޫނަށް މާދަމާއިން ފެށިގެން ޢަމަލުކުރަން ފަށާނެ ކަމަށް ސިއްޙީ ވުޒާރާއިން މިއަދު އިޢުލާނުކޮށްފިއެވެ.
މި ޤާނޫނާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ސިއްޙީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވީ، ރައްޔިތުންގެ ކާނާގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށެވެ. އަދި ކާބޯތަކެތި ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން، ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން ރަޖިސްޓްރީކުރުމުގެ އިންތިޤާލީ އުސޫލު މި މަހުގެ 23 ވަނަ ދުވަހު ގެޒެޓްކުރައްވާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ކާބޯތަކެތި ރައްކާތެރިކުރުމުގެ ޤާނޫނަކީ ކާބޯތަކެތީގެ ފެންވަރު ހިފެހެއްޓުމާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އުސޫލުތަކާއި މިންގަނޑުތައް ކަނޑައެޅުމުގެ ޤާނޫނެކެވެ. މި ޤާނޫނުގައި ކާބޯތަކެތި ތައްޔާރުކުރުމާއި އިމްޕޯޓް އެކްސްޕޯޓް، ކާބޯތަކެތި ވިއްކާ ޚިދުމަތްދޭ ތަންތަން ހިންގުމުގެ މިންގަނޑާއި ރަޖިސްޓްރީކޮށް ލައިސަންސް ހޯދުމުގެ އުސޫލުތައް ކަނޑައަޅާފައިވެއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، މި ޤާނޫނުން ކަނޑައަޅާފައިވާ މިންގަނޑުތަކާ ޚިލާފުވާ ފަރާތްތަކަށް 10،000 ރުފިޔާއިން ފެށިގެން 50،000 ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭނެ ކަމަށެވެ.
މި ޤާނޫނުގެ ސަބަބުން ރާއްޖެއަށް އެތެރެކުރާ އަދި ރާއްޖެއިން ބޭރަށް ފޮނުވާ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ފެންވަރު ރަނގަޅުވެގެންދާނެ ކަމަށް އުންމީދުކުރެވެއެވެ.
މި ޤާނޫނު ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ތަސްދީޤްކުރެއްވީ މިއަހަރުގެ މެއި މަހުގެ 23 ވަނަ ދުވަހުއެވެ.